ފުލުހުންނަށް ކަރަންޓު ފިސްތޯލަ ދިނުމުން އާންމުން ރަތަށް!

ކަރަންޓު ފިސްތޯލައެއް--

ފުލުހުންނަށް ޓޭޒާ ގަން (ކަރަންޓު ފިސްތޯލަ) ބޭނުންކުރަން ދޭން އުޅޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވުމާ އެކު ސޯޝަލް މީޑިއާގައި އާންމުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

ސީޕީ ހަމީދު މިއަދު ވިދާޅުވީ އޮފިސަރުންގެ ސަލާމަތާއި އާންމުންގެ ރައްކާތެރިކަމަށްޓަކާ ފުލުހުންގެ އޮޕަރޭޝަންތަކުގައި "ކޮންޑަކްޓެޑް އިލެކްޓިރިކް ވެޕަން" ނޫނީ ކަރަންޓް ފިސްތޯލަ ބޭނުންކުރުމުގެ ޓްރަޔަލްއެއް މިހާރު ފަށާފައިވާ ކަމަށެވެ.

https://sun.mv/136991

އެކަމާ ގުޅިގެން ގިނަ އަދަދެއްގެ އާންމުންނާއި ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މިހާތަނަށް ފެނިފައި ވަނީ ފުލުހުން ރައްޔިތުންނަށް ހަމަލާދީ އަނިޔާކުރިތަން ކަމަށާއި ރައްޔިތުން ހަމަލާ ދިން މަންޒަރު ނޫން ކަމަށެވެ. އަދި ފުރަތަމަ ފުލުހުން ރީހެބިލިޓޭޓް ނުކޮށް އެފަދަ ހަތިޔާރެއް ދިނުމަކީ ރައްކާތެރި ކަމެއްތޯ މެމްބަރު އިމްތިޔާޒު ވަނީ ސުވާލު އުފައްދަވާފަ އެވެ.

ކައުންސިލްތަކުގެ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި މާލޭ މޭޔަރުކަމުގެ ޓިކެޓު ކާމިޔާބުކުރެއްވި އަނަސް އަބްދުއްސައްތާރު ވިދާޅުވީ ރައްޔިތުންނާއި ފުުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރެވޭ އެންމެ ބާރުގަދަ ހަތިޔާރަކީ ފުލުހުންގެ ޔުނީފޯމު ކަމަށާއި އެ ޔުނީފޯމު ބޭނުންކުރަން ދަސްކުރަން ޖެހޭ ކަމަށެވެ.

ޓުވީޓުކުރި އާންމުންގެ މީހަކު ބުނީ ފުލުހުންނަށް ކަރަންޓު ފިސްތޯލަ ދޭން ނިންމިއިރު ފުލުހުން އާންމުންގެ މީހަކަށް ޕޭމަންޓް ގަލަކުން ހަމަލާދިން ވީޑިއޯއެއް އާންމުވިތާ އަދި މާ ގިނަ ދުވަސްތަކެއް ނުވާ ކަމަށެވެ.

މީގެ އިތުރުން މިއީ ބޭނުންކުރަން ރައްކާތެރި އެއްޗެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. އެކަކު ބުނީ ހިތުގެ މައްސަލަތަކާ ގުޅިގެން ޕޭސްމޭކާ ފަދަ ތަކެތި ބޭނުންކުރާ މީހަކާ ދެކޮޅަށް މި ފިސްތޯލަ ބޭނުން ކޮށްފި ނަމަ އެމީހަކު މަރުވާނެ ކަމަށެވެ. އަދި ފުލުހުންނަކީ އާންމުންނަށް އަނިޔާކުރުމުގެ ރިކޯޑެއް އޮންނަ ބައެއް ކަމަށާއި އެފަދަ ކަންކަމުގައި ފުލުހުންނަށް އަދަބު ލިބޭތަން ނުފެންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ފާޑުކީ އިތުރު މީހަކު ބުނީ ކަރަންޓު ފިސްތޯލަ ދިނުމަށްވުރެ ފުލުހުންނަށް މައްސަލަތައް ތަހުގީގު ކުރެވޭ މިންވަރު އިތުރުކޮށް، ފުލުހުންގެ މުއައްސަސާއިން ކޮރަޕްޝަން ނައްތާލައި، ފުލުހުންނާ މެދު އާންމުންގެ މެދުގައި އިތުބާރު އުފެއްދުން ވެސް މާ ރަނގަޅުވާނެ ކަމަށެވެ.

ސީޕީ ހަމީދު މިއަދު ވިދާޅުވީ ކަރަންޓު ބަޑި ބޭނުންކުރަން ފަށާއިރު، އެ ބޭނުންކުރާ ގޮތް މޮނީޓާ ކުރެވިގެންދާނެ ކަމަށެވެ. މި ހަތިޔާރު ފުލުހުން ބޭނުން ކުރަނީ ޒިންމާދާރުކޮށްކަން ކަށަވަރު ކުރުމަށް ޓަކައި މި ފިސްތޯލަ ބޭނުންކުރާނީ ބޮޑީކެމެރާ އާއެކު ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް