ނުބައި ރޭވުމެއްގެ ދަށުުން އިސްރާއީލުގައި އާ ސަރުކާރެއް ގާއިމްކޮށްފި

ނަތަންހާޔޫ އާއި އޭނާގެ ވާދަވެރިޔާ ގަންޓްސް

ހިފާފައިވާ ގުދްސު (18 މެއި 2020): އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއާއި އިދިކޮޅު ލީޑަރު ބެނީ ގަންޓްސް ގުޅިގެން އެކުލަވާލި ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރަށް އެގައުމުގެ ޕާލަމެންޓުން ރުހުން ދީފިއެވެ.

މިއައު ސަރުކާރަށް އިތުބާރު އޮތްކަމަށް އިސްރާއީލުގެ ޕާލެމްންޓުގެ 120 މެންބަރުންގެ ތެރެއިން 73 މެމްބަރުން ވޯޓު ދިން އިރު ދެކޮޅަށް ވޯޓު ދީފައިވަނީ 49 މެންބަރުންނެވެ. މިޖަލްސާއަށް ހާޒިރުނުވަނީ އެންމެ މެންބަރެކެވެ.

ނަތަންޔަހޫ އަށް 18 މަސް ގަންޓްސް އަށްވެސް 18 މަސް

ނަތަންޔާހޫއާއި ގަންޓްސް ގުޅިގެން ސަރުކާރެއް އެކުލަވާލާފައިވަނީ 18 މަސްވަންދެން ބޮޑުވަޒީރުކަމުގައި ނަތަންޔާހޫ ހުންނަވާ ގޮތަށެވެ. އަނެއް 18 މަހުގައި ގަންޓްސް ބޮޑުވަޒީރުކަމުގައި ހުންނަވާ ގޮތަށެވެ. މިދެބޭފުޅުންގެ ވާދަވެރިކަން އެއްފަރާތް ކުރުމަށްފަހު ގުޅިގެން ސަރުކާރެއް އެކުލަވާލީ އިސްރާއީލުގައި އަހަރުދުވަހުގެ ތެރޭގައި ތިން ފަހަރަށް އިންތިޚާބު ބޭއްވި އިރުވެސް މިދެބޭފުޅުންގެ ދެޕާޓީއާއި އެދެޕާޓީ އާ ގުޅިފައިވާ ޕާޓީތަކަށްވެސް ސަރުކާރެއް އެކުލަވާލެވޭ ވަރަށް ޕާލަމެންޓުން ގޮނޑި ކާމިޔާބު ނުކުރެވުމުގެ ސަބަބުން އެހެން ގޮތެއް ނެތިގެންނެވެ.

ކޮރަޕްޝަނާއި އަމާނާތަށް ޚިޔާނާތްތެރިވުމާއި މަކަރާއި އޮޅުވާލުމުގެ ތުހުމަތު ނަތަންޔާހޫ ގެ މައްޗަށް

ނަތަންޔާހޫ ޖެހިޖެހިގެން ހަތަރު ދައުރު ބޮޑުވަޒީރުކަން ކުރެއްވިއިރު އޭނާގެ މައްޗަށް ކޮރަޕްޝަނުގެ އެތަށް ތުހުމަތެއް ތަހްގީގްތަކުން ސާބިތުވުމުން އެއާމެދު ހުކުމް ކުރުމަށްޓަކައި އެމައްސަލަތައް މިހާރުވަނީ ކޯޓަށް ފޮނުވާފައެވެ. ކޮރަޕްޝަނުގެ އިތުރުން އަމާނާތަށް ޚިޔާނާތްތެރިވުމާއި މަކަރާއި އޮޅުވާލުމުގެ ތުހުމަތުތައްވެސް ނަތަންޔާހޫގެ މައްޗަށް ތަހްގީގްތަކުން ސާބިތުވުމުން އެ މައްސަލަތައްވެސް ވަނީ ކޯޓަށް ފޮނުވާފައެވެ.

ވެރިކަން ދޫކޮށް ނުލައްވައި އިދިކޮޅު ލީޑަރާ ގުޅިގެންވެސް ދުވަސްކޮޅަކު ވެރިކަމުގައި ހުންނެވޭތޯ ނަތަންޔާހޫ މަސައްކަތް ކުރައްވަނީ ވެރިކަމުގައި ހުންނެވުމުން ކޯޓުތަކަށް ނުފޫޒު ފޯރުވައި އެކަމުން ސަލާމަތް ވެވޭނެކަމުގެ އުންމީދުގައެވެ. ކޮރަޕްޝަނާއި މަކަރު ހެދުމާއި އަމާނާތަށް ޚިޔާނާތްތެރިވުމުގެ ތުހުމަތުތައް އަނބުރައި ނަގަން ޝަރުޢީ ދާއިރާއިން އެއްބަސްވާނަމަ ނަތަންޔާހޫ ހުންނެވީ ވެރިކަމުން އެއްކިބާވެ ވަޑައިގެން ސިޔާސީ ދާއިރާއިން ރިޓަޔާ ކުރައްވަން ތައްޔާރަށް ކަމަށް އޭނާގެ އަރިސް ފަރާތްތަކުން ބުނެފައިވެއެވެ.

ނަތަންޔާހޫ އާއި ގަންޓްސް ގެ ސަރުކާރަށް ޕާލަމެންޓުން ރުހުން ދިނުމުގެ ކުރިން ނަތަންޔާހޫ އާއި އައު ސަރުކާރުގެ ކެބިނެޓް ވަނީ މަގާމުގެ ހުވާކުރައްވާފައެވެ.

ފަލަސްތީނުގެ ބިންތަކުގެ 30 އިންސައްތަ އިސްރާއީލަށް ނަގަނީ

ނަތަންޔާހޫ ގެ ބޮޑުވަޒީރު ކަމުގައި އިސްރާއީލުގައި އެކުލަވާލި ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރު ވުޖޫދަށް އައިއިރު އެ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19 ގެ ސަބަބުން އިނދަޖެހިފައިވާ އިސްރާއީލުގެ އިގުތިސާދު އަލުން ކޮޅަށްޖެހޭނެ ގޮތްތަކެއް ހޯދުމެވެ.

ނަމަވެސް އިސްރާއީލުގެ ބައިގިނަ ހަރުކަށި ޒަޔަނިސްޓް ޔަހޫދީންގެ މެދުގައި މަގްބޫލުކަން އިތުރު ކުރުމަށްޓަކައި ނަތަންޔާހޫ ވަނީ 1976 ގެ ހަނގުރާމައިގާ އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގެ ބޮޑުބައެއް އިސްރާއީލުގެ ބިމުގެ ގޮތުގައި ހެދުމަށް ވައުދުވެވަޑައިގެންފައެވެ.

ހުޅަނގު އައްސޭރީގެ ބިމަކީ ފަލަސްތީނުގެ ބިމުގެ 23 އިންސައްތަ އެވެ. އެއީ ޣައްޒާގެ ފަސް ޕަސެންޓް ބިމާއެކު ފަލަސްތީނުގެ މިނިވަން ދައުލަތެއް އެބިމުގައި ގާއިމް ކުރެވިދާނެކަމަށް ފަލަސްތީނުން އުންމީދުކުރާ ހަމައެކަނި ބިންކޮޅެވެ. ނަމަވެސް ނަތަންޔާހޫ ވަނީ ހުޅަނގު އައްސޭރީގެ 30 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ ބިން އިސްރާއީލުގެ ބިމުގެ ގޮތުގައި ވަރަށް އަވަހަށް ހަމަޖައްސާނެކަމުގެ އިންޒާރު ފަލަސްތީނަށާއި އަދި މުޅި ދުނިޔެއަށް ދެއްވާފައެވެ.

އެމެރިކާއަކީ އިސްރާއީލުގެ ޖަރީމާތަކުގެ ބައިވެރިއެއް

މިހެން ހެދުމުން ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ އުންމީދު ފަލަސްތީނުގެ ރައްޔިތުންނަށް ގެއްލިގެން ދިޔައީއެވެ. އެމެރިކާ ގެ މިހާރުގެ ސަރުކާރަކީ އިސްރާއީލުން ހިންގާ މިފަދަ ޣައިރު ގާނޫނީ ކޮންމެ އަނިޔާވެރިކަމެއްގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދޭނެ ސަރުކާރަކަށް ވާތީ އެމެރިކާގެ ވެރިކަން ބަދަލުނުވަނީސް މިކަން ކުރަން ނަތަންޔާހޫ ބޭނުންވެއެވެ.

ނަތަންޔާހޫވަނީ 1976 ގެ ހަނގުރާމައިގާ އިސްރާއީލުން ހިފި ގުދްސުގެ އިރުމަތީ ފަޅިވެސް 2018 ވަނައަހަރު އިސްރާއީލުގެ ބިމަކަށް ހަދާފައެވެ. އަދި އެ ހަނގުރާމައިގާ އިސްރާއީލު ވެރިވެގަތް ސޫރިޔާގެ ގޯލާންގެ ބިންތައްވެސް ނަތަންޔަހޫވަނީ 2019 ވަނައަހަރު އިސްރާއީލުގެ ބިމަކަށް ހަދާފައެވެ. އިސްރާއީލުންކުރި މިހުރިހާ ޣައިރު ގާނޫނީ ކަމަކަށްވެސް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ވަނީ ތާއީދުކޮށް އެކަމަށް ހިތްވަރު ދީފައެވެ.

ސައޫދީ އާއި ޔޫއޭއީ ފަރުދާގެ އަނެއް ފަރާތުން އިސްރާއީލާ ގުޅުންތައް ބާއްވަނީ

އަނެއްކޮޅުން އަމިއްލަ ސިޔާސީ ބޭނުންތަކުގައި އިސްރާއީލާއި އެމެރިކާގެ ތާއީދު ހޯދުމަށް ސައޫދީ އާއި ޔޫއޭއީ އާއި މިސްރުފަދަ އަރަބި ގައުމުތަކުގެ ލީޑަރުން މަސައްކަތް ކުރައްވަމުން ގެންދެވުމަކީވެސް މިޖަރީމާތައް ހިންގުމަށް ނަތަންޔާހޫ އަށް ލިބިފައިވާ ބޮޑު ހިއްވަރެކެވެ.

ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ކޮންމެފަދަ ޖަރީމާއެއް ހިންގި ނަމަވެސް އަރަބި އިސް ގައުމުތައް ކަމަށްވާ ސައޫދީ، މިސްރު އަދި ޔޫއޭއީ އިން އެކަމާ އަޅާނުލާނެކަން ނަތަންޔާހޫއަށް އެނގުމަކީ މިކަމުގައި އޭނާއަށް ލިބުނު އެންމެބޮޑު ހިއްވަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަރަބި ގައުމުތަކުގައި ހަނގުރާމައާއި ފިތުނަވެރިކަން

މީގެއިތުރުން އަރަބި އެތަށް ގައުމެއްގައި ދާޚިލީ ހަނގުރާމަ ހިނގަމުން ދިޔުމާއި އަރަބި ގައުމުތަކުގެ މެދުގައި ފިތުނަ އުފެދިފައިވުމާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތްފަދަ ޖަމާއަތްތަކަކީ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި މިފަހަކަށް އައިސް ސައޫދީއާއި ޔޫއޭއީން ސިފަކުރަމުން ގެންދިޔުމަކީވެސް މިޖަރީމާއާ ގެން ކުރިޔަށް ދިޔުމަށް ނަތަންޔާހޫ އަށް ލިބުނު ހިއްވަރެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުދްސުގެ އިރުމަތީ ފަޅިއާއި ސޫރިޔާގެ ގޯލާންގެ ބިންތައް އިސްރާއީލުގެ ތަނެއްގެ ގޮތުގައި ނަތަންޔާހޫ ހެދުމުންވެސް އަރަބި ގައުމުތަކުން ކުރި މާބޮޑު ކަމެއްނެތެވެ. އަރަބި ގައުމުތަކުގެ ތެރޭގައި ހިމެނޭ ނުފޫޒު ގަދަ ގައުމުތައް ކަމަށްވާ ސައޫދީ އާއި ޔޫއޭއީ އާއި މިސްރުފަދަ ގަައުމުތަކުން އެކަން އަނގަބަހުން ކުށްވެރިކޮށްލުން ފިޔަވައި އެހެން ކަމެއް ކޮށްފައެއް ނުވެއެވެ. މިސްރުން އިސްރާއީލާ ގުޅުން އުފައްދާފައިވާއިރު ސައޫދީ އާއި ޔުއޭއީ ގެންދަނީ ފަރުދާގެ އަނެއް ފަރާތުގައި އިސްރާއީލާއެކު ގުޅުންތައް ބާއްވަމުންނެވެ.

(އަލްޖަޒީރާ + ނޫސް އެޖެންސީތައް)

comment ކޮމެންޓް