ކޮވިޑް-19 ފެނިފައި ނުވާ ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވެން ޖެހޭ: އިދިކޮޅު

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --

ކޮވިޑް-19 ފެނިފައި ނުވާ ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

ކޮވިޑް-19 ފެތުރިޔަ ނުދިނުމަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން މަނާ ކުރުން ހިމެނެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މި ރަމަޟާން މަސް ނިމިގެންދާއިރު ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި، ތަރާވީސް ނަމާދު ކުރުމާއި، އަދި ދަމު ނަމާދު ފަދަ ކަންކަން ކުރުމަށް ހުރަސްއެޅިފައިވުމަކީ އެ ކޯލިޝަނުގެ ކަންބޮޑުވުމެއް ކަމަށެވެ. އަދި ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި މިސްކިތްތައް ބަންދުކޮށްފައި ހުރުމަކީވެސް ދިވެހީންނަށް އެކަމުގެ އަސަރު ކުރާނެ ކަމެއް ކަމަށް އެ ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

ރަމަޟާން މަހުގެ ފަހު 10ގައިވެސް މިސްކިތްތައް ބަންދުކޮށްފައި ހުރުމަކީ އިސްލާމް ދީނަށް ލޯބި ކުރާ އެތައް ބައެއްގެ ކަންބޮޑުވުމެއް ކަމަށް އެ ކޯލިޝަނުން ބުންޏެވެ. އެ ކޯލިޝަނުން ވަނީ ފަހު 10ގައި ނަމަވެސް، މީހުންނަށް ނަމާދު ކުރެވޭނެހެން މިސްކިތްތައް ހުޅުވާލަން ގޮވާލައިފައެވެ.

"ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދިޔަނަމަވެސް، މި ވައިރަހުގެ އަސަރު އެއްވެސް މިންވަރަކަށް ކޮށްފައި ނުވާ ރާއްޖޭގައި ހުރި އިރު، އެ ރަށްތަކުގެ މިސްކިތްތައް ބަންދުކޮށް، އެ ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓުވައިގެން ތިބެންޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލެއް ނުކުރެވެއެވެ." ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެއެވެ.

ކޮވިޑް-19 ނުފެތުރޭ ރަށްރަށުގެ މިސްކިތްތައް ހުޅުވާލައި މިސްކިތްތަކުގައި ހޭލުންތެރިކަން ފަތުރަން މައުލޫމާތު ލިބޭނެ ގޮތް ހަދައި، ސާފުތާހިރުވުމަށް ބޭނުންވާނެ ވަސީލަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި، ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް މިސްކިތްތަކުގައި އެޅުމަށްވެސް އެ ކޯލިޝަނުން ގޮވާލިއެވެ.

comment ކޮމެންޓް