މިނިސްޓަރު މަހްލޫފް ދެވަނަ ފަހަރަށް ކަރަންޓީން ވާން ޖެހިއްޖެ

ޖުލައި 4، 2018: މަހްލޫފް ހުކުންކުރަން ކުރިމިނަލް ކޯޓަށް ގެން ދިއުމަށް ވެހިކަލް އައް އަރުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ =

ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ދިރިއުޅުއްވަމުން އަންނަ ދެތަނޑިމާލޮޖްއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހަކު ފެނުމާ ގުޅިގެން، މިނިސްޓަރު އަނެއްކާ ވެސް ގޭގައި އެކަހެރިވެގެން ހުންނަވަން ޖެހިއްޖެ އެވެ.

މަހްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެބޭފުޅާ ދިރިއުޅުއްވަމުން އަންނަ އިމާރާތުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމުން މިހާރު ހުންނެވީ "އެޗްޕީއޭގެ އެންގުމާ އެއްގޮތަށް ބަސްއަހައިގެން ގޭގައި" ކަމަށެވެ.

އެޗްޕީއޭއިން މިއަދުގެ ވަގުތެއްގައި ވަނީ މަހްލޫފް ދިރިއުޅުއްވަމުން އަންނަ ދެތަނޑިމާލޮޖް މޮނީޓަރިންގް ހާލަތަށް ގެނެސް އެގައަށް ވަދެ ނުކުތުން މަނާކޮށްފަ އެވެ. އެ ގޭގައި އެޗްޕީއޭއިން ހަރުކޮށްފައިވާ ނޯޓިސްގައި ބުނެފައިވަނީ، އެގެ މޮނީޓަރިންގް ހާލަތަށް ގެނެވިފައިވާ ގެއެއް ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް 14 ދުވަހަށް އެގެއަށް ވަދެ ނުކުތުން މަނާކުރެވިފައިވާ ކަމަށް އިއުލާނުގައިވެ އެވެ.

މިއީ ދެ މަސްދުވަހުގެ ތެރޭ މިނިސްޓަރ މަހްލޫފް ގޭގައި ކަރަންޓީން ވާން ޖެހުނު ދެވަނަ ފަހަރެވެ.

ފުރަތަަމަ ފަހަރު މިނިސްޓަރު ގޭގައި 14 ދުވަހު މަޑު ކުރުމަށް އެޗްޕީއޭއިން އަންގާފައިވަނީ ޔޫތް މިނިސްޓްރީން އެކުލަވާލި ވޮލަންޓްރީ ޓީމާ އެކު ގޭގެއަށް ތަކެތި ޑެލިވެރީ ކޮށްދެއްވަން އުޅުމުގެ ތެރޭގައި މަހްލޫފް މަސައްކަތް ކުރެއްވި އިހްސާން ފިހާރައިގެ މުވައްޒަފުންތަކެއް ބައްޔަށް ޕޮޒިޓިވް ވުމުންނެވެ.

އެކަމަކު އެފަހަރުގެ 14 ދުވަހުގެ ކަރަންޓީން ނިންމުމަށްފަހު މަހްލޫފް ވަނީ އެނބުރި ވޮލަންޓްރީ ޓީމާއި ގުޅިވަޑައިގެން އަނެއްކާވެސް ޑެލިވަރީގެ މަސައްކަތުގައި އުޅުއްވައިފަ އެވެ.

comment ކޮމެންޓް