އީދުގެ ފޮނިފޮނި ހަނދާންތަކެއް، ހާދަ މިސްވެޔޭ!

ކެލާގައި ކުރިއަށްދިޔަ އީދު ކުޅިވަރުތަކުގެ ތެރެއިން -- ފޮޓޯ: އައިލެންޑް އޮފް ބިއުޓީ ކެލާ

ޗުއްޓީއެއް ލިބޭއިރަށް ފޮއްޓަށް އެއްޗެހި އަޅައިގެން ކޮންމެވެސް ދިމާއަކަށް ނައްޓައިލުމަކީ ދިވެހިންގެ ކަށީގައި ހިފާފައި ހުންނަ ކަމެކެވެ. ހަފްތާ ބަންދާ ވިދިގެން އެއްދުވަސް ޗުއްޓީއަށް ލިބުނަސް ކައިރި ގައުމަކަށް ނޫނީ ކޮންމެވެސް ރަށަކަށް ދާނެ އެވެ. އާއިލާއާއެކު ނުވަތަ ރައްޓެހިންނާއެކު ކޮންމެވެސް މަޖާގަނޑެއް ނަގަން ކަމެއް ރާވާލާނެ އެެވެ. އެކަމަކު ކޮވިޑް-19އާ އެކު ގޭގައި ބަންދުވެ ތިބެން ޖެހުމުން މިއީ ގިނަ ބައެއްގެ ހަޔާތުގައި އަންނަ އެންމެ ތަފާތު އީދެވެ. އެތައް ހަނދާންތަކެއް އާކޮށްދޭނެ އީދެކެވެ.

މިފަހަރުގެ އީދުގައި އަހަރުމެން އެންމެ މިސްވާނީ ކޮންކޮން ކަންތައްތަކެއް ހެއްޔެވެ؟

އީދު ދަތުރާއި ރަށަށް ދިޔުން

ކޮންމެ އަހަރަކުވެސް ކުޑައީދާ ދިމާކޮށް އެންމެ ބާރުބޮޑުވަނީ ރަށްރަށުގެ ގެސްޓްހައުސްތަކަށެވެ. ލޯންޗު ފެރީ އާއި ޑޮމެސްޓިކް އެއާޕޯޓުތަކާއެކު ދަތުރުފަތުރުގެ ކަންތައް ފަސޭހަވެ، ދާން އެންމެ ބޭނުން ދިމާއަކަށް ނައްޓާލަ އެވެ. ކުރިން ގާތް އެކުވެރިން ނޫނީ ތިމާގެ މީހަކު ހުންނަ ރަށަކަށް ދިޔަ ނަމަވެސް މި ފަހުން އަބަދުވެސް ބަލަނީ މީގެ ކުރިން ނުދާ ރަށަކަށްގޮސް، އެރަށުގައި ހުންނަ ހާއްސަ ކަންތައް ބަލައިލެވޭތޯ އެވެ.

އާންމުކޮށް އީދު ޗުއްޓީ އާއި "ލޯންގް ވީކެންޑްސް"އާ ދިމާކޮށް އެންމެ ބާރުބޮޑު ވަނީ މާލެ އަތޮޅާއި ބ އަތޮޅު އަދި އއ، އދ އަތޮޅުގެ އިތުރުން ވ. އަތޮޅުގައި ހިންގާ ގެސްޓްހައުސްތަކަށެވެ. ނޫނީ އެންމެ ގަދަޔަށް އީދު ކުޅިވަރު އޮތް ރަށެއް ބަލައިގެން ދާނީ އެ ރަށަކަށެވެ.

މީގެ ކުރިން އީދު އަންނަންވާއިރަށް އަވަހަށް ބުކިންގްސް ހަދައި ދަތުރަށް ތައްޔާރުވި ނަމަވެސް މިއަހަރުގެ އީދު ހޭދަކުރަން ޖެހިފައި މިއޮތީ ގޭގައި ތިބެގެންނެވެ. ކޮވިޑް19 ގެ ސަބަބުން ގެސްޓްހައުސް ވިޔަފާރި އެއްކޮށް ހުއްޓިފައި އޮތްއިރު ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ވެސް އޮތީ މަނާވެފަ އެވެ.

މާފުށީގައި ހިންގާ ކާނި ހޮޓެލް -- ފޮޓޯ: ޓްރިޕް އެޑްވައިޒާ

މިއާއެކު މިފަހަރުގެ ފިތުރު އީދުގައި އެންމެ ބޮޑު ފަޅުކަމެއް އަންނާނީ ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކަށެވެ. ގެސްޓްހައުސްތަކަށް ލިބޭ އާމްދަނީ އަށް އަންނަ ހީނަރުކަމުގެ އިތުރުން ރަށްރަށަށް ގޮސް މަޖާކޮށްލާ، އެރަށްރަށުގެ ތާރީހީ ކަންތައް ހޯދާ ބަލާ، ރަށުގެ ރައްޔިތުންނާއެކު އީދު ފާހަގަ ކޮށްލުންވެސް މިއަހަރު ވަރަށް މިސްވާނެ އެވެ. އީދާ ދިމާކޮށް އެކި ދިމަދިމާއިން މީހުންތައް ގޮސް ފުރާލާ ރަށްރަށުން އެ ފަޅުކަން އިހުސާސް ކުރާނެ އެވެ.

ކޮވިޑް19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާ ގުޅިގެން، 24 ގަޑިއިރަށް މާލެ ސަރަހައްދު ބަންދުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އީދަށް ހާއްސަކޮށް އުފަން ރަށަށް ދާ މީހުންނަށްވެސް މިއަހަރު މި ފަޅުކަން އަންނާނެ އެވެ. ކޮވިޑާ ގުޅިގެން ރަށްރަށަށް ދަތުރުކުރުމުގައި ގެންގުޅޭ ހިފެހެއްޓުންތަކާއެކު މާލޭގައި ދިރިއުޅޭ މީހުން އެހެން ރަށަކަށް ދާނަމަ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރަންޖެހޭއިރު، އީދު ވިލޭރޭ ފުރައިގެން އީދު ނަމާދު ކުރަން ރަށަށް ދާ ދިޔުންވެސް މިއަހަރު މިސްވާނެ އެތައް ބަޔަކު ތިބޭނެ އެވެ.

އީދަށް ރަށަށް ދާން ކުރިއާލާ ޓިކެޓު ބުކްކުރި އެތައް ބަޔަކު ތިބީ މާޔޫސްކަން މަތީ އެވެ. ދަތުރުތައް ހުއްޓި މިހާލަތުގައި ތިބެންޖެހިފައި މިތިބީ އެމީހަކު ތިބިތަނެއްގައި ބަންދުވެގެންނެވެ.

1439 ވަނަ އަހަރުގެ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް -- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އީދު ނަމާދާއި އާއިލީ ސައި

އީދު ނަމާދަށްފަހު އާއިލާ އާއި ރައްޓެހިންނާއެކު އީދު ސައި ބުއިމުގެ އާދައަށްވެސް މިފަހަރު ބަދަލު އަންނާނެ އެވެ. ބަލިމަޑުކަމާއެކު ގައިދުރުކުރުންް އިސްކުރަންޖެހި ކުރީ އަހަރުތައް ފަދައިން މަޖާކޮށް އެންމެން އެކީ ބޮޑު ޖަމާއަތުގައި ސައިބުއިމުގެ ކަންތައް މިއަހަރު ކުރިއަށް ނުގެންދެވިދާނެ އެވެ. އީދު ނަމާދަށް ފަހި މާމަ އަޅާ ބޯކިބަލާ އެކު ސައި ބޯން އެދާ ދިޔުން ދެން މިސްވާނެ އެވެ. އެކަމަކު ފޯނުން ގުޅާލާ، އީދުގެ ތަހުނިޔާ ކިޔާލާ އެކުވެރިކަމާއި ގުޅުން ބަދަހި ކޮށްލުމަކީ ކުރަންވާނެ ކަމެކެވެ.

ބީއެމްއެލް އިން ބޭއްވި އީދު ސައި -- ފޮޓޯ: ބީއެމްއެލް

ކޮވިޑް19 އާއެކު މިއަހަރުގެ ރޯދަ މަސްވެސް ނިމިގެން މިދިޔައީ ގިނަ އާދަތަކެއް ބަދަލު ކުރުވައިފަ އެވެ. ޖަމާއަތުގައި ނަމާދު ކުރުމާއި ތަރާވީހު ކުރުން، އާއިލާ އާއެކު ރޯދަވީއްލުމާއި އާއިލީ ގޭގެއަށް ތަށިބަރި ގެންދިޔުން އަދި ރޯދަ ކުރުކުރަން ޖަހާ ބުރުތަކާއި މަޑިއެއްލަން ދިޔުމާއި ރެސްޓޯރެންޓުތަކަށް ގޮސްް ރޯދަ ވީއްލުންފަދަ އެތައް ކަމެއް ކޮށްލަން މިފަހަރު ފުރުސަތެއް ނުލިބުނެވެ ރޯދަ އަށް ހާއްސަކޮށްގެން މީގެ ކުރިން ބާއްވާ އެއްވެސް ކުޅިވަރު މުބާރާތެއްވެސް ކުރިއަކަށް ނުގެންދެ އެވެ.

ގޭގައި ތިބެގެން، ވީހާވެސް ހަރަދު ކުޑަކޮށް ނިންމާލި މި ރޯދަމަހާއެކު އަންނަ އީދުވެސް ވަރަށް ތަފާތެވެ. ޒަމާނުއްސުރެ ގެންގުޅުނު އެތައް އާދައެއް މިފަހަރު ބަދަލުވެއްޖެ އެވެ.

އީދު ދުވަހަށް ވިޔަފާރި ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އީދު ހެނދުން ގަތުމާއި އީދު ފެންކުޅި

އީދަށް ބާޒާރު ކުރުމާއި ނަލަހެދިގެން ބޭރަށް ނިކުތުންވެސް ނޯންނާނެ އެވެ. ޒަމާންތަކެއް ވިޔަސް ދިވެހިންގެ ބަދަލު ނުވާ އާދައަކީ އީދު ހެނދުން ގަތުމެވެ. އީދަށް ކޮންމެވެސް ފިހާރައަކަށް ގޮސް، ދަރިންނާއި އާއިލާގެ އެންމެންނަށް ކަހަލަ ގޮތަކަށް ހެނދުން ގަންނާނެ އެވެ. އީދު ވިލޭރޭ ހެނދުން ވިއްކާ ފިހާރަތައް އޮންނާނީ ތޮއްޖެހިފަ އެވެ. އެކަމަކު ހެނދުން ވިއްކާ ފިހާރަތައް މާލޭގައި ހުރީ ބަންދުކޮށްފަ އެވެ. މިއީ އެ ފިހާރަތަކަށް ވެސް ފަޅު އީދެކެވެ.

ގދ. ތިނަދޫގައި މީގެ ކުރީ އީދެއްގައި ފެންކުޅި ކުޅެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އީދު ކުޅިވަރުތައްވެސް ބޭއްވޭކަށް ނެތެވެ. މާލި ނެރުމާއި ފެންކުޅި އާއި ކޯޑި ކެނޑުމާއި ދިވެހީންގެ ތެރެއިން އެންމެން ވެސް މި ފަހުން މަޖާ ނަގައި ކުލަ ޖެހުމާއި ފެން ކުޅި ވެސް މިފަހަރު ނޯންނާނެ އެވެ. އަދި ސްޓޭޖް ޝޯތައް ވެސް ނޯންނާނެ އެވެ. ބަލި ނެތް ރަށްރަށުގައިވެސް ރައްކާތެރިކަމުގެެ ފިޔަވަޅުތައް އަޅާފައިވާތީ މީހުން އެއްވެގެން ހިންގާ އެއްވެސް ކުޅިވަރެއް ނުވަތަ ހަރަކާތެއްވެސް ނުފެންނާނެ އެވެ.

މިއީ ހަޔާތުގައިވެސް މީގެ ކުރިން ނުފެންނަވަރުގެ ފަޅު އީދަކަށް ވާނެ އެވެ. އެންމެންގެ އުއްމީދަކަށް އޮތީ މި ބަލިމަޑުކަމުން އަރައިގަނެވި، ކުރިއަށް އޮތް އަޟްހާ އީދުގެ އުފާ ރައްްޓެހިންނާއި އާއިލާ އާއެކު ހާސިލުކުރުމެވެ. އަދި ރަނގަޅުވާނެ އެވެ.

comment ކޮމެންޓް