" "لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. " އިބްރާހިމް ސޫރަތުގައި މާތް ﷲ ވަހީ ކުރައްވާފައިވާ އާޔަތާއިމެދު ފުންކޮށް ވިސްނައިލުމުން އެތައް ފިލާވަޅުތަކެއް އިންސާނާއަށް ދަސްވާނެއެވެ.

ޒޯހަން މޫނުބަލާ ލޯގަނޑަކުން އޭނާގެ ސޫރައަށް ނަޒަރު ހުއްޓާލީ ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އިސްތަށިގަނޑާއި ތުނބުޅިވެސް ކޮންމެވެސް ވަރަކަށް ދިގުވެއްޖެއެވެ. އޭނާގެ ކޯތާފަތް ދުޅަވެ ލޮލުގެ ކައިރީ ކަޅު ދާއިރާއެއް ހެދިއްޖެއެވެ. އަމިއްލަ ސޫރަވެސް ވަކިނުވާވަރެވެ. ބަރުދަނާއެކު ދިރިއުޅޭ ހިތްވެސް ކުއްލިއަކަށް ދަށަށް ހިނގައްޖެއެވެ.

އޭނާ މި ދިހަފޫޓްގެ ކުޑަ ގޮޅިއެއްހާވަރުގެ ކުޑަ ކޮޓަރީގެ ވަށައިގެން ނަޒަރު ހިންގިއެވެ. ސީލިންގުން އެންމެ ބޮތްކެއްގެ ފަނޑު އަލި ތަނަށް ފެތުރިފައި އޮތެވެ. މިތަން އަނދިރިވެފައި ފިންޏެވެ. އޭނާއަށް މިފަދަ އެކަނިވެރިކަމެއް ދުވަހަކުވެސް އިހުސާސެއް ނުވެއެވެ. ޔަތީމު ކުއްޖަކަށްވިޔަސް އޭނަގެ "އެކުވެރިން" ތިއްބެވެ. އޭނާ ބޭނުންވާ އެއްޗެހި ފޯރުކޮށްދޭ އެކުވެރިންނެވެ. އޭނާ ބޭނުމީ މަސްތުވާ އެއްޗެއްސެވެ. އެންމެ އެތިކޮޅަކަށްޓަކާ އޭނާ ކެތްމަދުވިއެވެ. ހުރިހާ ކަމެއް ހަނދާން ނައްތާލުމަށެވެ.

މިތަން ރިހެބް ސެންޓަރަކަށް ވާންވީ ކޮންގޮތަކުންހެއްޔެވެ؟ އެއްވެސް އިންސާނިއްޔަތުކަމެއް ނެތެވެ. ފުލުހުން އޭނައަށް ދިނީ ދެ ގޮތުން ކުރެ އެއްގޮތް ހޮވުމަށެވެ. އޭނާ ބޭނުންވީ މަސްތުވާ އެއްޗެހި ބޭނުންކުރާ މީހުންނާއެކު ރީހެބަށް ދިޔުމަށެވެ. ގާތިލުންނާ އަދިވެސް ބޮޑެތި ކުށްވެރިންނާއެކު ޖަލަށް ދާން އޭނާ ނުރުހެއެވެ. އެދެ ތަނުން ބޮޑަށް ރައްކާތެރިކަމަށް އޭނައަށް އިހުސާސް ކުރެވުނީ ރީހެބެވެ.

ގޮޅިފަދަ ކޮޓަރީގައިވާ އެލާމް އަޅަންފެށީ އެމީހުންގެ ހެނދުނުގެ ނާސްތާގެ ވަގުތު ޖެހުނުކަން އިއުލާންކުރުމަށެވެ. ޒޯހަން ސީސީޓީވީ ކެމެރާއާއި ދިމާލަށް އޭނާގެ މެދު އިނގިލި ދިއްކޮށްލިއެވެ. އެއަށްފަހު ދޮރުން ނުކުތެވެ. އެދޮރުވެސް ހުޅުވެނީ އެލާމް އެޅީމައެވެ. އޭނާވެސް ކިޔޫގައި ޖެހުނީ ނާސްތާ ތަބައް އަތުލުމަށެވެ. ވަކި ޚާއްސަ އެއްޗެއް ނެތެވެ. ނަމަވެސް ދުޅަހެޔޮ ކާނާއެވެ. ސެލެޑާ އެއްގަމު މަހެވެ.

އޭނާ އެންމެ ރުޅިއަންނަނީ މި ފޫހި ތަނުގައި އަށާރައަހަރުގެ ކުއްޖަކަށް ހުރީ ހަމައެކަނި އޭނާއަށް ވީތީއެވެ. ދެން މުޅިންވެސް އުމުރުން އޭނާއަށް ވުރެ ދޮށީ މީހުންނެވެ. އެންމެންވެސް ތިރީހުގެ އަހަރުތަކުގައެވެ. ގިނަމީހުންނަކީ އަނބިން އެމީހުންނަށް ފަރުވާހޯދަން ގަދަކަމުން ގެންގޮސްފައިވާ މީހުންނެވެ. އޭނަ ވަކިން ބޮޑަށް ނަފްރަތު ކުރާ މޫނެއް އެތާ ވިއެވެ. ސަބަބަކީ އެމީހާގެ ކަޅި ތާއަބަދު އޭނާއަށް ހުއްޓިފައިވާތީއެވެ. އައި ވަރުގަދަ ރުޅިގަނޑުގައި ކެތްނުކުރެވި އޭނާ ފުންމައިގެންގޮސް އެމީހާގެ ގަމީހުގެ ގިރުވާނުގައި ހިފާ ދަމައިގަތެވެ.

"ކޯންޗެއް ތިބަލަނީ؟ މުސްކުޅި މީހާގަނޑާ. ފައިޓަކަށް ދާން ބޭނުމިއްޔާ ދެޓްސް ވަޓް ޔޫވިލް ގެޓް...." އެ މީހާ ޒޯހަން ދުރަށް ލާކަށްވެސް މަސައްކަތެއް ނުކުރިއެވެ. ހަމަ އެގޮތަށް ނަޒަރު ހުއްޓާލައިގެން ހުރީއެވެ. ޒޯހަންގެ ދެލޮލުގެ ތެރެއިންގޮސް އޭނާގެ ފުރާނައާއި ހަމަޔަށް ވާސިލުވާން އުޅޭފަދަ ތޫނު ނަޒަރެކެވެ. އެކަމުގެ ސަބަބުން ޒޯހަން ވަކިން އަނދައިގަތެވެ. އެކަމަކުވެސް އުމުރުން ދުވަސްވީ ބަލިކަށިމީހެއްގެ ގައިގާ ޖަހަން އަތް އުފުލައިލަން ހިތެއް ނޭދުނެވެ. އިތުރު އެއްޗެކޭ ބުނުމުގެ ކުރިން ފާރަވެރިން އައިސް އޭނާ ދުރަށް ދަމައިގަތެވެ.

ޒޯހަން އޭނާގެ ނާސްތާ ތަބައް ހިފައިގެން ގޮސް އިށީދެ އެ މީހާއަށް އިތުރު ސަމާލުކަމެއް ނުދީ ކާންފެށިއެވެ. ފާރަވެރިން ބާޒުތައް ފަދަ ލޮލުން ހުރިހާ ދިމާލަކަށް ބަލަމުން ދިޔައެވެ. ދެން ވީ ހީނުކުރާފަދަ ކަމެކެވެ. ޒޯހަންއަށް ޝޮކެއް ލިބުނެވެ. ދެ ހަފްތާވާންދެން ޒޯހަންގެ ހަރަކާތްތަކަށް ފާރަލައިގެން އުޅެފައި އޭނާއާއި ވާހަކަދެއްކުމުގެ ހިތްވަރު އެމީހާ ހޯދިއެވެ.

"އަހަރެންވެސް އުޅުނީ ހަމަ ތިކުއްޖާ ފަދައިން.. އެނގޭތަ؟ " ދާއޫދު ސަމުސާ އޭނާގެ ތަށީގެ ތެރޭ ލަސްލަހުން ހަރަކާތް ކުރަމުން ހިނިތުންވެލިއެވެ.

"އަޑުއަހާ. ވަރަށް ފަރުވާތެރިކަމާއެކު އަޑުއަހާ. ކަލޭގެ ހަޔާތް އަދި ނުފެށޭ. މުޅި ދިރިއުޅުން އަސްލު އަދި އޮތީ ކުރިއަށް. އަހަންނަށް ކެރިގެން ބުނެވިދާނެ. މިހާ ބަނަކޮށް ކަލޭގެ ހަޔާތް އޮތަދީގެން ނުވާނެ. ކަލެއަށް އެކަން ބަދަލުކުރެވިދާނެ. މި މުސްކުޅިޔާއަށް އިތުބާރުކުރޭ. ތިއަށްވުރެ މާ އުދަގޫކޮށް އަހަރެންގެ ހަޔާތް ވޭތުވެގެން ދިޔައީ......" ދާއޫދު ޒޯހަންއަށް ބަލައިލުމުން ސިފަވީ މި އުމުރުގައި އޭނައެވެ.

ތިރީސްހަތް އަހަރުގެ ތަފާތެއް ދެމީހުންގެ އުމުރުގައި ހުރުމާއެކުވެސް ދެމީހުން އެކުވެރިންނަށް ވާން މާ ގިނައިރުތަކެއް ނުނެގިއެވެ.

ދާއޫދަކީވެސް އޭނާގެ ދިރިއުޅުުމުގެ ބޮޑުބައިގާ މަސްތުވާ އެއްޗެހީގެ އަވައިގާ ޖެހިގެން އުޅުނު މީހެކެވެ. އޭނާ މުޅި ބައްރުގައި އެތައް ގައުމުތަކަށް ދަތުކުރުކުރިއެވެ. އޭނާ ތަފާތު މަންޒަރުތަކެއް ދެކުނެވެ. ފިނިމޫސުމްގައި ފަތްތައް ފައިބާ މަރުވާ ގަސްތައް އަލުން ދިރި ގަދަބަދަވިކޮށް ހެދޭތަނެވެ. ބަހާރުގައި ފަތްތައް އަޅާތަނެވެ. ޚަރީފަށް ފަތްތައް ފައިބާ ފިނިމޫސުމަށް ނިދާތަނެވެ. އެތައް ތަފާތު ސަގާފަތަކާއި ދީނެއް ފެނުނެވެ. އެތައް ސަރަހައްދަކުން އެތައް މީހުންނާއި އެކުވެރިވިއެވެ. އަނެއްހެން ބަލަންޏާ ދިރިއުޅުމުގައި ނުކުރާކަށް ތަޖުރިބާއެއް ނެތެވެ. ހުރިހާކަމެއް ފުރިހަމައެވެ. އެންމެ ހިތާމައެއް ފިޔަވައެވެ. އެހިތާމަ އޭނާގެ މުޅި ނަފުސްވެސް ހާވިޔާކޮށްލައިފިއެވެ. ހުރިހާ އުފަލެއް ލިބުނުއިރުވެސް އިހުސާސްކުރެވެ އެ ހުސްކަން ވަގުތީގޮތުން ފޮހެލަނީ ޑްރަގާއި ރަލުންނެވެ.

އޭނާގެ އަންހެނުން ބަލިވެ އިނުމުން އެލިބުނު ޖޯޝާއި ފޯރި ބުނެދޭކަށްވެސް ނޭގުނެވެ. ހަޔާތުގައި ދުވަހަކު ނުލިބޭފަދަ އުފަލެއް އޭނައަށް އިހުސާސްކުރެވުނެވެ. އެކަމަކު ވިހެއުމުގެ ތެރޭ ދަރިފުޅު ދުނިޔެ ދޫކުރީއެވެ. އޭނާގެ އަންހެނުންވެސް މެއެވެ. ސަބަބަކީ ޑްރަގާއި ރާ މާގިނައިން އިސްތިއުމާލު ކުރެވުމެވެ.

އޭނާގެ މުޅި ދިރިއުޅުން އަނބުރައިލަން ޖެހުނު ސަބަބަކީ އެއީއެވެ. އޭނަގެ ނަސީބު ރަގަޅުކަމުން އުމުރުން ދުވަސްވީ ބޭކަލަކާއި ދިމާވިއެވެ. އޭނަ ދީނާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. ގުރުއާނުގައި ހަރާމް ކުރައްވާފައިވާ ކަންތައްތަކުގެ ވާހަކަތައްވެސް މެއެވެ. އޭނައަށް އިބުރަތެއް ހާސިލުވީ ބޮޑު ފިލާވަޅެއް ލިބި އޭގެ އެންމެ އުދަގޫގޮތުގައެވެ. އެކަމަކު އެންމެ ފަހުން އޭނައަށް ގަބޫލުކުރެވުނީ ގުރުއާނުގައި ހަރާމް ކުރައްވާފައިވާ ކޮންމެ ކަމެއްގައި ސަބަބެއް ވާކަމެވެ. ބައެއް ސަބަބުތައް އިންސާނުންނަށްވެސް ފެންނާން ހުރިއިރު އަނެއް ބައި ސަބަބުތައް އިންސާނުންނަށްވެސް މުޅިއަކުން ދޭހައެއް ނުވެއެވެ. އިންސާނުންނަށް އިލްމުގެ ތެރެއިން ލިބިފައިވަނީ އެންމެ ޕަސެންޓެއްގެ މަދު މިންވަރެކެވެ. ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲއެވެ.

ދާއޫދު ދޫކޮށްލަން ހަމަޖެހިފައިވާ ތާރީޚު ފަސްވިތާ ކިތަންމެ ދުވަހެއް ވިނަމަވެސް އޭނާ އަމިއްލައަށް އެތާ މަޑުކޮށްލީއެވެ. މިހާރު މިތާ ދިރިއުޅޭތާ މިވަނީ ފަސްއަހަރެވެ. އޭނާގެ އަމާޒަކަށްވީ މަސްތުވާ އެއްޗެހި ބޭނުންކުރާ އެެހެން ޒުވާނުންނާއި ވާހަކަދައްކާ އެ ނުރައްކާތެރި ވަބާއިން އެމީހުން ދުރުކުރަން މަސައްކަތް ކުރުމެވެ.

މާތްﷲގެ ރަހުމަތާއި ހިދާޔަތަށް ޝުކުރު ހުއްޓެވެ. ޒޯހަންއަށްވެސް ތެދު މަގު ދައްކަވާ ދިރިއުޅުމުގެ މިސްރާބު ބަދަލުވެއްޖެއެވެ. ދާއޫދަކީ ކަޅު އަނދިރި ބިންގަރާސް މަގެއްގެ އެންމެ ކޮޅުން ފެނުނު އައްޔެއް ފަދައެވެ. ގެނބެމުން ދިޔަ އަނދިރިކަމުގެ ތެރެއިން ސަލާމަތްކޮށްދޭނެ މީހަކަށްޓަކާ އޭނާ ވީ އިންތިހާއަށް ބޭނުންވެފައެވެ. ޔަތީމަކަށް ވުމުން "ބައްޕަ" ފަދަ މީހަކަށްވެސް ބޭނުންވެފައެވެ. އަދި އެފަދަ ބައްޕައެއްގެ ހައިސިއްޔަތުން ދެކުނު މީހަކަށް ވީ ދާއޫދެވެ. އެކަންތައް އޭނާއަށް ހާސިލުވެއްޖެއެވެ.

ދީނާއި ބެހޭގޮތުން އުނގެނެން ފެށުމުން އޭނާއަށް އެކަނިވެރިކަން އިހުސާސެއް ނުވެއެވެ.

"وهو معكم أين ما كنتم އަދި ތިޔަބައިމީހުން ވީ ކޮންމެ ތަނެއްގައި ތިޔަބައިމީހުންނާއެކު އެކަލާނގެ ވޮޑިގެންވިއެވެ. ހީޒް ވިތް ޔޫ ވެއާ އެވާޔޫ އާ...." ގުރުއާންގެ ހަދީދު ސޫރަތުގައި ވަހީކުރައްވާފައިވެއެވެ. އެއީ ހިތަށް ލިބޭ ތަސައްލީއެކެވެ.

ދާއޫދު މަރުކަޒާއި ވާހަކަދައްކައިގެން އެމީހުން ޒޯހަންއަށް ނަމާދުކުރާނެ މުސައްލައާއި މުސްހަފު ގެނެސްދިނެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނާ ނަމާދުކުރިއެވެ. ދުވަހަކު ނުލިބޭވަރުގެ ހިތްހަމަޖެހުމަކާއި ފިނިކަމެއް ހިތަށް އިހުސާސްވިއެވެ.

ދެރަވެ މޮޅިވެރިވާ ކޮންމެ ފަހަރަކު އޭނާ އަމިއްލަ ނަފުސަށް ގުރުއާނުގެ އާޔަތްތައް ހަނދާންކޮށްދެއެވެ. ދުނިޔެއަކީ ވަގުތީ ތަނެކެވެ. ދިރިއުޅުމަކީ ހަމައެކަނި ޑްރަގް ބޭނުންކުރުމުން ހިނދުކޮޅަކަށް ދުނިޔެ ރަންވުން ކަމުގައި ހީކުރެވުނީ އޭނާ ކިހާ މޮޔަވެފައި ގަމާރުކަމުން ހެއްޔެވެ؟ ޔަގީނުންވެސް ކުރިމަތިލާންޖެހޭ ކަމެއް ކަމުގައިވާ މަރުގެ މަތިން އޭނާ ހަނދާން ނެތުނީ ކީއްވެހެއްޔެވެ؟ އޭނާ ދުނިޔޭގައި ކުރި އަމަލުތަކާިއ ބެހޭގޮތުން ގިޔާމަތް ދުވަހު ސުވާލު ކުރެވޭނެކަން ހަދާން ނައްތައިލެވުނީ ކީއްވެހެއްޔެވެ؟ ދާއިމީ އުފަލާއި ނިއުމަތަށް ފުރަގަސްދީ ދުނިޔޭގެ ވަގުތީ އުފަލަށް ހެއްލެން ހިތަށް އެރީވެސް ކީއްވެހެއްޔެވެ؟

އެންމެފަހުން ދާއޫދު މަރުކަޒު ދޫކޮށް ދިޔުމުން ޒޯހަން ދެރަވި ނަމަވެސް އޭނާ ކެތްތެރިވިއެވެ. އަދިވެސް އޭނާ މިތަނުން ދާން މަހެއް ބާކީ އެބައޮތެވެ.

ޒޯހަންއަށް މަރުކަޒުން ނިކުމެވުމުން އޭނާ ފަށަން ޖެހުނީ އެެންމެ ދަށުންނެވެ. ގަރާޖަކުން ވަޒީފާ ހޯދާ ހަލާލް ފައިސާ ހޯދިއެވެ. މަސްތުވާ އެއްޗެހި ބޭނުންކޮށްގެން ލިބުނު ފައިސާ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރިއެވެ. އޭގެ ބޭނުން ހިފަން އޭނާ ބޭނުންނުވީއެވެ.

ދައޫދުގެ ނަސޭހަތް ހަނދާންކޮށް ކުރީގެ އެކުވެރިންނާއި ދުރުވިއެވެ. އަދިވެސް އެމީހުން މަސައްކަތްކުރަނީ މަސްތުވާ އެއްޗެހީގެ ވިޔަފާރިއާއި އެ ދާއިރާގައެވެ. އަހިވަކާ ޖެހި އަހިވައް ފާވާނެއޭ ބުނަނީ ހަމަ ތެދެކެވެ.

ޒޯހަން ގަވާއިދުން ދާއޫދަށް މެއިލް ކުރެއެވެ. އޭނާގެ ދުވަސްތައް ދާ ގޮތާއި ބެހޭގޮތުން އޭނާ ލިޔެއެވެ. މަސްތުވާ އެއްޗެހީގެ މަތިން ހަދާންވިޔަސް އޭނަ ފޫހިވެގެން ހަލާކުވާވަރުވެއެވެ. ފުރަތަމައަށް ލިބޭ މުސާރައިން ދާއޫދަށް ރަގަޅު ހަދިޔާއެއް ދޭން ނިންމައިގެން ހުއްޓަސް އޭނާ ދިރިއުޅޭ ތަނަކާއި ބެހޭގޮތުން ދުވަހަކު ބުނެފައެއް ނުވެއެވެ. ދާއޫދުގެ ޚަބަރެއްނުވެ ހަފްތާއެއް ހާ ދުވަސްވީފަހުން ސިޓީއެއް ލިބުމުން ޒޯހަން ކިޔާލަން ޝައުގުވެރިވިއެވެ. އެއީ ދާއޫދު ދުނިޔެދޫކޮށް ދިޔުމުގެ ކުރިން އޭނާއަށް ލިޔުނު ވަދާއީ ސިޓީއެކެވެ. ޒޯހަންއާއި މުޚާތަބުކޮށް އޭނަ ދަރިފުޅާއޭ ކިޔާފައިވުމުން ލޮލުން ކަރުނަ ހިލައިލިއެވެ. ދާއޫދު ބުނެފައިވާގޮތުން ޒޯހަންފަދަ ސްމާޓް ވިސްނުންތޫނު ޅަ ޒުވާނަކާއި ދިމާވިކަމީ އޭނައަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އޭނާގެ މުޅި ވިޔަފާރިއާއި ގެތައް ޒޯހަންއަށް ހިބައިން ދިންކަމަށް ވަސިއްޔަތް ކޮށްފައެވެ.

ދާއޫދަކީ މަހުޖަނެކެވެ. ދުނިޔޭގެ އެތަން މިތާގައި ޔަތީމު ޚާނާތައް ބިނާކޮށް ޔަތީމުންނަށް އަޅާލާ މީހެކެވެ. ޒޯހަންގެ ނަމުގައި އިސްލާމިކް ސްކޫލްތައް ރެޖިސްޓާކޮށް އެތަންތަން ދާއޫދުގެ ބަދަލުގައި ހިންގަންވެސް އޭނާގެ ވަސިއްޔަތުގައި ވިއެވެ. ދާއޫދަކީ މިހާ މުއްސަދި މީހެއްކަމަށް ޒޯހަން ފަހަރެއްގައިވެސް ހީކޮށްފައެއް ނެތެވެ.

"لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. " ގުރުއާންގެ އެ އާޔަތްމަތިން ހަދާންވުމާއެކު އޭނާ ހެއްދެވިފަރާތަށް ޝުކުރުގެ ސަޖިދައެއް ޖެހިއިރު ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. އޭނާގެ އެކުވެރިޔާއަށް ރަހުމަތް ލައްވާ ޖައްނަތުގެ އެންމެ މަތީ މަގާމާއި ސަވާބު ދެއްވުމަށް އެެދި ދުޢާކުރިއެވެ. ދާއޫދަކީ އޭނާގެ ހަމައެކަނި ހަގީގީ އެކުވެރިޔާއެވެ. މިހާރު އޭނާވެސް އަބަދަށްޓަކާ ވަކިވެގެން އެދިޔައީއެވެ.

ޒޯހަންގެ މުށުތެރޭ އޮތް ސިޓީ މޭގައި ޖައްސާލައިގެން މާ ދުރަށް އުދަރެހަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ފުން ޚިޔާލަކަށް ގެއްލި ހުސްވެފައި އިންފަދައެވެ. ހަޔާތުގެ އާ ބާބެއް ފެށުނުއިރު އޭނައަށް އެތައް އަގުހުރި ފިލާވަޅުތަކެއް ލިބިއްޖެއެވެ. އަދި ކިތަންމެ ގިނަ ފައިސާތަކެއް އަތަށް އެރިޔަސް މަހުޖަނަކަށްވިޔަސް ހަޔާތް އެންމެ ފުރިހަމަ ނުވާނެކަންވެސް އެނގިއްޖެއެވެ. ޔަގީނުންވެސް ދިރިއުޅުމަށް ދެން އަންނަ އެކަކަށްވެސް ދާއޫދު ނެތްކަމުގެ ހުސްކަން ފޫބައްދައެއް ނުދެވޭނެއެވެ. އޭނާ އެދިޔައީ ޒޯހަންގެ ހިތުން ބަޔެއް ހިފައިގެންނެވެ. މިއީ ވަގުތީ ހިޔާ ވައްސެކެވެ. ދުނިޔެއަށް އައީ ކުޅަދުންވަންތަ އިލާހަށް އަޅުކަން ކުރަންކަން ދަނެގެން އެ މަގުސަދު ހަނދާން ނައްތާލާ ކުރިއަށް ދަމުން އޭނާ ދާއޫދުގެ ވަސިއްޔަތްވެސް ފުރިހަމަކޮށްދޭނެއެވެ. ދުނިޔޭގައި ހާލުގައި ޖެހިފައިވާ އޭނާފަދަ ޔަތީމުންނަށް އަޅާލާ އެހީތެރިވުމަކީ އޭނާގެ ވިޔަފާރީގެ އަމާޒެވެ.

ނިމުނީ

މިއީ އާއިލާގެ ވަރަށް ލޯބިވާ ޚާއްސަ ކުއްޖަކު ލިޔެފައިވާ އިބުރަތްތެރި ވާހަކައެއްގެ ތަރުޖަމާއެކެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު