މި ލިސްޓުން އެންމެ ރީތީ ކޮން ލަވައެއްތަ؟

ލަވައިގެ ސްކްރީން ޝޮޓެއް---

ދިވެހިންނަކީ ޒަމާނުއްސުރެ މިއުޒިކަށް ނުހަނު ފޯރި ހުންނަ ބައެކެވެ. ގްރޫޕެއް ހަދާލައިގެން ކަރޯކޭ ޖައްސާ އުޅުމަކީ ދިވެހިން މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ. މިއަދުވެސް ކޮންމެ މީހަކު ގެންގުޅޭ ފޯނުގައި ލަވަ ލިސްޓެއް ހަދާލައިފައި އޮންނާނެ އެވެ.

ކުރީގެ ރީތި ގިނަ ލަވަތަކަކީ މިއަދުވެސް ގިނަ މީހުންގެ މެދުގައި މަގްބޫލު ލަވަތަކެކެވެ. މި ލިސްޓުގައި މި ހިމަނާލަނީ ކުރީގެ ބައެއް ރީތި ދިވެހި ލަވަތަކެވެ.

އޯ ވަޒަން

މި ލަވައަކީ ދިވެހިންނާ ގުޅި ލާމެހިފައިވާ ހިތްގައިމު ލަވައެކެވެ. ރާއްޖޭގެ ރީތިކަން ސިފަކޮށްދޭ މި ލަވަކިޔާފައިވަނީ އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) އެވެ. މި ލަވައިގެ ޅެން ތައްޔާރުކުރީ ހޮޅުދޫ އަބްދުﷲގެ އަންހެނުން އައިޝަތު އަނީސްއެވެ. މިއަދާ ހަމައަށް އައިރު މި ލަވައިގެ ގިނަ ކަވާ ލަވަތަކެއް ވަނީ އަޑުއިވިގެން ގޮސްފައެވެ.

އިލާހީ މި ބިން

ނަވާރަސަތޭކަ އަށްޑިހަ ނުވަ ވަނަ ޓީވީއެމް ސްކޫލް ކުދިންގެ ލަވަ މުބާރާތުގެ ސްޓޭޖުން އަޑުއިވުނު "އިލާހީ މި ބިން" މި ލަވައަކީ ދެ ގޮތެއް ނުވެ ދިވެހިންގެ ހިތްތަކުގައި ރަސްކަން ކުރަމުން އަންނަ ހިތްގައިމު ރީތި ލަވައެކެވެ. ސޯޝަލް މީޑިއާއިން ވެސް މި ލަވައިގެ ތަންތަންކޮޅު އަބަދުވެސް އިވިގެންދާއިރު މި ލަވައަކީ އަބްދުއްރަޝީދު ހުސައިން ހައްދަވާފައިވާ ޅެމަކަށް އައިމިނަތު ތަސްމީންގެ ހިތްގައިމު އަޑުން ކިޔާފައިވާ ލަވައެކެވެ. މި ލަވައިގެ އެތައް ކަވާތަކެއް މިއަދާ ހަމައަށް އައިރު ގިނަ ދިވެހިންނަށް އަދިވެސް ކަމުދަނީ މި ލަވައިގެ އޮރިޖިނަލް ލަވައެވެ.

މުޅި ޖާން ހިތާ

"މުޅި ޖާން ހިތާ" އަކީ ނިމާލްގެ ފިލްމު "ސިޓީ"ގައި ހިމެނޭ ރީތި ލަވައެކެވެ. ލަވަކިޔުންތެރިޔާ މުހައްމަދު ހުޒާމްގެ އަޑުން ކިޔާފައިވާ އެ ލަވައަކީ ދިވެހިންނާ ވަރަށް ރަށްޓެހި ލަވައެކެވެ. ކުރީގެ އެންމެ ރީތި ދިވެހި ލަވައިގެ ލިސްޓެއްގައި މި ލަވަ އިނުމުން އެ ލިސްޓް ފުރިހަމަވާނެ ކަމަށް ގިނަ ބަޔަކު ދެކޭނެއެވެ. މޯލްޑިވިއަން އައިޑަލްގެ ސްޓޭޖުގައިވެސް މި ލަވަ އެކި ލަވަކިޔުންތެރިންގެ އަޑުން އިވިފައިވެއެވެ.

ތަދާވޭނުގައި

ދެހާސްވަނަ އަހަރު ސްޓެލްކޯގެ ޑްރާމާ ހުޅުކޮޅުގައި ހިމެނި "ތަދާވޭނުގައި" މި ލަވައަކީ މުހައްމަދު ހުޒާމް އާއި އާއިޝަތު އިނާޔާގެ އަޑުން ކިޔާފައިވާ ލަވައެކެވެ. މި ލަވަ ވަނީ އައިޑަލް ސްޓޭޖް މަތިން ވެސް އިވިގެން ގޮސްފައެވެ.

ބިކަ ހާލު

މަރިޔަމް މަނިކެ (މޮޑަލް މަރީ) ފެނިގެންދާ "ބިކަ ހާލު" ލަވައަކީ މީނާ ސަލީމްގެ އަޑުން އިވިގެން ދިޔަ ލަވައެވެ.

ކޮކާކޯލާ މޯލްޑިވްސް ވީޑިއޯ މިއުޒިކް އެވޯޑް 2010ގައި "ބިކަ ހާލު" އަށްވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑްވެސް ލިބިފައެވެ. މި ލަވައަކީ އަހްމަދު ނިމާލްގެ ޑައިރެކްޝަނަކަށް ޑިސްކޯ ސަލީމް ޕްރޮޑިއުސްކުރި ލަވައެކެވެ.

ޖެހިލުންވެ މޭތެޅޭ ގޮތްވޭ

މި ލިސްޓަށް އަލީ ރަމީޒްގެ ލަވައެއް ނެތުމަކީ ލިސްޓަށް ލިބޭނެ ވަރަށް ބޮޑު އުނިކަމެކެވެ. "ޖެހިލުންވެ މޭތެޅޭ ގޮތްވޭ" މި ލަވައަކީ އަލީ ރަމީޒްގެ ހިތްގައިމު އަޑުން އިވިގެން ދިޔަލަވައެކެވެ. ނިއުމާ މުހައްމަދު އާއި ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އެކްޓިން މި ލަވައިން ވަނީ ފެނިގެން ގޮސްފައެވެ. މި ލަވަ އަކީ ލަވަ އަލްބަމް މާހިޔާ ގައި ހިމެނޭ ލަވައެކެވެ.

މި ލިސްޓުގައި ހުރި ލަވަތަކުގެ ތެރެއިން އެންމެ ރީތީ ކޮންލަވައެއް ހެއްޔެވެ؟

comment ކޮމެންޓް