އޭޑީކޭ ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓުކުރަން ފަށައިފި

ކޮރޯނާވައިރަހަށް ޕޮޮޒިޓިވްވެފައިވާ ސާމްޕަލްއެއް: އެއްވެސް ޓެސްޓަކީ މުޖައްރިބު ޓެސްޓެއް ނޫން --- ފޮޓޯ/ އޭއޭ.ކޮމް

އޭޑީކޭ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ އިންތިޒާމުތައް ހަމަޖެހި އެ ހޮސްޕިޓަލުން ބައްޔަށް ޓެސްޓުުކުރަން ފަށައިފި އެވެ.

މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެންއީއޯސީގެ ސްޕޯކްސްޕާސަން މަބްރޫކު އަޒީރު ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓުުކުރަން ފައްޓާފައިވާ ކަމަށެވެ.

"އޭޑީކޭގައި ޓެސްޓުކުރަން ފެށިއްޖެ، އެބޭފުޅުންގެ އަންދާޒާއަކީ ދުވާލަކު 500 ޓެސްޓު އެބޭފުޅުންނަށް ހެދޭނެކަމަށް." މަބްރޫކު ވިދާޅުވި އެވެ.

މަބްރޫކު އިތުރަށް ވިދާޅުވި ގޮތުގައި އައިޖީއެމްއެޗުގައި މިހާރު ދަނީ އާ އެކްސްޓްރެކްޝަން މެޝިނެއް އިންސްޓޯލުކުރަމުންނެވެ، އެ މަސައްކަތް ނިމުމާ އެކީ އައިޖީއެމްއެޗުގައި ޕީސީއާރު ޓެސްޓިންގް ކެޕޭސިޓީ 700 އަށް އިތުރުވެގެންދާނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

އޭޑީކޭ އަދި އައިޖީއެމްއެޗުގެ އިތުރުން ފުލުހުން މެދުވެރިކޮށްވެސް ޓެސްޓުކުރުމުގެ އިންތިޒާމުތަކެއް ރާޢްޖޭގައި ވަނީ ހަމަޖެހިފަ އެވެ. ފުލުހުން މެދުވެރިކޮށް 145 ޕީސީއާރު ޓެސްޓު ދުވާލެއްގެ މައްޗަށް ހެދޭނެކަމަށް މަބްރޫކު ވަނީ ނޫސްވެރިންގެ ބައްދަުވުމުގައި ވިދާޅުވި އެވެ.

"އޭގެ އިތުރުން މިހާރު އަޅުގަނޑުމެން ގަންނަން މަސައްކަތްކުރާ އިތުރު ޕީސީއާރު މެޝިނުގެ ތެރެއިން ބަޔޯފަޔާގެ ދެ މެޝިން މިހާރު ހުރީ ޓްރާންސިޓުގައި އިންޑިޔާގައި. އެ ދެމެޝިން ބޭނުން ކުރާނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އަދި އައިޖީއެމްއެޗުގައި. މި ދެ މެޝިން މި އަންނަ ހަފްތާގެ ތެރޭގައި ރާއްޖެއަަށް ގެނެވޭނެކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ." މަބްރޫކު ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް ކޭސްތަކުގެ އަދަދު ހުރީ 1،216 ގަ އެވެ. ލޮކްޑައުންގެ ބައެއް ފިޔަވަޅުތަކަށް ދޫދިނުމަށް ސަރުކާރުން މިހާރު ނިންމާފައިވާއިރު އެފަދަ ހާލަތެއްގައި ރާއްޖޭގައި ޓެސްޓުކުރެވޭނެ އިންތިޒާމުތައް އިތުރަށް ވަރުގަދަ ކުރާނޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން ރާއްޖޭގައި ފަތުރުވެރިކަން އަލުން ފެށުމަށް އެކުލަވާލައިފައިވާ ގައިޑްލައިންގައިވެސް ވަނީ ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިޔަކު މި ބައްޔަށް ޓެސްޓުކުރެވިގެންދާނޭކަމަށް ބުނެފައެވެ.

comment ކޮމެންޓް