ރައްޔިތުންނާ ގުޅޭ ހަ ބިލެއް މެމްބަރު ސައީދު މަޖިލީހަށް ހުށަހަޅުއްވައިފި

މާވަށު ދާއިރާގެ މެމްބަރު ސައީދު --- ސަން ފޮޓޯ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަހުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް ހަ ބިލެއް ހުށަހަޅުއްވައިފިއެވެ.

ކޮވިޑް-19 އެހީތެރިކަމުގެ ބިލްގެ ނަމުގައި މީގެކުރިން ސައީދު ހުށަހެޅުއްވި ބިލް ދެ ފަހަރެއްގެ މަތިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބޭރުކޮށްލާފައެވެ.

ނަމަވެސް އެ ދެ ފަހަރުވެސް އެ ބިލް ބަލައިނުގަނެ މަޖިލީހުން ވަނީ ބޭރުކޮށްލައިފައެވެ. މީގެ ކުރިންވެސް ސައީދު ވިދާޅުވީ އެ ބިލް ބަލައިނުގަތަސް އަނެއްކާވެސް އެބިލް ހުށަހަޅުއްވާނެ ކަމަށެވެ.

ފުރަތަމަ ފަހަރު އެ ބިލު މަޖިލީހުން ބަލައިގެންފައި ނުވަނީ ބިލުގައި ހުރި މާއްދާތަކުގައި ދައުލަތުގެ މާލިއްޔަތަށް އަސަރު ކުރާ ފަދަ ކަންތައްތައް ހުރުމުންނެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދައުލަތުގެ މާލިއްޔާއާ ގުޅުން ހުންނަ ޒާތެއްގެ ބިލެއް ހުށަހެޅޭނީ، ސަރުކާރުން ސްޕޮންސާކޮށްގެން ވެރިކަން ކުރާ ޕާޓީގެ މެންބަރަކަށެވެ. އެ ބިލް ދެވަނަ ފަހަރު ބަލައިނުގަތީ އިސްލާހުކުރަން ހުށަހެޅި ބައެއް ކަންތައްތައް އިސްލާހުނުކުރާތީ ކަމަށް ބުނެއެވެ.

ސައީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އެހީތެރިކަމުގެ ބިލް ބޭރުކޮށްލުމުން އިތުރު ހަ ބިލެއް ހުށަހާޅާފައިވާ ކަމަށެވެ.

ސައީދު މިފަހަރު ހުށަހެޅި ބިލްތައް:

  • ޕެންޝަން ފައިސާއަށް އެދޭ ބިލް
  • އިޖުތިމާއީ ބޯހިޔާވަހިކަމުގެ ކުލި ފަސްކުރުމުގެ ބިލް
  • ދަނޑުވެރިންނަށް ލުއިދިނުމުގެބިލް
  • ލޯނުގެލުއިގެ ބިލް
  • ގޭގެކުއްޔާބެހޭ ބިލް
  • ޓޫރިޒަމް ކުލީގެ ބިލް

ޓޫރިޒަމް ކުލީގެ ބިލެއް ހުށަހެޅުއްވިއިރު މިއަހަރުގެ ފަހު ހަމަސްދުވަހު ރިސޯޓްތަކުން ދައްކަން ޖެހޭ ބިމުގެ ކުލި ދެެއްކުން ފަސްްކޮށްދޭން ސަރުކާރުން މިހާރު ވަނީ ނިންމައިފައެވެ.

ކޮރޯނާއާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ އަލުން ވަކި އުސޫލުތަކަކާއެކު "ސޭޕް ޓޫރިޒަމް"ގެ ޕްލޭންގެ ދަށުން ހުޅުވަން ސަރުކާރުން މިހާރު ވަނީ ނިންމައިފައެވެ. ނަމަވެސް ސޭފް ޓޫރިޒަމްގެ ގައިޑްލައިން އެކުލަވާލައި މަޖިލީހަށް ފޮނުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި މަޝްވަރާނުކޮށް ކަމަށް ބުނެ ސައީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އަދި އޭގެ ސަބަބުން އެ ސިނާއަތް ހަލާކުވެދާނެކަމުގެ އިންޒާރު ސައީދު ވަނީ ދެއްވައިފައެވެ.

comment ކޮމެންޓް