މާދަމާ އަކީ ފަހު ރޯދަ، އީދު ދުވަހަކީ އާދިއްތަ ދުވަސް

1440 ވަނަ އަހަރުގެ ފިތުރު އީދު ނަމާދު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މާދަމާ އަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި ޝައްވާލު މަހުގެ ފުރަތަމަ ދުވަސް (ފިތުރު އީދު) ދުވަހަކީ އާދިއްތަ ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.

ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ހަނދާ ބެހޭ ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހުގެ 29 ވީ ހުކުރު ދުވަހުގެ އިރުއޮއްސުނުއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް މި އަހަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތިނުވާކަން އިތުބާރުހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާ ކަމަށެވެ.

މީގެ އިތުރުން މިއަދުގެ އިރުއޮއްސުމަށް ފަހުވެސް ރާއްޖޭގެ އެއްވެސް ހިސާބަކަށް މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ފެނިފައިނުވާކަަމަށާއި އިސްލާމީ އެއްވެސް ގައުމަކަށްވެސް މިއަހަރުގެ ޝައްވާލު މަހުގެ ހަނދުފެނުނުކަމުގެ އިތުބާރުހުރި މައުލޫމާތު ލިބިފައިނުވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގައި ރާއްޖޭޭގައި އަމަލު ކުރަމުންދާ އުސޫލުގައިވާގޮތުގެ މަތިން މާދަމާ، މެއި 23 ވާ ހޮނިހިރު ދުވަހަކީ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި މެއި 24 ވާ އާދިއްތަ ދުވަހަކީ ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމަށް ކަނޑައަޅާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އާދިއްތަ ދުވަހަކީ އީދު ދުވަސް ކަމަށް ވިޔަސް ކޮވިޑް 19އިގެ ސަބަބުން މާލޭގައި ޖަމާއަތުގައި ނަމާދު ކުރުން މަޑު ޖައްސާލާފައި ވާތީ، ޖަމާއަތުގައި އީދު ނަމާދު ކުރުމެއް ނޯންނާނެ އެވެ. އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީއިން އިރުޝާދު ދީފައިވަނީ ގޭގައި އީދު ނަމާދު ކުރުމަށެވެ.

comment ކޮމެންޓް