ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲގެ އުފަން ރަށުގައި ކަށުނަމާދު

މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ (މަރޮށީ ހުސައިން ކަލޭފާނު) ---

ކޮވިޑް-19އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވި މަޝްހޫރު ވިޔަފާރިވެރިޔާ މަރޮށީ ހުސައިން އަބްދުﷲ (މަރޮށީ ހުސައިން ކަލޭފާނު)ގެ ޣައިބަށް އެ ރަށުގައި ކަށުނަމާދުކުރުމަށް ނިންމައިފި އެވެ.

ރާއްޖޭގެ ބޮޑު ހޯލް ސޭލް ވިޔަފާރިއެއް ކަމަށްވާ، އެމްއެޗްއޭގެ ބާނީ، ހުސައިން ކަލޭފާނު އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ގައި ކޮވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް މިމަހުގެ 13 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ.

ހުސައިން ކަލޭގެފާނުގެ އުފަން ރަށް ކަމުގައިވާ މަރޮށީ ކައުންސިލުން މިއަދު ބުނެފައިވަނީ ހުސައިން ކަލޭގެފާނުގެ ޣައިބަށް ކަށުނަމާދު ކުރާނީ އެރަށުގެ ހުކުރު މިސްކިތުގައި ކަމަށެވެ. އަދި ކަށުނަމާދު ކުރާނީ މިރޭގެ އިޝާ ނަމާދަށް ފަހުގައި ކަމަށްވެސް ކައުންސިލުން ބުނެފައިވެ އެވެ.

ކޮވިޑް ނެތް ރަށްރަށުގެ މިސްކިތްތައް ހުޅުވާލުމުގެ ހުއްދަ މިނިސްޓްރީއިން ދިނީ މިއަދު އެވެ.

ހުސައިން ކަލޭފާނަކީ ޖަމާއަތަށް ފައިދާހުރި ހާއްސަ ހިދުމަތް ކުރެއްވުމުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާގައި ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

ޖަމާއަތަށް ފައިދާހުރި ހާއްސަ ހިދުމަތް ކުރެއްވުމުގެ ރޮނގުން 1992 ވަނަ އަހަރު ސަރުކާރުން ވަނީ ހުސައިން ކަލޭފާނަށް އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވައިފަ އެވެ. އަދި 2005 ވަނަ އަހަރު ހަމަ އެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމާއި 2011 ވަނަ އަހަރު ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް ވެސް ވަނީ އަރުވައިފަ އެވެ.

އޭނާއަކީ އަމިއްލަ މަސައްކަތުން ކުރިއަށް ވަޑައިގެން، ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ކުރީ ސަފުން ޖާގަ ހޯއްދެވި ކުޅަދާނަ، ހިންގުންތެރި ވިޔަފާރިވެރިއެކެވެ.

ތައުލީމީ ދާއިރާއިންނާއި އިޖްތިމާއީ، އިގްތިސާދީ އަދި އުމްމްރާނީ ތަރައްގީގައިވެސް ހުސައިން ކަލޭފާނު ވަނީ ފާހަގަކޮށްލެވޭ ހިދުމްތަތަކެއް ކޮށްދެއްވައިފަ އެވެ.

އޭނާގެ ޣައިބުގައި ކަށުނަމާދު ކުރުމަށް ހަމަޖައްސާފައިވާއިރު، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ފެށުމަށް ހުއްދަ ދީފައިވަނީ މިއަދު ހުކުރު ނަމާދުން ފެށިގެންނެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ ފުރަބަންދުކޮށްފައި އަދި މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ރަށްތައް ފިޔަވާ އެހެން ރަށްތަކަށް މިއަދު ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރަން ފެށޭނެ ކަަމަށެވެ. އަދި މޮނިޓަރިންއަށް ލައި އާންމު ހާލަތަށް ގެނެސް 28 ދުވަސް ވެފައި ނުވާނަމަ އެ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ނުލިބޭނެ ކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް