"ޔެސް....." މިންކާ ދުވެފައިގޮސް އޭނަގެ ދަބަސް ހުޅުވާލާފައި ނެގި އިސްތަށިކޮޅެއް ބައްޕައަތަށް ދިއްކޮށްލިއެވެ. މަންސޫރުއަށް އެންމެ މުހިއްމީ ހިރާ އޭނަގެ ބޮލުގައި އެޅުވި ދަރިފުޅުގެ ހަގީގަތް ހާމަވުމެވެ. އާލިޔާ އޭނަގެ ދަރިއަކަށް ނުވަންޏާ އާލިޔާ މަންސޫރުގެ ނަން ދެވިގެން ނުވާނެއެވެ. އޭނަ އެ މައްސަލަ ކޯޓަށްވެސް ވައްދާނެއެވެ.

ބައްޕަ ދިޔުމުން މިންކާ އެނދަށް ވެއްޓިގެން ބާލީހުގައި ބައްދާލިއެވެ. އޮޅުވައިލާ މަކަރުހެދުންވެސް ހުއްދައެއް ނުވާނެއެވެ. އޮޅުވައިލަނީއެއް ނޫނެވެ. ކުޑަކޮށް ވަގުތުދެނީއެވެ. އޭނަގެ އަމިއްލަ ނަފުސަށެވެ. އެހެންމީހުންނަށެވެ. މިންކާ ހިތްހަމަޖައްސައިލިއެވެ.

***

އުއްމު ކުލްސޫމްއާއި ސުކައިނާ އެގެއަށް އަންނަންވާއިރަށް އާލިޔާ ތައްޔާރުވެލިއެވެ. ކުރީކޮޅު ފިނިވެ ހާސްވެގެން އުޅުނަސް ފަހުން ހަމަޖެހިލައިގެން އޭނާ ނުކުތެވެ. ހުދުކުލައިގެ އަތްދިގު މިޑީއެއްކަހަލަ ހެދުމަކާއި ޖިންސެއްލުމަށްފަހު ބުރުގާ އަޅާފައި އެއްވެސް މޭކަޕެއްނެތިއެވެ. އޭނާ ފެނިފައި ސުކައިނާ އަދި އުއްމު ކުލްސޫމް ދެލޯބޮޑުވެ ހައިރާންވިހެން ހީވިއެވެ. އެހެންވެ އާލިޔާ ރަކިވާގޮތްވެސް ވިއެވެ. އަނެއް ސޯފާގައި އިށީދެެގެން އިނީ އަޔާޒްއެވެ.

"ނައިސް ޓު މީޓު ޔޫ އާލިޔާ..." އެދެމީހުންވެސް އާލިޔާއާއި ސަލާމްކޮށްލިއެވެ.

"މާޒިން ނާދޭ ދެއްތޯ؟ " އަޔާޒް އަހައިލީ އަދަބުވެރިކޮށެވެ.

"މާޒިން ބުނީ ނުކެރޭނެޔޯ. އެހެން އުޅުނަސް ލަދުގަންނަ ގޮތެއްވެސް ހުރޭ. ކޮބާ ތޯ އަޔާޒްގެ ވައިފް......."

"އަޅުގަނޑު މަންމަގާތު..މަންމައަކީ ބަލިމީހެއް....."

"ކިހިނެއްވީތޯ؟ "

"ޑިމެންޝިއާ. އެހެންވެ އެކްސްޓްރާ ކެއާ ބޭނުންވޭ......."

ކުދިކުދި ވާހަކަތައް ދެކެވެމުން ދިޔައިރު އާލިޔާ އިނީ ހިމޭނުންނެވެ. އުއްމުުކުލްސޫމްގެ ނަޒަރުގައި އޯގާތެރިކަމެއް ހުރިކަން އާލިޔާއަށް ފާހަގަކުރެވުނެވެ. ބޮޑާކަމެއް ނެތެވެ. ފަސްޓްލޭޑީ ތަފާތެވެ. އޭނަގެ އަަމަލުންނާއި ވާހަކަދެއްކުމުގައި ޔަގީނުންވެސް ފޮޮނިގޮތެއް ހުއްޓެވެ. އެމީހުންގެ ދަރަޖައިގެ ކުއްޖަކަށް ނުވުމުން ހަމައެކަނި ރީތިވިޔަސް އޭނަ އެހާ ގަޔާވާގޮތެއް ނުވިއެވެ. އޭނަ އާލިޔާގެ ތައުލީމުގެ ފެންވަރާއި އެކިކަހަލަ ސުވާލުކުރިއިރު އިންޓަވިއު އެއް ފަދައެވެ.

"ކައިވެނީގެ ކުރިން މާޒިންއަށް މޫނު ފެންނަން ޖެހޭނެތަ؟ އެކަން އޮންނަނީ ކިހިނެއް؟ "ކުއްލިއަކަށް ސުކައިނާ އަހައިލިއެވެ.

"ދިމާވި އެކްސިޑެންޓަކުން އޭނައަށް އަޅުގަނޑުގެ މޫނު ފެނިފައިވާނީ..ދީނުގައިވެސް އޮވޭ ކައިވެނީގެ ކުރިން އަންހެންކުއްޖާގެ މޫނު ފެނުން............." އާލިޔާ ބުނެދިނެވެ.

"އޯ......." ސުކައިނާ ބުމަ އަރުވައިލަމުން ބުނި ރާގުން މަލާމާތްކުރީހެންވެސް ހީވިއެވެ.

އިރުކޮޅެއްވާންދެެން ވާހަކަދެއްކުމަށްފަހު ތާރީޚު ކަނޑައެޅުނެވެ. އީދުވިލޭރޭ ކައިވެނި ކުރާގޮތަށެވެ. އެހާ އަވަސްވުމުން އާލިޔާގެ ހިތަށް ބިރުވެރިކަމެއްވެސް ވަނެވެ. މާ އަވަހޭ ބުނަން އުޅެފައިވެސް އޭނަ ހުއްޓައިލިއެވެ. ފަހަރެއްގައި މިއީ އެންމެ ރަގަޅުގޮތް ކަމުގައި ވެދާނެއެވެ. މާޒިން މިގޭގައި ހުންނާނެކަމަށް ވައުދުވެފައިވާއިރު ކޮންމެހެން ސްކައިޕެލެސްއަށް ދާކަށް ނުޖެހޭނެ ނޫންހެއްޔެވެ؟ ނަމަވެސް ދެން ކަންތައްވީ އޭނަ ހީކުރިގޮތަކަށް ނޫނެވެ. މާދަންރޭ ތަރާވީސްދަމަށް އެގެއަށް އަންނަން ސުކައިނާ ދައުވަތު ދިނެވެ. އެމީހުން މާ ގިނައިރުނުކޮށް ދާންވެގެން ތެދުވުނެވެ. އަޔާޒްއާއި އާލިޔާވެސް ތެދުވުނީ އެމީހުންގެ އިއްޒަތާއި ގަދަރުވެރިކަމަށް ބަލާފައި އަދަބުވެރިވުމަށެވެ. ސުކައިނާ މެން ނުކުތުމުން އާލިޔާގެ ހިމޭންކަން ފެނި އަޔާޒް ހިތްވަރުދިނެވެ.

"އިރާދަކުރެއްވިއްޔާ ރަގަޅުގޮތަކަށްވާނީ. ތިއީ ކަންތައްތަކާ ކަންބޮޑުވާ ކުއްޖެއްވެސް ނޫނެއްނު. އަދިވެސް ވަގުތު އެބައޮތް. ކޮއްކޮ ބޭނުންވާގޮތެއް ބުނޭ....."

އާލިޔާ ހިނިތުންވެލިއެވެ.

އޭނައަށް މިހާރު ދެވަނަގޮތެއް އޮތްކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ. މިހާ ހިސާބަށް ގޮސްފައި ނޫނެކޭ ބުނުމަކީ ރީތިގޮތެއް ނޫނެވެ. އިސްތިޚާރާއިންވެސް ފެނުނީ އުފާވެރިކަމެވެ. އެކަމަކު ދެރައީ ހުވަފެނުގައި މާޒިންގެ މޫނު ނުފެނުނު ކަމެވެ. ކިރިޔާވެސް ވިސްނައިލަން މަޖުބޫރުވާ ތަންކޮޅަކީ އެގޭ އެހެން މީހުން ފެނި އަރްސަންއާއި މާޒިންގެ މޫނު ނުފެނުމެވެ. ނަމަވެސް ދެން ވާގޮތެއް ބަލާނީއެވެ. މާތް ﷲއާއި ވަކީލުކޮށްގެން ކުރިއަށް ދާން އޭނަ ނިންމިއެވެ.

***

މަންސޫރު އާއި ބައްދަލުކުރަން ކޯޓުފަޓުލޫނުގައި ހުރި މީހަކު އައިސް މަޝްވަރާ ކުރަން ތިބެފައި ދިޔުމުން މަންސޫރު މިންކާއަށް ގޮވިއެވެ. އާލިޔާގެ މައްސަލަ ޝަރީއަތަށް ގެންދަން އޭނަ ވަކީލަކު ގެނެސްގެން ތައްޔާރުވަނީ ކަމުގައި ބުނުމުން މިންކާގެ ބޮލަށް އެނބުރުން އެރިއެވެ.

"އާލިޔާވެސް ކޯޓަށް ދާން ޖެހޭނެތަ؟ "

"ޑިޕެންޑްސް. ދަރިފުޅަށް މިއީ ބޮޑުކަމަކަށް ނުވެ ހިގައިދާނެ. އެކަމަކު މިއީ ވަރަށް ސީރިޔަސް ކްރައިމްއެއް....."

"އަލުން އެމީހުން ޑީއެންއޭ ހައްދާނެތަ؟ " މިންކާ ހާސްވިއެވެ.

"ހީވަނީ. ޓެސްޓްގެ ނަތީޖާ ލިބުމާއެކު ކޯޓަށް ހުށަހަޅާނަން. އަޔާޒްއާއިވެސް އަދި މި ވާހަކަ ދައްކާނަން....." މަންސޫރު ބުނެލިއވެެ. "ކުރިން އެމީހުން ކައިރީ އަދި އާލިޔާގެ މަންމަ އެހެން މީހަކަށް ހަދަން އުޅުނަސް ޝީ ވޯޒް މައި ވައިފްކަން ބުނަންވާނެ. އެމީހުންނަށް ހަގީގަތް ހާމަވާން ޖެހޭނެ..." މަންސޫރުގެ ކޮންމެ ޖުމްލައެއް މިންކާގެ ކަންފަތަށް ވިރުވާ އަޅަމުން ދިޔަ ލޮއި ފަދައެވެ. އޭނަ ބޭނުންވީ ދުވެ ފިލާށެވެ. ކޯޓަށް ގެންގޮއްސިއްޔާ ހުރިހާކަމެއް ބޭޒާރުވެދާނެއެވެ. އެންމެ ރަގަޅުވާނީ ބައްޕައަށް ހުރިހާ ހަގީގަތެއް ކިޔާދިނުމެެވެ. ނަމަވެސް އޭގެ ކުރިން އޭނަ އާލިއާ އާއި ބައްދަލުކޮށް އެ ވާހަކަތައް ހިއްސާކުރާނީއެވެ.

***

އާލިޔާގެ ގެއަށް ދިޔުމަށްފަހު މިންކާ ދުރުދުރުން ސުވާލުކުރަމުންގޮސް އާލިޔާ ލައްވާ ވާހަކަ ދެއްކުވިއެވެ. އާލިޔާ ބުނީ އޭނަ ބައްޕައަކީ ކާކުކަން އެނގުނަސް ގުޅުމެއް ބާއްވަން ބޭނުންނުވާ ކަމުގައެވެ. މަންމަ އެހާ ނިކަމެތިކޮށްލާފައި އެއްލައިލި ކަމަށްޓަކައެވެ. އޭނަގެ ޔަތީމުކަމަކަށް ފަރުވާލެއް ނެތެވެ. އޭނަގެ ހިތާމައަކީ މަންމަ ނިކަމެތިވުމެވެ. އެކަމުގެ ހިތާމައިގާ މަންމަ ދުނިޔެއާއި ވަކިވެގެން ދިޔުމެވެ. އާލިޔާގެ ވާހަކަތަކުގައި ހުރި ހިތިކަމާއި އަސަރަކުން ބައްޕަގެ ހަގީގަތް އެންގުން ބުއްދިވެރިކަމަކަށް ނުފެނުނެވެ. އޭނަ ބައްޕަ ގާތުގައި ކޯޓަށް މައްސަލަ ނުގެންދަން އެދޭނީއެވެ. އާދޭސްކުރާނީއެވެ. އާލިޔާގެ ނަމުގައި މަންސޫރު އޮތަސް ބައްޕައަށް ނިސްބަތްކޮށް ކަން އެނގޭނީ ކޮން ބަޔަކަށް ހެއްޔެވެ؟ މިންކާ އަމިއްލަ ނިންމުންތައް ނިންމަމުން ދިޔައީ އިތުރު މީހަކާ މަޝްވަރާކުރުމެއްނެތި އަމިއްލައަށް ފެނުނު ގޮތަށެވެ. މަހުދީ ގާތު އާލިޔާއާއިމެދު ޝައްކުވާ ވާހަކަ ބުނެފިއްޔާ ކޮންމެ ގޮތެއް ވިޔަސް ބައްޕަ ދެކުނު ގޮތާއި ތަފާތުވާނެ ނޫންހެއްޔެވެ؟ ބައްޕައަށް ހިލޭ މީހަކަށްވިޔަސް މަންމަގެ ދަރިއެއް ވީމަ މަހުދީގެ ކޮއްކޮއަަކަށް ވާނެއެވެ. އޭނަ ފަދައިން ކޮއްކޮއަކަށްޓަކާ ކޮންމެވެސް ކަހަލަ އިހުސާސްތަކެއް ހިތުގައި ހިނގާ ބައްދަލުވެސް ކުރާނެއެވެ. ވަގުތުން ބޭޒާރުވާނެއެވެ. ބައްޕަ މަހުދީ އާއި އެވާހަކަ ހިއްސާކޮށްފާނެ ހެއްޔެވެ؟ މިންކާ މޮޔަވާވަރުވިއެވެ.

އެންމެފަހުން ކެތް ނުވެގެން ގޮސް މަހުދީ ގާތު އާލިޔާއާއި މާޒިން ކައިވެނި ކުރަން އުޅޭ ވާހަކަ ބުނެލިއެވެ.

"ދެޓް ބި....." މަހުދީ އެގޮތަށް މުޚާތަބު ކުރުމުން މިންކާ ރުޅި އަންނަގޮތްވިއެވެ.

"ޔޫ ވިލް ރިގްރެޓް ދިސް....."

"އެއީ ކީއްވެތަ؟ " މަހުދީ ހިނި އައެވެ.

"އެހާ ރަގަޅު ކުއްޖަކަށް ތިހާ ހުތުރުކޮށް އެއްޗެހި ކީމަ....."

"މަންކީ ހަދާން ނެތުނީތަ؟ އެކަހަލަ ޓެރަރިސްޓު ބައިގަނޑަކާ ހެދި މީރާ ދުނިޔެއާ ވަކިވީ. އަހަރެން ދުއާވެސް ކުރާނަން. ތި ކައިވެނި ކުރެވުނަސް ވަރުގަދަ ލަނޑެއް ލިބި މީރާއަށްވުރެ ހިތްދަތިކޮށް މަރުވެގެންދާން. ޔޫ ނޯ ވަޓް. އެ ކަހަލަ މީހުން މަގޭ އަތުން އަދި މަރުވާނެ..." މަހުދީ ފާޑަކަށް ބުނެލިގޮތުން މިންކާގެ ގައިން ހީބިހިނެގިއެވެ.

"ދެން ހަމަ މީހުން ގަތުލުކުރާ މީހުންގެ ފެންވަރަށް ދޮންބެ ވެއްޓެން ޖެހޭތަ؟ އެހެން މީހުން މަރާ ވާހަކަ ތިދައްކަނީ........."

"ތިހިރީ ރީއްޗަށް ބްރެއިން ވޮޝްކޮށް އެ ސިކް ކަލްޓަށް ވައްދާފައި ދޯ. ދެޓްސް ޑިސްގަސްޓިން. ޓެރަރިސްޓުންނާއި ގުޅިގެން އުޅޭއިރު މީރާއަށް އެމީހުން ހެދިގޮތް ހިތަށް އަރުވަންވާނެއްނު. ތި އާލިއާއަކާއި އެކު އުޅެން ހަދައިގެން ލަނޑެއް ލިބުމުގެ ކުރިން މިކަންތައް ހުއްޓުވަންވީ ކަންނޭގޭ. މިންކް އައިމް ސީރިޔަސް. އެކުއްޖާއާއި ދުރުން އުޅޭ..." މަހުދީގެ ލޮލުން ފެނުނު އިންޒާރަކުން މިންކާގެ ގައިން ހީބިހި ނަގައިލިއެވެ.

"އާލިއާއަކީ ކާކުކަން އެނގޭނަމަ..." މިންކާ ހިތާހިތުން ކިޔައިލިއެވެ.

"ހެހެ...." މިންކާއަށް ހެވިއްޖެއެވެ.

"ވަޓް؟ "މަހުދީ ހައިރާންވިއެވެ.

"ފަހުން ބުނާނަން މިހާރަކު ނޫން...."

މިންކާ އޭނަގެ ސިކުނޑީގައި ސުވާލުމާކުތައް ޖައްސާފައި ދިޔުމުން މަހުދީ ދެއަތް އުފުލާލާފައި ތިރިކޮށްލިއެވެ. މިންކާގެ މިޒާޖާ ނުގުޅޭ ބީރައްޓެހި އާދަތައް އޭނަ ހައިރާންކުރުވައިފިއެވެ. ސިއްރުވެރިކަމެއް އެބަހުއްޓެވެ. މިންކާގެ ހުންނަ ގޮތަކުން އިތުބާރުކުރެވޭކަށްވެސް ނެތެވެ.

އޭނައަށް ހީވީ ހުވަފެނެއްގައި އުޅެވޭހެންނެވެ. މާޒިންއާއި މީރާ ނުލާހިކު ލޯބިން އުޅެނިކޮށް ކޮއްކޮ ނިޔާވުމުން މާޒިންވެސް މިއުޅެނީ ހަމަނުޖެހޭ ކަންތައް ކުރަންވެގެންނެވެ. އާލިޔާ އެ ޕޭޖް ހުއްޓާލައިފިއެވެ. އެނިމުނީ ނޫންހެއްޔެވެ؟ އެހެންނޫނަސް އެހެނޭ ކިޔާފައި އަދި ކައިވެންޏަކުން ޓެރަރިޒަމްއެއް ނުހުއްޓުވޭނެއެވެ. މާޒިންގެ ބައްޕައަކީ ގައުމުގެ ހުންގާނުގައި ހަވާލުވެގެން ހުރި މީހާއަށް ވީހިނދު ކުރެވޭނެ ބައިވަރު ކަންތައްތަކެއް ހުންނާނެއެވެ. ޓެރަރިސްޓުންގެ ހާލިތައް ނައްތާ އެމީހުން އިސްލާހު ކުރަން ރަށަކަށްވެސް ލެވިދާނެއެވެ. އޭނަ މާޒިންއާއި އާލިޔާގެ ކައިވެނި ކޮންމެވެސް ގޮތަކުން ހުއްޓުވާނީއެވެ. މާޒިންއާއި އަރްސަން އެ ކުޅިގަނޑު ނުކުޅެ ރީތިކޮށް ދިރިއުޅުނިއްޔާ މާ ރަގަޅެވެ. ނިގާބީއަކު ވައްދައިގެން މި ގަނޑު ގަންނަން ހަދާނެ ކަމެއް ނެތެވެ.

ތިމާއަށް ނުބައި ރޭވުންތައް ރޭވެމުން ދިޔައީ ތިމާއާއި ލޭގެ ގޮތުން ގުޅިފައިވާ ކޮއްކޮއާއި ކަމެއް މަހުދީއަކަށް ނޭގުނެވެ. އަދި ދީނަށް އުޅުމަކީ ޓެރަރިސްޓަކަށް ވުން ނޫންކަމެއް ވެސް މަހުދީއަކަށް ނޭގުނެވެ. ބައެެއް މީހުން ހުރިހާ މުސްލިމުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ލޭބަލް ކުރާފަދައިން މަހުދީމެންނަށްވެސް ވެގެން އުޅެނީ އެފަދަ ގޮތެކެވެ.

***

އަޔާޒްއާއެކު ސްކައި ޕެލެސްއަށް ވަދެފައި ކަންބޮޑުވެ އޭނައަށް ދޮންބެ އަތުގައި ހިފަހައްޓާލެވުނެވެ.

"މިގެއަށް ވަންނަންވީމަ ވަރަށް އަންކޮމްފޮޓަބްލް..."

"އެހެންވެސް ވެދާނެ. ކޮންމެވެސް ދިމާލަކުން މިއުޒިކް އަޑުއިވޭތީ. ކިތަންމެ ބަލައިލަން ރީއްޗަށް މުއްސަދިވިޔަސް އެގެއެއްގައި ބަގަރާ ސޫރަތް ނުކިޔަވާ ގެއެއްގައި ޝައިތާނުންނަށް ފުރުސަތު އޮންނާނެ. އަދި އެގެއެއް ވާނީ ގަބުރުސްތާނެއްފަދަ ތަނަކަށް. އިރާދަކުރެއްވިއްޔާ މިގެއަށް އައުމަށްފަހު އާލިޔާގެ ފަރާތުން މިގޭގެ މެމްބަރުންނަށް ދީން ދަސްވެ ހިދާޔަތް ލިބިއްޖެއްޔާ ހުރިހާ ކަމެއް ބަދަލުވެދާނެ. ކޮއްކޮއަށް ކިހާ ސަވާބެއްވެސް ލިބޭނެ. ޔޫރަޕްގައި އުޅެ ބޮޑުވީމަ ދީން ނޭގިފައި ތިބީކަމަަށްވާނީ. އަހަރެމެންގެ ރައީސް ފެމިލީ ދީނަށް އުޅެންޏާ އެންމެންވެސް އަދި ކިހާ ލޯބިވާނެ. ސޯ ރަގަޅު މަސައްކަތެއް ކޮއްކޮއާއި ހަވާލުވީ..." އަޔާޒް ބުނެލިއެވެ.

"ނޫން. އެމީހުން ބުނާނީ ހައްދު ފަހަނަޅާ ދަނީއޭ.."

"ދެއާސް އެ ޑިފެރެންސް. އެމީހުންނަށް އެކަން ވިސްނާދީ. ގުރުއާނައި ސުންނަތަށް އުޅުން ހަރުކަށިކަމަށް ދެކެންޏާ ދެން އެމީހާ ނަމެއްގައި މުސްލިމަކަށް ހުރުމުގެ މާނައަކީވެސް ކޮބާ.. ކޮއްކޮ އެމީހުންނާ އެކު އުޅެން ފެށީމަ ގުރުއާނާއި ސުންނަތަށް ފޮލޯ ކުރަން ދަސްވާނެ. އޭރުން ދީނަށް އުޅުމަކީ ޓެރަރިސްޓުންނަށް ވުން ނޫންކަން އެނގޭނެ. އެކަން ވަރަށް މުހިއްމު...."

އާލިޔާމެންގެ އިންތިޒާރުގައި ހުރި ސުކައިނާ ފެންޑާއަށް ނުކުތީ އެމީހުންނަށް މަރުހަބާ ކިޔުމަށެވެ.

މިޑީއެއްފަދަ ގަޔަށް ބާރު ހެދުމަކާއެކު ބާރު ޓައިޓެއް ލާފައި ކުޑަކޮށް މޭކަޕްކޮށްލާފައި ހުރިއިރު ތަފާތު ރީތިކަމެއް ފެންނާން ހުއްޓެވެ. ދެއްކުންތެރި ގޮތަކަށް އާލިޔާގެ ގައިގާ ބައްދައިލުމަށްފަހު ތުންފަތަށް ފުޅާ ހިނިތުންވުމެއްވެސް ވެރިކޮށްލައިފިއެވެ.

"މަރުހަބާ ޑޮކްޓަރ އަޔާޒު އަދި އަހަރެމެންގެ ވާން އުޅޭ ޅީ ދަރިފުޅު އާލިޔާ...އަވަހަށް ވަންނަވާ..." ސުކައިނާ ދޮރު ހުޅުވައިލަދިނެވެ. ޔަގީނުންވެސް އަޑުގައި މަލާމާތުގެ ފާޑެއް ނެތެވެ.

ގޭތެރެ ފެނުމުން އާލިޔާވެސް ލޯތަރަ ތަރަ ޖަހައިގެން ދިޔައެވެ. އާލިޔާމެން އުޅުނީ މެދުމިނުގެ ދިރިއުޅުމެކެވެ. ފަގީރުންނެއް ނޫނެވެ. ނަމަވެސް މިގެއަށް ވަނުމުން ތަނަވަސްކަމާއި ޒީނަތްތެރިކަން އަދި ޝާހީކަމާއި ޑިޒައިންކޮށްފައިވާލެއް ރީތިކަންފެނި ހައިރާންވިއެވެ. ތަނުގެ ފިނިކަމާއި އޭސީއާއި ލާމެހިފައިވާ އަރާމު ވަސް ހިއްސުތަކާއި ކުޅުވިއެވެ. އޮފްއަރާ މާބްލަތަކާއި ބިއްތަކުގައިވާ ކުރެހުންތައްވެސް އަގުބޮޑުވާނެ ވަރު އަންދާޒާކޮށްލެވުނެވެ. މިފަދަ ރާހަތް ތައް ލިބުމުން ގިނަފަހަރަށް އާޚިރަތާއިމެދު ޣާފިލުވެސް ވެވޭނެއެވެ.

ބޮޑެތި ސޯފާގެ މަޑުކަމުގެ ތެރެއަށް ގެނބެވުމުން ދިޔައިރު އާލިޔާގެ ހިތް ތެޅެމުން ދިޔައީ ނުބައިގޮތަކަށެވެ. މިގެއަށް ވަނުމުން ޝާހީކަމާއި ދެއްކުންތެރިކަން ފެނި އޭނައަށް އެންމެ ހިތްހަމަޖެހޭ މާހައުލު ބާވައޭ ހިތަށް އެރިއެވެ.

"މިގެއަށް ޒިޔާރާތްކުރުމުން އަދި މައްސަލައެއް ނޫނެއްނު. މިހާ މުއްސަދިކޮށް އުޅޭ ބަޔަކާއެކު އުޅެން ވަރަށް އުދަގޫވާނެ. މިފަދަ ލެވިޝް ލައިފްއަކަށް ހިތް ތައްޔާރެއްވެސް ނޫން......" އާލިޔާ ނުތަނަވަސްވެ ހާސްވާންފެށިހެން ހީވިއެވެ. ބޮޑަށް އެހެން ހީވާންފެށީ ރައީސް ވަޑައިގަންނަވާތަން ފެނިފައެވެ. އޭނަގެ މަންމައާއި ބައްޕައާއެކު ގައެވެ. އަދި ސުކައިނާއާއި ޖިބްރީލްއާއި މާޒިންވެސްމެއެވެ. ރައީސް ހުންނެވީ ގަމީހަކާއި ފަޓުލޫނެއްގައެވެ. ރަސްމީކަމެއް ނެތަސް އޭނަގެ ޝަޚުސިއްޔަތުން އަސަރުކުރުވާފަދަ ގޮތެއް ހުއްޓެވެ. ރަސްމީ ތައާރަފަކަށްފަހު ވާހަކަދެއްކެން ފެށިއިރުވެސް ހީވަނީ ހަމަ ރައީސްގެ ރަސްމީ ބައްދަލުވުމެއް ހެންނެވެ. ރައީސް މައިމޫންއާއި ރައީސްގެ ބައްޕަ އަދި އަޔާޒު ކޮންމެވެސް ވަރަކަށް ދީނީ ވާހަކަތައް ދެއްކިއެވެ. އެހެންމީހުން ހިމޭންކަމާއެކު އަޑުއަހަން ތިއްބެވެ. އަޔާޒްއަށް ފުރުސަތު ލިބުމުން ދީނާއި ޓެރަރިޒަމްގެ ވާހަކަ ދެއްކިއެވެ. ދީނަށް އުޅޭ ކޮންމެ މީހަކީ ނިރުބަވެރިއެއް ނޫންކަމަށް ބުނެ އަޔާޒު ވާހަކަދެއްކިއެވެ.

"މިއީ އެއްގޮތަކަށްވެސް ގުޅޭ މާހައުލެއްނޫން. ވަރަށް ސްޓްރޭންޖް. އެންމެން ދެން ވަރަށް ރަސްމީ..." އާލިޔާގެ ވިސްނުން ހުރިހާ ދިމާލަށް ދަތުރުކުރިއެވެ. އެންމެން ހެދުން އަޅާފައި ތިބި ހެދުމަށެވެ. ސްޓައިލިޝް އަގުބޮޑު ބްރޭންޑްގެ ހެދުންތަކެވެ. މާޒިންގެ އަތުގައި އެއޮތް ގަޑީގެ އަގުވެސް ލަފާކޮށްލާކަށް ނޭގެއެވެ. މިހާ ދުވަހު އާލިޔާ ފަހަރެއްގައިވެސް މިގެއާއި މާޒިންގެ އާއިލާގެ ޝާހީކަމާއި މުއްސަދިކަން މިގޮތަށް ޚިޔާލަށް ގެނެސްފައެއް ނެތެވެ. ރައީސްގެ އަންހެނުންނާއި ދަރިންގެ ވާހަކަަތަކުން މީސްމީޑިއާ ފަޅުފިލުވާއިރު އޭނަގެ ޚަބަރުތައް ގެނެސްދާނެކަމަކަށް ހީކޮށްފައެއް ނެތެވެ.

"ރައީސްގެ ޅީދަރިއަށް ވުމުން އާލިޔާގެ ޒިންމާތަކެއް ވާނެތާ. ބައެއްމީހުން ސޯޝަލް މީޑިއާގައި އަޅުގަނޑުމެންވެސް ދީނާއި ދެކޮޅުކަމަށް ދައްކާ ވަރަށް އެއްޗެހި ގޮވާލައޭ. އާލިޔާ މިގެއަށް ގެނައުމުން އެމީހުންގެ ދޫތައް ބަންދުވާނެ. އާލިޔާއަށްވެސް ޗެރިޓީ ކަންތަކުގައި އުޅެ ދީނީ އެހެން ކަންތައްތައް ވެސް ޕްރޮމޯޓްކުރެވޭނެއްނު. ޑޯޓާ އިން ލޯ އޮފް ދަ ޕްރެޒިޑެންޓަށް ވުމަކީ އާދައިގެ ކަމެއް ނޫން............." ސުކައިނާގެ ޖުމްލައިން އަދި އާލިޔާގެ ނޭވާވެސް ހުއްޓުނެވެ. އާލިޔާ ބޭނުންވީ ދުވެ ފިލާާށެވެ.

"އަޅުގަނޑު ދީނަށް ކޮށްދެވެން ހުރި ކަމެއް ކޮށްދޭނަން...." އާލިޔާ މަޑުމަޑުން ބުނެލިއެވެ.

އޭނަ ފަހަރެއްގައިވެސް މިގޮތަށް ސިޔާސީ ވާން ޖެހިދާނެކަމަކަށް ވިސްނާފައެއް ނެތެވެ.

އޭނަ މި ކައިވެންޏާއި ގަބޫލުވީ އިސްތިޚާރާ ކޮށްފައެވެ. ހިތްވެސް ހަމަޖެހުނެވެ. ނަމަވެސް މިހާރު ވިސްނުނީ އަދި މިއީ އާދައިގެ ކައިވެންޏަކަށްވުރެ ބޮޑަށް މަޝްހޫރު ކައިވެންޏަކަށްވެ އޭނަގެ ނަންވެސް ފަހަރެއްގައި ނޫސްތަކުގައި ލިޔަން ފަށާފާނެކަމެވެ.

"ސުބުހާނަﷲ. ޔާﷲ ހެލްޕް މީ......" އާލިޔާ ހިތް ހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ.

އެހެން ދުވަހު މާޒިން ފެނުމުން ނުކުރެވޭ އިހުސާސްތައް މިއަދު އެބަ ކުރެވެއެވެ. ސަބަބަކީ މިހާރު ދެން ކައިވެންޏަށް ރަންކިޔާދުވަސް ޖެހި އޭނަގެ ފިރިމީހާގެ ގޮތުގައި ދިރިއުޅުމަށް އަންނަން އުޅޭ ތީއެވެ. ކުރިން ފެންނައިރަށް ޒުވާބެއްކޮށް އަރައިރުންވިޔަސް މިހާރު ދެން މައިތިރިވާން ޖެހިއްޖެއެވެ.

ކެއުމުގެ ވަގުތުގައި ފުދޭވަރަކަށް ސަމާސާކުރެވުނެވެ.

"ދެން މިހާރު އާލިޔާ މޫނު ނުފޮރުވިޔަސް އޯކޭއެ. މިއީ ފެމިލީނު. ދެން ރަގަޅަށް ނުވެސް ކެވޭނެއްނު......" މާޒިން އާލިޔާއާއި ދިމާކޮށްލިއެވެ.

"ތެދެކޭ އާލިޔާ. ޔޯ ޕްރިޓީ ފޭސް ޝުޑް ނޮޓް ބީ ވެއިލްޑް. ހަނދަށް ވިލާގަނޑެއް އެޅި ފޮރުވުންފަދަ..." ސުކައިނާގެ އެ ޖުމްލައިން އަދި އާލިޔާ ވަކިން ލަދުގަތެވެ. "މަންމައަށް އެނގިވަޑައިގަންނަވާތޯ؟ އާލިޔާގެ ލޯ ހަމަ މަންމަގެ ލޯ ފަދަ.....މަންމަގެ ރީތި ރީތި އަޅި ދެލޯ...."

"ތިއްތިގެ ވެސް.." މާޒިން އެއް ލޯ މަަރައިލިއެވެ.

"މާޒިންގެ ޗޮއިސް ހަމަ ރަގަޅު ދަރިފުޅާ...." ކާފަ ބުނުއްވިއެވެ.

"ކާފައަކީ އަޅުގަނޑު އެންމެ އިންސްޕަޔާ ކުރުވި ފަރާތްވީމަ ހުރިހާ ކަަމަކުން ކާފަ ފޮލޯކުރަން ނިންމީ. މާމައާއި ވައްތަރު ވައިފްއެއް ގެންނަން ނިންމީވެސް އެހެންވެ"

"ކޮބާ ތިއްތި؟ ކީއްވެ ނައީ؟" އުއްމު ކުލްސޫމް އެހިއެވެ. "ރާހިލްވެސް މި ދުވަސްކޮޅު ނުވެސް ބުނެ ކޮން ގައުމަކަށް ދިޔައީ؟ "

"އުމްރާއަށްހެން ވެސް ހީވޭ...ރާހިލް ދީނީ ކުދިންނާއިއެކު އުޅޭ ދުވަސްކޮޅެއް.." ސުކައިނާ އެހެން ބުނެލިއިރު މޫނުގައި އުފާވެރިކަމެއް ނެތެވެ. ކުޑަކޮށް ބޯ ހޫރައިލީވެސް ހިތްހަމަނުޖެހިފައިވާ ކަހަލަ ގޮތަކަށެވެ. އޭނަ އެންމެ ދެރަވަނީ ރާހިލް ދީނަށް ލޯބިކުރާކަމަށް އަޑު ފެތުރެންފެށީމައެވެ. ދީނަށް ލޯބި ކުރަމުންގޮސް "ޖިހާދު" އަކަށް ދަރިފުޅު ފޮޮނުވަން ސުކައިނާގެ ހިތަކަށް ކުޅަދާނައެއް ނުވާނެއެވެ. ރާއްޖޭގެ އެއްވެސް މަޔެއްގެ ލަނގޮޑިއަށް ކެތް ކުރެވޭނެކަަމަކަށް އޭނަ ގަބޫލެއް ނުކުރެއެވެ.

"ސޭމްވެސް ފްރެންޑެއްގެ ދައުވަތަކަށް ދިޔަގޮތަށް އަދި ނާދޭ.."

އެކި މީހުން އެކި ވާހަކަތައް ދައްކަމުން ދިޔައިރު އެންމެން ހިމޭނުން އިނީ އާލިޔާއެވެ. ނިގާބުގެ ތެރެއިންވެސް އެންމެ ފަހަރަކުވެސް އޭނަ މާޒިންއަށް ނަޒަރު ހުއްޓައެއް ނުލިއެވެ. ކެއީ ކުޑަކޮށް ފޮތިކޮޅު ހިއްލާލައިގެންނެވެ. މިގޮތަށް ކާންވުމުން ފަސޭހައެއް ނޫނެވެ. ހަމަޖެހިލައިގެން ކައިލެވޭނީ އަމިއްލަ ގޭގައި އަމިއްލަ މޭޒުދޮށުގައެވެ. އާލިޔާގެ ހިތް ނުތަނަވަސްވާން ފެށުމުން ގުރުއާންގެ އާޔަތްތައް ހިތަށް ގެނުވައިގެން އޭނަގެ ހިތަށް ތަސައްލީ ހޯދާ ހިމޭންކުރުވިއެވެ. ނުތަނަވަސްކަން ފިލުވައިލިއެވެ.

ކެއުމަށްފަހު ދެން އޮތީ ކައިވެނީގެ ފޯމު ސޮއިކުރުމާއި ރަންކިޔުމުގެ ބަޔެވެ.

އެއަށްފަހު އަންހެންވެރިން ވަކި ބަޔަކަށް ގޮސްފައި އާލިޔާ ދެން މޫނުބުރުގާ ނެގިއެވެ. އުއްމު ކުލްސޫމް ތައުރީފުކުރިއެވެ. މޫނުގެ އަލިކަން ފާހަގަކުރިއެވެ. ދޮންވިޔަސް މޫނުގައި މައުސޫމްކަމާއި އަލިކަން އެންމެންގެ ނުހުންނާނެކަމުގައި ބުނެލިއެވެ. ވާހަކަދައްކަން ފެށުުމުން އާލިޔާވެސް މާމަ މަތިން ހަދާންވެ އުއްމުކުލްސޫމް ދެކެ ވީ ޖެހިލުން ކެނޑިގެން ދިޔައެވެ. މާމަ ފަދައިން ހިތް ހެޔޮ އޯގާތެރި އަންހެނެކެވެ. މުއްސަދިންގެ ތެރޭވެސް ހިތްތިރިމީހުން އެބައުޅޭތާއެވެ. ޔަގީނުންވެސް އެންމެ ހިތްހަމަޖެހިގެން އާލިޔާއަށް އުޅެވުނީ އުއްމުކުލްސޫމްއާއި ސުކައިނާއާއި އެކު ވަކި ކޮޓަރިއެއްގައި އިނދެ ވާހަކަ ދައްކައިލެވުނީމައެވެ. އާލިޔާ އޭނަގެ މާމަގެ ވާހަކަވެސް ދެއްކިއެވެ. ސުކައިނާ ހިތުގައި ހަސަދަވެރިކަމާއި ރުޅިވެރިކަން ފުރިގެން އަރާ ވަރުވިޔަސް އޭނަ ބޭރުފުށުން މެހުމާންދާރީ އަދާކުރީ ނިކަން ރަގަޅަށެވެ. އެހެންވުމުން އާލިޔާއަށް އުފާވެރިކަން އިހުސާސްކުރެވުނެވެ.

އެންމެންގެ ނިޔަތުގެ ނުބައިކަން ނޭގި އާލިޔާ ކުރިއަށް އެޅީ ބޮޑު ފިޔަވަޅެކެވެ.

***

ޖެހިގެން އައި ދުވަހު އާލިޔާ ފިހާރައިން އެއްޗެއް ގަނެގެން އަންނަނިކޮށް މާޒިންއާއި ދިމާވިއެވެ. މާޒިން ހުރީ ކާރެއްގެ ކައިރީގައެވެ. ކާރުތެރޭ ތިބި ބަޔަކާއި ވާހަކަދައްކަން ދޮރު ހުޅުވާލައިގެންނެވެ. އޭނަ ފެނިފަ މާޒިން ގޮވައިލިއެވެ.

މާޒިން ކާރުން ނެރުނީ ނިކަން ކުޑަ ކުޑަ އަންހެންކުއްޖެކެެވެ. ފަންއިސްތަށިކޮޅު ކުރުކޮށް ކޮށާލަފައިވާއިރު އެކުއްޖާގެ ކުޑަކަމާއި ނާޒުކްކަމުން މަލެއްފަދައެވެ. ލޯބިކަމުގެ އިންތިހާއެވެ. އެންމެ ކުރިން ހީކުރެވުނީވެސް ދެއަހަރު ނުވާ ތުއްތު ކުއްޖެއް ކަމުގައެވެ.

"މިއީ ލިލީ. ފެމިލީގެ އެންމެ ކިއުޓް ސްޕެޝަލް ކުއްޖާ. އަދި ދުނިޔޭގައި ހުރި އެންމެ ޓައިނިއެސްޓް ގާލް ދޯ. ލިލީއަށް ތި މޫނުކޮޅުވެސް ދައްކަބަލަ ބިރުނުގަންނަވާ. ލިލީއަށް އާލިޔާ ފެންނާނީ މޮންސްޓާ އެއްހެން.........." މާޒިން ސަމާސާކޮށްލިއެވެ.

"ބިރެއް ނުގަނޭ ދޯ ބޭބީ......." އާލިޔާވެސް ކަންބޮޑުވީ އޭނަގެ މޫނު ނުފެނުމުން މިކުއްޖާ ބިރުން ރޯން ފަށާފާނެތީއެވެ. އެ ތުއްތު އަތުގައި އަތް ޖައްސާލުމާއެކު ތަފާތު އިހުސާސެއް ކުރެވުނެވެ. ޚާއްސަ ލޯތްބެއް ހިތުގައި އުފަންވިއެވެ. ޕްރައިމޯޑިއަލް ޑްވާފުންނާއި ބެހޭގޮތުން އޭނަ ކުރިއަކުން ނުދަނެއެވެ. އެކަން އެނގުނީ މިންކާގެ ފަރާތުންނެވެ. މާޒިންގެ އާއިލާގައި އެފަދަ ކުއްޖެއް ހުންނަކަން އެނގުނަސް ދިމާވީ އަލަށެވެ.

"ކާކުގެ ކުއްޖެއް؟ "އާލިއާއަށް އަހާލެވުނެވެ.

"މަގޭ ދަރިއެއް...." މާޒިން ހީލިއެވެ.

"މަންމައެއް ހުންނާނެއްނު..."

"މަންމަ ވާނީ އާލިއާއަކަށް ނު....." މާޒިން ހުރީ ސަމާސާ މޫޑެއްގައެވެ.

އާލިއާއަށްވެސް ހެވިއްޖެއެވެ.

"ސީރިއަސްކޮށް ބުނެފާނަންތަ....."

"އޯކޭ. ލިލީއަކީ ވައިސް ޕްރެޒިޑެންޓް ތައިމޫރުގެ ކާފަ ދަރިފުޅު. ލިލީގެ ބައްޕަ ކާރުގައި މިއިނީ. އެކަމަކު އޭނައަކީ ޑެވިލް އެއް ސޯ ތިހާ ދީންވެރި ކުއްޖަކު އިންޓްރޮޑިއުސްކޮށްދޭކަށް ނުކެރޭނެ........." މާޒިން އެއްލޯ މަރައިލިއެވެ.

"ފޫހި މާޒިން އެއް..." އާލިޔާ ހިނި އައެވެ. އޭނަ ގުދުވެލާފައި އެކުއްޖާ އުރާލިއެވެ. ލުއިކަމުން ފަތްކޮޅެއްފަދައެވެ. މިކުއްޖާ ބޮޑުވީމަވެސް ހުންނާނީ މިހެން ލޯބި ނާޒުކް މަލެއްހެންނެވެ. މިކަހަލަ ކުދިން މަދުކަމުން ބައެއްފަހަރު ޑޮކްޓަރުންނަށްވެސް މިފަދަ ކުދިން ދުށުމުގެ ނަސީބު ނުލިބިތިބެއެވެ. އެފަދަ ކުދިންނާމެދު މައިންބަފައިންގެ ކަންބޮޑުވުންތައް ހުރެއެވެ. އެކުދިންނަށް ދިމާވާ ގަނާގެ އިތުރުން ބޮޑުވުމުން މީހުންނާއި ކައިވެނިކޮށް ދަރިން ލިބޭނެތޯ އާއި އެކަހަލަ ވަރަށް ގިނަސުވާލު ހިތުގައި އުފެދޭނެއެވެ. ތައިމޫރުގެ ދަރިފުޅަކީވެސް އިސްކޮޅުން މިހާ ކުރުކޮށް ހުންނަ ކުއްޖެއްހެއްޔެވެ.ނޫނީ އަންހެނުންނަކީ މިކަހަލަ ކުއްޖެއްހެއްޔެވެ. ލިލީގެ މަންމައަކީ އާއިޒާ އަދްނާން އޭ މިންކާ ބުނި ހަދާނެއް ވެއެވެ.އެތައް ސުވާލެއް އުފެދުނެވެ. އާލިޔާ ލިލީއާއި ވާހަކަދެއްކިއެވެ. ލިލީގެ އަޑުގެ ޅަކަމާއި އެހެރަ ލޯތްބަކުން އާލިޔާގެ ހިތް ވިރިގެން ފޭބިއެވެ. ލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތުން ތިރިއަށް ދެމިގަތެވެ. އަތު ތެރޭ ބޮނޑިކޮށްލެވުނެވެ.

"މާޝާﷲ ކޮންފަދަ ލޯބި....." އާލިޔާ ބުނެލިއެވެ.

"ބުނީމެއްނު އެންމެ ކިއުޓް ކުއްޖާއޭ...." މާޒިން ލިލީގެ އަތުގައި ހިފައިލިއެވެ. އާލިޔާއަށް ފަހަގަކުރެވުނީ ލިލީގެ މުޅި އަތްވެސް މާޒިންގެ އަތްތިލަ ވަރުވެސް ނުވާކަމެވެ. ކުޑަ ތަމްބްލީނާއެކެވެ.

މާޒިން އެކުއްޖާ ކާރަށް އަރުވަން އުޅެނިކޮށް އާލިޔާ ލިބުނު ފުރުސަތުގައި ދަނީ އޭ ބުނެލާފައި ގެއާއި ދިމާލަށް ފިޔަވަޅުތައް އަވަސްކޮށްލިއެވެ. އޭރުވެސް ލިލީގެ މަންމައާއި ބައްޕައާއިމެދު އޭނަގެ ހިތުގައި ޝައުގުވެރިކަން އުފެދިފައިވިއެވެ.

މާޒިން "ޝޭން" އޭ ކިޔާފައި ލިލީގެ ބައްޕައާއި މުޚާތަބު ކުރިހެން އާލިޔާއަށް ހީވިއެވެ.

***

އާލިޔާ ގެއަށް ވަންއިރު އެންމެ ކުރިން ދިމާވީ މިންކާއާއެވެ. މިންކާ އިނީ ދެރަވެފައެވެ. އޭނަ ދެއްކީ ރޭ ކޮންމެވެސް ކުއްޖަކު ނަގާފައި ހުރި ފޮޓޯއެކެވެ. ރޭ އުދަރެހަށް އަރާފައިވާ ފަދަ ރީތި ފިޔާތޮށިކުލައެއް ދުވަހަކު ނުދެކޭކަމަށް ބުނެ އެތައް ކޮމެންޓެއް ހުއްޓެވެ. ދެން އޮތީ ހެނދުނު އިންސްޓާކޮށްފައިވާ ފޮޓޯތަކެވެ.

އާލިޔާ. ރޭ އެވަރަށް ނަސޭހަތް ދިނީމަވެސް އައި މެސްޑް އަޕް. ސަން ރައިޒިން ވިތްއައުޓް ރޭއިސް އަކީ ލައިލަތުން ގަދުރުވިލޭރޭގެ ނިޝާނެއްކަމަށް ބުނެއެއްނު. މިހިރީ ހަމަ އެގޮތަށް........" މިންކާ ދެއްކީ ފޮޓޯތަކެކެވެ. "އަދާވެސް ބުނި ރޭ ދޭއް ޖެހިއިރު އަޔާޒު އޭނަވެސް ތެދުކޮށް އިރުއަރަންދެން ނަމާދުކޮށް ގުރުއާން ކިޔަވާ ޒިކުރުކޮށް ދުޢާކުރި ވާހަކަ. އައިމް ސޯ އަޕްސެޓް..ވަރަށް ރިގްރެޓްކޮށްފިން. އަސްލު ރޭ ކަމަކާ ބޯ ގޮވީއޭ. އަދި ނުވީތާކަށް ދޮންބެއާއި ފާޑެއްގެ ޒުވާބެއްގައި ޓައިމް ވޭސްޓްކޮށްލެވުނީ. ސްޓޯރީއަށް ހުރި ކޮމެންޓްތައް ފެނި ރިޕްލައި ކުރެވި ދެން ރެއާއި ނުގުޅޭ ކަންތައްތަކެއްގައި ވަގުތު ނަގައިލެވިއްޖެ. އާލިޔާ ބުނިގޮތަށް ހެދުނުނަމަ. އާލިޔާ ބުނިހެން އެންމެ ބޮޑަށް ރިގްރެޓް އަދި ކުރާނީ ކަށްވަޅުގައި ހޭލެވޭ ހިނދުކަން ނޭގޭ......."

"ދެރަ ނުވޭ. ކުޑަ މިންވަރަކަށް އަޅުކަން ކޮށްލެވުނަސް އެއީވެސް އިރާދަކުރެއްވިއްޔާ ހަމަ ހެޔޮކަމެއް އެކުރެވުނީ. ލައިލަތުލްގަދުރު ވެއްޖެއްޔާ އެ ސަވާބު މަލްޓިޕަލްވާނެ. ދުނިޔޭގައި ތިބެއްޖެއްޔާ އަދިވެސް އީދުޖެހެން ތިން ރޭ އެބައޮތް. އިފްތާރުގަޑީގައި ފާފަ ފުއްސެވުން އެދި ދުޢާކޮށް ތައުބާވެ ބާކީއޮތް ދުވަސްތައް ރަގަޅުގޮތުގައި އުޅެން އަހަރެމެން މަސައްކަތްކުރަމާ. ރޯދަމަހުގެ ހުރިހާ ރެއެއްގައިވެސް އަޅުކަން ކުރަންވާނެ. ރޯދަމަސް ނިމުނަސް ހުއްޓާލާނީއެއްނޫނެއްނު. ލައިލަތުލްގަދުރުހާ މާތް ބަރަކާތްލެއްވިގެންވާ ރެއެއްނެތް. އެއީ ދަ ނައިޓް އޮފް ޑިކްރީ. އެހެންވެ ދުޢާ ކުރުން ގިނަ ކުރަން އޮންނަނީ. ދުޢާގެ ސަބަބުން އެމީހެއްގެ ތަގުދީރުގައި ލިޔުއްވާފައި ވާ ކަންތައް ބަދަލުވެސް ވެދާނެ. އަދި އެއީ ގުރުއާން ބާވައިލެއްވުނުރޭ. އެރޭ ކުރާ އަޅުކަންތައްތައް އެތައް އަހަރެއްގެ އަޅުކަމާއި އެއްވަރުވޭ. ނަސީބު ރަގަޅުމީހުންނަށް އެރޭ ރަގަޅުގޮތުގައި އަޅުކަން ކުރެވޭނީ. އެކަމަކު މިންކްއަށް އެނގޭތަ؟ ދުނިޔޭގައި ތިބެއްޖެއްޔާ މާޔޫސްވާކަށް ނުޖެހޭނެ. ކޮށްލާ ކުޑަ ކަމަކުންވެސް ފާފަ ފޮހެވިދާނެ............." އާލިޔާ މިންކާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.

"އާލިޔާ ހާދަ ރަގަޅޭ. އެއްވެސް ފާފައެއް ނުކޮށް ހަމަ ބެސްޓް..."

"ނޫނޭ. އަހަންނަކީވެސް އާދަމުގެ ދަރިއެއް. ފާފަވެސް ކުރެވޭނެ. ތައުބާވުން ލައްވާފައި އޮންނަނީ އެހެންވެ. ކުދިކަންތައް ތައް ހެން ހީވެ ކުރާ ކަންތައްތަކުންވެސް ބައެއްފަހަރު ފާފަވެރިވޭ. އަހަރެންވެސް ހަމަ ދީނަށް އުޅެން މަސައްކަތްކުރަނީ. އެކަމަކު އެންމެ ދީންވެރިމީހާއެއް ނޫން. މިންކްވެސް ހަމަ ޓްރައި ތިކުރަނީ. ދެމީހުންކުރެ މާތްﷲގެ ހަޟުރަތުގައި އެންމެ ރަގަޅުމީހާއަކީ ކާކުކަމެއްވެސް ނޭގޭ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ. ވީމަ އެހެން ނުވިސްނާ....." އާލިޔާ މިންކާއަށް ހިތްވަރު ދިނުމުން ހިތަށް ތަސައްލީއެއް ލިބުނެވެ. އޭނަ އާލިޔާއާއި ދެކޮޅަށް ރޭވުންތައް ރާވާއިރު އޭނަގެ ހިތުގެ ފިނިކަމަކީ މިއީއެވެ. މިއީ މަންމަގެ އެންމެ ފަހުގެ ހަނދާނެވެ. ކުޑަ ދަރިފުޅެވެ. އޭނަގެ ކޮއްކޮއެވެ. ދި ނޫން.. އަދި އަހަންްމިއެވެ.

***

އާލިޔާ ދޮރާާށި ތަޅުލާންވެގެން ގޮސް ދޮރު ހުޅުވައިލިތަނުން މޫނު ފޮރުވައިގެން ހުރި މީހަކު އެތެރެއަށް ދެމިގަތެވެ. ވަގުތަކަށް ބަލަ ބަލާ ފާރައަށް ހުރި މީހެއް ފަދައެވެ. އޭނަ ހަޅޭއްލެވިޔަސް ދޮންބެއަށްވެސް އަޑުއިވޭނެކަމެއް ނޭގެއެވެ.

"ކާކު..." އާލިޔާ ރުޅިއަތުވެއްޖެއެވެ.

"ކަލޭ ކޮން އަޑެއް ނެރޭކަށްތަ؟ " ކުއްލިއަކަށް އެމީހަކު އާލިޔާގެ މޫނުގައިވާ ފޮތިގަނޑުވެސް ދަމައިގެންފިއެވެ. އެހިސާބުގައި ދިއްލާފައިވާ ހޮޅިބުރީގެ ގަދަ އަލި އާލިޔާގެ މޫނަށް އެޅުނެވެ. ކިތަންމެ ރީއްޗަށްވެސް އެމީހަކަށް އޭނަގެ މޫނު ފެނިއްޖެއެވެ.

ނުނިމޭ

comment ކޮމެންޓް