ކުރީގެ އަނބިކަބަލުންގެ މަރުގެ ތުހުމަތު ރައްދުވާ ލެސޯތޯގެ ބޮޑުވަޒީރު އިސްތިއުފާ ދޭން ނިންމައިފި

ލެސޯތޯގެ ބޮޑު ވަޒީރު ތޯމަސް ތަބޭން. -- ފޮޓޯ/ރޮއިޓާސް

ކުރީގެ އަނބިކަނބަލުންގެ މަރުގެ މައްސަލައިގައި ކުރެވޭ ތުހުމަތުތަކާ ހެދި، ލެސޯތޯގެ ބޮޑުވަޒީރު ތޯމަސް ތަބާނޭ މަގާމުން އިސްތިއުފާ ދިނުމަށް ނިންމަވައި، އެކަން އިއުލާންކޮށްފި އެވެ.

ބޮޑުވަޒީރު ތަބޭންގެ ކުރީގެ އަނބިކަނބަލުން ލިޕޮލެލޯ ތަބާނޭ އަވަހާރަވީ ބަޔަކު ދިން ބަޑީގެ ހަމަލާއެއްގައި، 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، އޭނާ ދިރިއުޅުއްވަމުން ގެންދެވި ގެއަށް ވަންނަވަނިކޮށެވެ. މިކަން ހިނގީ ދެ ބޭފުޅުންގެ ވަރީގެ މައްސަލަ ކުރިއަށް ގެންދަނިކޮށެވެ. އަދި ލިޕޮލެލޯ އަވަހާރަވިތާ މަހެއްހާ ދުވަސް ތެރޭގައި ބޮޑުވަޒީރު ތަބާނޭ، އޭނާގެ މިހާރުގެ އަނބިކަނބަލުންނާ ކައިވެނިކުރެއްވިއެވެ.

ލިޕޮލެލޯގެ މަރުގައި ތޯމަސް ތަބާނޭގެ ދެކަނބަލުންގެ އަތެއް ވާކަމަށް ތުހުމަތު ކުރެވެއެވެ. އަދި ބޮޑުވަޒީރުގެ މިހާރުގެ އަނބިކަނބަލުން މައެސަޔާ ތަބާނޭއަށް މަރުގެ ދައުވާ އުފުލާފައިވެއެވެ. ބޮޑުވަޒީރަށް ދައުވާ ކޮށްފައި ނުވި ނަމަވެސް މައްސަލައާ ބެހޭގޮތުން އޭނާއާ ސުވާލުކޮށްފައިވެއެވެ.

އުމުރުން 80 އަހަރުގެ ބޮޑުވަޒީރު ވިދާޅުވަމުން ގެންދެއްވީ އޭނާއާ ދެކޮޅަށް ތުހުމަތުތައް ކުރަނީ ސިޔާސީ ބޭނުމުގައި ކަމަށެވެ. ތުހުމަތުތަކާ ހެދި ތަބާނޭ މަގަމުން އިސްތިއުފާ ދިނުމަށް އޭނާގެ އަމިއްލަ ޕާޓީންވެސް މަސައްކަތް ކުރަމުން ދިޔައެވެ. އެތައް ޕްރެޝަރަކަށްފަހު ތަބާނޭ ވިދާޅުވީ މި އަހަރުގެ ޖުލައި މަހުގައި ވެރިކަމުން ފައިބައިވަޑައިގަންނަވާނެ ކަމަށެވެ.

ލެސޯތޯގެ ބޮޑު ވަޒީރު ތޯމަސް ތަބާނޭގެ ކުރީގެ އަނބިކަނބަލުން ލިޕޮލެލޯ ތަބާނޭ. ލިޕޮލެލޯގެ މަރުގެ މައްސަލައިގައި ބޮޑު ވަޒީރު ތަބެންއަށް ވަނި ތުހުމަތުތަކެއް ކުރެވިފައި. -- ފޮޓޯ/ލެސޯތޯ ޓައިމްސް

މި އަހަރުގެ ތެރޭގައި ލެސޯތޯގެ ސިޔާސީ މަސްރަހަށް ލޮޅުންތަކެއް އަރާފައިވާ އިރު، އެގައުމުގެ ވެރިކަން ކުރާ ކޯލިޝަން މިދިޔަ ހަފްތާގައި ރޫޅި، ތަބާނޭއަށް ގާނޫނު ހަދާ މަޖިލީހުގައި އޮތް އަގުލަބިއްޔަތުވެސް ވަނީ ގެއްލިފައެވެ.

ލެސޯތޯގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަ ގޮތުން ތަބާނޭ މަގާމުން އިސްތިއުފާދިނުމަށް މިހާ ގިނަ ދުވަސް ވެގެން ދިޔައީ ލިޕޮލެލޯގެ މަރުގެ މައްސަލައިގައި ކުރެވޭ ތަހުގީގު ހުއްޓުވަން އަމިއްލަ ޕާޓީއާއެކު މަޝްވަރާކުރަމުން ދިއުމުގެ ސަބަބުންނެވެ.

ބޮޑުވަޒީރު ތަބާނޭއަކީ ސިޔާސީ ވާދަވެރިކަމަށް އާ ބޭފުޅޭއް ނޫނެވެ. ދެހާސް ސާދަވަނަ އަހަރު ލެސޯތޯގެ އަސްކަރިއްޔާއިން ބަގާވާތްކޮުރަން އުޅޭކަމަށް ބުނެ، ދެކުނު އެފްރިކާއަށް ތަބާނޭ ވަޑައިގެން ފިއްލެވިއެވެ. މި ތުހުމަތުތަކަށް އަސްކަރިއްޔާއިން ތުހުމަތުތަކަށް އިންކާރުކުރި އިރު، ތަބާނޭ އެނބުރި ލެސޯތޯއަށް ވަޑައިގަތީ ފުލުހުންގެ ރައްކާތެރިކަމުގެ ދަށުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް