ގާޒީ އިބްރާހިމް އަލީގެ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފި

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ: އޭނާގެ މައްސަލައެއް ބެލުމަށް ޖޭއެސްސީން ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީގެ މައްސަލަ އެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާޒީ އިބްރާހިމް އަލީއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވަނީ، ގާނޫނުއަސާސީއާ ހިލާފަށް ކޯޓު އަމުރު ނެރުމުގެ މައްސަލަ ކަމަށެވެ.

އެހެން ކަމުން އެ މައްސަލަ ބެލުމަށް ތަހުގީގް ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ކޮމެޓީގައި ތިއްބަވަނީ ކޮން މެންބަރުންނެއް ކަމެއް ހާމަކޮށްފައެއް ނު ވެއެވެ.

މިދިޔަ ތިން އަހަރުގެ ތެރޭގައި ހައިކޯޓުން އެންމެ ގިނައިން ބާތިލު ކުރީ ގާޒީ އިބްރާހިމް އަލީގެ ނިންމެވުންތަކެވެ. ގާޒީ އިބްރާހިމް އަލީގެ 20 ނިންމެވުމަކާ ދެކޮޅަށް އެ މުއްދަތުގެ ތެރޭގައި ހައިކޯޓުން ހުކުމްކޮށްފައިވެ އެވެ. އެއީ މުޅިންވެސް ދައުލަތުން އިސްތިއުނާފު ކުރި މައްސަލަތަކެވެ.

އެ ކޮމެޓީން މައްސަލަ ބެލުމަށްފަހު ޖޭއެސްސީއަށް މައްސަލަ ނިންމި ގޮތުގެ ރިޕޯޓެއް ހުށަހަޅާނެ އެވެ. އަދި އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ ކަމެއް ނުވަތަ އިސްލާހު ކުރަން ޖެހޭ ކަމެއްވާ ނަމަ ޖޭއެސްސީން އެކަން ހާމަކުރާނެ އެވެ. މަގާމުން ވަކިކުރަން ޖެހޭ ނަމަ ރައްޔިތުންގެ މަޖިލީހަށް އެ މައްސަލައެއް ފޮނުވާނެ އެވެ. މިފަހުން ޖޭއެސްސީން ވަނީ ގިނަ ފަނޑިޔާރުންނާއި މެޖިސްްޓްރޭޓުންތަކެއްގެ މައްސަލަ ބަލައި ފިޔަވަޅު އަޅައިފަ އެވެ.

ކޮވިޑް-19 ބަލިމަޑު ކަމުގެ ސަބަބުން ދައުލަތުގެ ހިންގުން މަޑުޖެހިފައި އޮތް ނަމަވެސް މުހިންމު އެހެން އިދާރާތަތެކޭ އެއްގޮތަށް ޖޭއެސްސީގެ ބައްދަލުވުންތައް ވެސް ބާއްވަމުން އަންނަނީ އޮންލައިންކޮށެވެ.

comment ކޮމެންޓް