ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ބައެއް ރަށްރަށަށް އުދައަރާފާނެ

ޑިސެމްބަރ 5، 2018: ބޯ ވިއްސާރަޔާއެކު މާލެ އާދަޔާ ހިލާފަށް ފެންބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުގެ އެކި ވަގުތު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ވައިގަދަވެ ވިއްސާރަ ކުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހެމުންނެވެ.

މެޓް އޮފީހުން މިއަދު ބުނެފައިވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްއިރު، ވައިގަދަވެ ރާއްހޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި އިތުރަށް ކަނޑު ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މެޓް އޮފީހުން ބުނެފައިވަނީ ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިޖެހުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.

މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ވަގުތު ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އެރުމަކީ އެކަށިގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފަ އެވެ.

comment ކޮމެންޓް