ހުސްނުވާ އާސަންދަ އައިފަހުން މެޑިކަލް މާފިއާއެއް ވަނީ އުފެދިފައިި: ޝަރީފް

މެންބަރު ޝަރީފް: ހުސްނުވާ އާސަންދަ ތައާރަފް ކުރިފަހުން މެޑިކަލް މާފިއާއެއް އުފެދިފައިވާ ކަމަށް ވަނީ ތުހުމަތު ކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް ހުސްނުވާ އާސަންދަ ތައާރަފް ކުރިފަހުން މެޑިކަލް "މާފިއާއެއް" އުފެދިފައިވާ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ތުހުމަތު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ މުގައްރިރު އަދި މާލިއްޔަތު ކޮމެޓީގެ މެމްބަރު ޝަރީފު ވިދާޅުވީ އާސަންދައިގެ އިތުރުން މެޑިކަލް ސްޕްލައިސްއަށް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ. ދައުލަތުގެ ހަރަދު ވީހާ ވެސް ބޮޑަށް މި ދަނޑިވަޅުގައި ކުޑަ ކުރަން ޖެހޭ ކަން ވެސް ޝަރީފް ފާހަގަ ކުރެއްވި އެވެ.

"ހާއްސަކޮށް ހުސްނުވާ އާސަންދަ އައި ފަހުން މި އޮތީ މެޑިކަލް މާފިއާއެއް މި ރާއްޖޭގައި އުފެދިފައި،" ޝަރީފް ވިދާޅުވި އެވެ.

ބޮޑެތި ކުންފުނިތައް ކަން ވެސް ޝަރީފް ވަނީ ފާހަގަކުރައްވައިފަ ޝަރީފު ވިދާޅުވީ އެކަން އެގޮތަށް ކުރެވެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެ ދޫދޭތީ ކަމަށާއި ސަރުކާރަށް ތަކެތި ގަންނަ އުސޫލު ބަދަލުކޮށް އެކަމުގެ ތެރެއިން ކަރަޕްޝަން ނައްތާލުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު އެބަ ހުށަހަޅަން ކަރަޕްޝަން ކުޑަކުރުމަށް ޓަކައި ދައުލަތުން އާންމުކޮށް އިދާރާތަކަށް އެތެރެކުރާ ތަކެތި އެތެރެކުރުމަށް ޓަަކައި ސެންޓްރަލް އޯގަނައިޒޭޝަންއެއް ހަދައި ސިދާ މެނިފެކްޗަރާ އަތުން މި މުދާ ގަނެވޭނެ ގޮތަކަށް އިންތިޒާމް ކުރުން،" ޝަރީފް ވިދާޅުވި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި އަދި ރީޖަނަލް ހޮސްޕިޓަލަކަށް ބޭނުންވާ މެޑިކަލް އިކްވިޕްމަންޓާއި އަދި މެޑިކަލް ކޮންސިމިއުބަލްސް ފަދަ ތަކެތި މައިގަނޑު ގޮތެއްގައި ރާއްޖެ އެތެރެ ކުރަނީ، ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯ އިންނެވެ. އެސްޓީއޯ އިން މައިގަނޑު ގޮތެއްގައި އެ ތަކެތި ގެންނަނީ ތިން ވަނަ ޕާޓީ މެދުވެރިކޮށް ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ. އަދި ސީދާ މެނިފެކުޗަރާ އަތުން ގެންނަނީ މަދު އެއްޗެއް ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ. އަދި އެ ތިން ވަނަ ޕާޓީ ގުޅެނީ ނުފޫޒު ހުރި ފަރާތްތަކާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

ނަމަވެސް އެސްޓީއޯގެ ސްޕޯކްސްޕާސަން އަބްދުﷲ މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ އެސްޓީއޯ އިން ގެންނަ މެޑިކަލް އިކްވިޕްމަންޓާއި އަދި މެޑިކަލް ކޮންސިއުމަބަލްސްގެ ތެރެއިން މެނިފެކުޗަރުގެ އަތުން ލިބެން ހުންނަ އެއްޗެތި މިހާރު ވެސް ގެންނަނީ މެނިފެކުޗާގެ އަތުން ކަމަށާއި މެނިފެކުޗާގެ އަތުން ސީދާ ނުލިބޭ ތަކެތި އޮތަރައިޒުޑް ޑީލަރުގެ އަތުން ވެސް ގަންނަ ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި އެތަކެތި ގަންނަނީ އަގަށް ބަލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ ސެންޓްރަލް އޯގަނައިޒޭޝަންއެއް އުފައްދައިގެން މެޑިކަލް ކޮންސިއުމެބަލްސް ފަދަ ތަކެތި ގެންނަން ފެށުމުން ކަރަޕްޝަން ބޮޑުތަނުން މަދުކުރެވިދާނެ ކަމަށެވެ. އަދި އެކަންތައް އިސްލާހު ނުކޮށްފި ނަމަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"އެހެންވީމާ ދައުލަތުގެ ހަރަދު ކުޑަކުރަން ޖެހޭ. ކަރޮޕްޝަން ނައްތާލަން ޖެހޭ. އާސަންދަ ދެމެހެއްޓެނިވި ގޮތަކަށް ހިންގާ އޯގަނައިޒޭޝަނަކަށް ވާން ޖެހޭ،" ޝަރީފް ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސް އިން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށް ދައުލަތުން ވަނީ މިހާތަނަށް 814 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އަދި މިދިޔަ ހަފުތާގައި ފައިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެ ފައިސާގެ ތެރެއިން ބޮޑު ބައެއް ހަރަދު ކުރެވިފައި ވަނީ މެޑިކަލް ކައުންސިއުމެބަލްސް އަށް ކަމަށާއި އެ 814 މިލިއަން ރުފިޔާގެ ތެރެއިން 72 ޕަސެންޓް ހަރަދުކޮށްފައި ވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށެވެ.

comment ކޮމެންޓް