މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ ބާރެއް ނެތް: ސީއެސްސީ

އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެލާނާގެ ބޭރުގައި --- ސަން ފޮޓޯ/ އަހްމަދު މުޖުތަބާ

ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުން ނުވަތަ އެ އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އެއްވެސް ބާރެއް، ގާނޫނީ ގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ލިބިގެން ނުވާކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ކޮވިޑް19 އާއި ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަށް ގަޑިއިރަށްވުރެ ގިނައިރު މަސައްކަތް ކުރުމުންވެސް އިތުރުގަޑީގެ ފައިސާ ނުލިބޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ސިވިލް ސާވިސް މުވައްޒަފުންނަށް ރަމަޟާން މަހު އިތުރުގަޑީގެ ފައިސާ ދޭ އުސޫލަށް ބަދަލު ނުގެންނަން ފިނޭންސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

އިތުރުގަޑީގެ ފައިސާއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސިވިލް ސާވިސް ކޮމިޝަނަށް ވެސް ފާޑުކިޔަމުންނެވެ. އަދި ކޮމިޝަނަށް ގާނޫނުން ލިބިދީފައިނުވާ ބާރުތަކެއް ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކޮށް، ކޮމިޝަނުގެ މެންބަރުން ވަކިކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

އެކަމާ ގުޅިގެން އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ބައެއް މީޑިއާތަކުން، ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގޮތުން އަޅަން ނިންމި ފިޔަވަޅުތަކަކީ، ސިވިލް ސާވިސް ކޮމިޝަނުން ކުރަމުންގެންދާ ކަންތައްތަކެއްކަމަށް ދޭހަވާ ފަދަ ގޮތަކަށް
މައުލޫމާތު ފަތުރަމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ ބާރު ލިބިދީފައިވަނީ ނޭޝަނަލް ޕޭ ކޮމިޝަނަށް ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

"ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުން ނުވަތަ އެ އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އެއްވެސް ބާރެއް، ގާނޫނީގޮތުން ސިވިލް ސާވިސް
ކޮމިޝަނަށް ލިބިގެން ނުވެއެވެ." އެ ބަޔާނުގައިވެ އެވެ.

އެހެންނަމަވެސް، ސިވިލް ސާވިސްގެ މުވައްޒަފުންގެ ހައްގުގައި މަގާމުތަކުގެ ހާއްސަ އޮނިގަނޑުތައް އެކުލަވާލައި، އެ އޮނިގަނޑުތަކަށް މުސާރައާއި އެލަވަންސްތައް ކަނޑައެޅުމަށް، ނޭޝަނަލް ޕޭ ކޮމިޝަނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ސީއެސްސީގެ ބަޔާނުގައިވެ އެވެ.

އެގޮތުން ނަރުހުންގެ އޮނިގަނޑެއް އެކުލަވާލުމާއެކު އެ އޮނިގަނޑަށް މުސާރައާއި އެލަވަންސްތައް ކަނޑައަޅައި 2018 ވަނަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން އަންނަނީ އަމަލުކުރަމުންނެވެ.

އަދި މިހާރުވެސް ސިއްހީ ދާއިރާގެ ވަޒީފާގެ އޮނިގަނޑުތައް ވެސް ހިމެނޭގޮތުން ހާއްސަ ދާއިރާތަކުގެ ހަތް އޮނިގަނޑެއް، އެކުލަވާލައި، އެ އޮނިގަނޑުތަކަށް މުސާރައާއި އެލަވަންސްތައް ކަނޑައެޅުމަށް ނޭޝަނަލް ޕޭ ކޮމިޝަނަށް ހުށަހަޅާފައިވާ ކަަމަށް ސީއެސްސީން ބުންޏެވެ.

އެ ހުށަހެޅުންތަކާ ގުޅިގެން ދައުލަތުގެ ހުރިހާ މަގާމުތައް ހިމެނޭގޮތުން މުސާރައާއި އެލަވަންސްތައް އެއްހަމަކުރެވިފައިވާ އޮނިގަނޑެއް މި އަހަރު ތެރޭ އެކުލަވާލައި ނިންމުމަށް އެ ކޮމިޝަނުން މަސައްކަތްކުރަމުންދާ ކަމަށާއި، އެ މަސައްކަތް ކުރިއަށްދާ އިރު، ކޮމިޝަނުން ހުށަހަޅާފައިވާ އޮނިގަނޑުތަކަށް ރިއާޔަތްކުރައްވާނެ ކަމަށް އަންގާފައިވާ ކަަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ސަރުކާރުގެ މުވައްޒަފުންގެ މަސައްކަތު ގަޑި ކަނޑައެޅުމުގެ ގާނޫނީ ބާރެއް ވެސް ސިވިލް ސާވިސް ކޮމިޝަނަށް ލިބިގެން ނުވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ވަޒީފާއާބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުން، އިތުރު ގަޑި ނުހިމެނޭގޮތުން މުވައްޒަފަކު ލައްވައި ހަފްތާއެއްގެ ތެރޭގައި 48 ގަޑިއިރަށް ވުރެ އިތުރު ނުވާގޮތަށް މަސައްކަތް ކުރެވިދާނެއެވެ. އަދި ވަޒީފާއާބެހޭ ގާނޫނުގެ 33 ވަނަ މާއްދާގައި މުވައްޒަފަކު ލައްވައި ދުވާލަކު މަސައްކަތްކުރުވޭނެ އެންމެ ގިނަ ވަގުތު ކަނޑައެޅުމުގެ ބާރު ލިބިދީފައިވަނީ މިނިސްޓަރަށެވެ.

ކަންމިހެން އޮތުމާއެކު، މުވައްޒަފުން މަސައްކަތް ކުރަންޖެހޭ ގަޑިއާއި މަސައްކަތް ކުރަންޖެހޭ ރަސްމީ ދުވަސްތައް އަބަދުވެސް ކަނޑައަޅަނީ ސަރުކާރުން ކަމަށާއި ސަރުކާރުން ކަނޑައަޅާ ގަޑިތަކެއްގައި، ކަނޑައަޅާ އުސޫލަކުން މުވައްޒަފުން ލައްވައި މަސައްކަތްކުރުވުމުގެ މަސްއޫލިއްޔަތު އަދާކުރަމުންދަނީ ކޮމިޝަނުން ކަމަށް ބަޔާނުގައިިވެއެވެ.

ފިނޭންސް މިނިސްޓްރީން މި މަހުގެ 16 ވަނަ ދުވަހު ނެރުނު ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި އިތުރު ގަޑި ދެވޭނީ ހަފްތާއަކު 48 ގަޑިއިރު މަސައްކަތްކުރުމުން ކަމަށެވެ.

ނަމަވެސް އިއްޔެ ނެރުނު މާލިއްޔަތާބެހޭ ސާކިއުލާއިން
މި ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް، ކުރިން ވެސް މުވައްޒަފުންނަށް އިތުރު ގަޑި ކަނޑައެޅުމުގައި އަމަލުކުރަމުން ދިޔަ އުސޫލުން އަމަލުކުރުމަށް އަންގައިފައެވެ.

އެއާއެކު އެގޮތަށް އަމަލުކުރުމަށް ސިވިލް ސާވިސްގެ އިދާރާތަކަށް އަންގާފައިވާނެ ކަމަށް ސީއެސްސީގެ ބަޔާނުގައިވެއެވެ.

"އިތުރު ގަޑި ދެވޭ ގަޑިތައް މަދުކުރުން ނުވަތަ އިތުރުކުރުމުގެ ގާނޫނީ އެއްވެސް ބާރެއް މި ކޮމިޝަނަށް ލިބިފައި ނެތް ކަމުގައި ދަންނަވަމެވެ." ސީއެސްސީގެ ބަޔާނުގައިވެއެވެ.

އެހެންކަމުން ދޮގު ހަބަރުތައް ނުފެތުރުމަށާއި، ކަމުގެ ދެކޮޅު ބަލައި ފުރިހަމަ ހަގީގަަތް ސާފުކުރުމަށްފަހު ހަބަރު ފެތުރުމަށް އެ ކޮމިޝަނުން ވަނީ ގޮވާލައިފައެވެ.

ކޮވިޑް19 އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމާއެކު މިމަހުގެ މުސާރަ މުއްދަތުން ފެށިގެން މިނިސްޓްރީ އިން ވަކިގޮތެއް ނިންމަންދެން މުސާރަ ކުޑަކުރަން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ މުސާރައިން ބަޔެއް އުނިކުރަންވެސް ވަނީ އިއްޔެ ފާސްކޮށްފަ އެވެ.

comment ކޮމެންޓް