ސުނާމީގައި ލިބޭ ގެއްލުން ކުޑަކުރުމުގެ ޕްލޭން ހިރަފުހުގައި!

ދެހާސް ހަތަރު ވަނަ އަހަރު ރާއްޖެއަށް ސުނާމީ އެރުމަށް ފަހު އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ ޑިޒާސްޓާ ރިޑަކްޝަން ޕްލޭނެއްގެ ވާހަކަ އެވެ. ރާއްޖޭގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖެމެންޓް ސެންޓަރެއް ހުންނައިރު އެކަމަށް ތައްޔާރުވެފައި ވަނީ ކިހާ ވަރަކަށް ހެއްޔެވެ؟

ނޭޝަަނަލް ޑިޒާސްޓާ މެނޭޖެމެންޓް ސެންޓަރުން ބުނާ ގޮތުންނަމަ އެ ސެންޓަރުގެ މިހާރުގެ މައިގަނޑު ފޯކަސް އަކީ ޑިޒާސްޓާއެއް ކުރިމަތިވުމުން އެއަށް ރެސްޕޮންސް ދިނުމަށް ވުރެ ބޮޑަށް ގެއްލުންތައް ކުޑަ ކުރެވޭނެ ގޮތަކަށް އެންމެންގެ ވިސްނުން ބަދަލު ކުރުމުގެ މަސައްކަތެވެ. މާނައަކީ ޑިޒާސްޓާއެއް ކުރިމަތިވުމުން އެކަމަށް ރެސްޕޮންޑް ކުރުމަކީ ޓެކްނިކަލީ ގޮތުން އަދި ގާނޫނީ އޮނިގަނޑުގެ ތެރެއިން ވެސް އެ ސެންޓަރުގެ ޒިންމާއަކަށް ނުވާތީ އެބައި އެމްއެންޑީއެފާއި ޕޮލިހަށް ދޫކޮށްލާފައި މީހުންގެ ވިސްނުން ބަދަލު ކުރުމުގެ މަސައްކަތް ކުރުމެވެ.

"އަޅުގަނޑުމެންގެ ފޯކަސްއަކީ ޑިޒާސްޓާ ރިސްކް ރިޑަކްޝަންއަށް ނޫނީ ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ބާރު އަޅައި ކުރެވެން ހުރިކަންކަން ކުރުން،" ޑިޕިއުޓީ މިނިސްޓަރު އަހުމަދު ޒަކީ ވިދާޅުވި އެވެ.

ދެހާސް ނުވަ ވަނަ އަހަރު އެކަމަށް ހާއްސަ ސްޓްރެޓެޖީކް ނެޝަނަލް އެކްޝަން ޕްލޭނެއް، ނޭޝަނަލް ޑިޒާސްޓާ މެނޭޖެމެންޓް ސެންޓަރުން ވަނީ އެކުލަވާލައިފަ އެވެ. އެނގިފައިވާ ގޮތުގައި ދާދި ފަހުން ސަރުކާރުން ވަނީ އެ ޕްލޭން ބަލައިގެންފަ އެވެ.

އޭރު އެކުލަވައިލެވުން ޕްލޭނަކީ ރިސްކް ރިޑަކްޝަނަށް އަމަލު ކުރާނެ މައިގަނޑު އޮނިގަނޑެކެވެ. ރާއްޖެއާ ކުރިމަތިވި ސުނާމީ ކާރިސާއަށް ހަތް އަހަރުވީއިރު މި ދެންނެވީ ޕްލޭންގައި ހުރި ކަންކަން ކުރެވިފައި ވޭ ހެއްޔެވެ؟
"އޭގައި އަބަހުރި ކަންތައްތަކެއް އަޅުގަނޑުމެން ކުރަންޖެހޭ، އެކަމަށް ތައްޔާރުވުމަށް ޕްލޭނަށް ބަލައިގެން އަޅުގަނޑުމެން އަންނަ އަހަރަށް ބަޖެޓް ހެދީ ވެސް އެހެން ނަމަވެސް ޕްލޭން އަދިވެސް އާންމެއް ނުކުރެވޭ،" ޒަކީ ވިދާޅުވި އެވެ.

ޑިޒާސްޓާ ރިސްކް ރިޑަކްޝަން ޕްލޭނަށް އަމަލު ކުރަން ބަލާއިރު ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތައް އުފެދި ހިންގުމުގެ ނިޒާމަށް އައި ބަދަލާއެކު އުނދަގޫތަކަކާ ވަނީ ކުރިމަތިވެފަ އެވެ. ކައުންސިލްތައް އެކުލަވައިލި ގޮތަށް ހިނގައި ނުގެނެ، ސިޔާސީ އޮއިގައި ބެހެމުންދާއިރު ޑިޒާސްޓާ ރިޑަކްޝަސް ޕްލޭން ވެސް ކައުންސިލްތަކާ ހަމައަށް ވާސިލުވެފައެއް ނުވެއެވެ.

"މި ޕްލޭން ދާންޖެހޭ ކައުންސިލްތަކުގެ އިދާރާތަކަށް ވެސް އެބޭފުޅުންގެ ގާނޫނުގައި ވެސް ޑިޒާސްޓާ ޕްރިޕެއާނެސް ޕްލޭންތައް ހަދަންޖެހޭ. އެގޮތުން ކޮންމެ ރަށެއްގައި ވެސް އޮންނަން ޖެހޭ ޕްލޭނެއް އެމީހުނާ ހަމައަށް މި އޮނިގަނޑުދާން ޖެހޭއިރު އެކަމެއް އަދި ނުވޭ. އަޅުގަނޑުމެން މި ބަލަނީ އަލުން ރިވައިސް ކުރަންޖެހޭ ކަންކަން ރިވައިޒް ކުރުމަށް ފަހު އަންނަ އަހަރު އޮނިގަނޑު ޕަބްލިޝް ކުރަން، އޭރުން އެންމެނާ ހަމައަށް ދާނެ،"

ޑިޒާސްޓާ ރިޑަކްޝަން ޕްރެޕެއާނެސް ޕްލޭން އޮތީ މުޅިއަކުން ކަރުދާހުގައެއް ވެސް ނޫނެވެ. ރަށްރަށަށް ބޭނުންވާ ޕްރެޕެއާނެސް ޕްލޭންތަކުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ޔޫއެންޑީޕީ އާއި ރެޑްކްރެސެންޓާއި އެނޫން ވެސް އެންޖީއޯތަކުގެ އެހީގައި ކޮންމެވެސް ވަރަކަށް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.

އެގޮތުން 68 ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ދިޒާސްޓާ ޕްރެޕެއާނެސް ޕެލޭން ނޭޝަނަލް ޑިޒާސްޓާ މެނޭޖެމެންޓް ސެންޓަރު ހަދައި އެ ޕްލޭންތައް ޓެސްޓް ވެސް ކުރި އެވެ. އެހެންނަމަ ވެސް އެ މަސައްކަތަށް ހުއްޓުމެއް އައީ ކައުންސިލްތައް އުފަންވެ އެކަމަކީ ކައުންސިލްތަކުން ކުރަންޖެހޭ މަސައްކަތަކަށްވީ ހިސާބުންނެވެ.

"އަޅުގަނޑުމެންގެ މަސައްކަތުން 68 ރަށް ނިންމައިފައި އޮތީ. ވަރަށް ގިނަ ދަތުރުތައްކޮށް ވަރަށް ހަރަދު ކޮށްގެން އެންމެ ޕްލޭނެއް ވެސް ހެދެނީ. އަދި އެއީ ވޯކަބްލް އެއްޗެއްތޯ ބަލަން ޓެސްޓް ކުރުމަށް ބޮޑު ހަރަދެއް ކުރަން ޖެހުނު އެންމެ ރަށެއްގައި ޑްރިލްއެއް ޖައްސަން ދެ ލައްކައާ ގާތަށް ހަރަދުވޭ،" ޒަކީ ވިދާޅުވި އެވެ.

ރާއްޖޭގެ ކޮންމެ ރަށަކީ ވަކި ގޮތަކަށް އުފެދި ވަކިކަހަލަ މޫސުމީ ބަދަލުތަކެއް އަންނަ މޫސުމީ ވަކި ތޮބީއަތެއްގެ ރަށެކެވެ. އެހެންނަމެވެސް އެއިން ކޮންމެ ރަށަކީ ވެސް ޑިޒާސްޓާ ރިސްކް ރިޑަކްޝަން ޕްލޭނެއް ބޭނުންވާ ރަށެކެވެ. ކޮންމެ ރަށަކަށް ވަކި ޕްލޭނެކެވެ. އެހެންކަމުން މިހާރު ބާކީ ހުރި ހުރިހާ ރަށެއްގެ އެ މަސައްކަތް ކުރަންޖެހޭ އިސް ފަރާތަކީ އެ ރަށެއްގެ ރަށު ކައުންސިލެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖެމެންޓްން ދޭނެ ޖެހެނީ ފަންނީ އަދި މާލީ އެހީ އެވެ.

މޫސުމީ ބަދަލުތަކުގައި އުދަ އަރާ ދިމާތަކާއި ގެއްލުންތައް އަންނަ ގޮތާއި ފެން ބޮޑުވާ ތަންތަން ބޮޑަށް ފާހަގަ ކުރެވޭނީ ވެސް އެ ރަށެއްގެ ކޮމިއުނިޓީ އަށެވެ. އަދި ކޮންމެ ރަށެއްގެ ހެޒަޑް މެޕް އެންމެ ބޮޑަށް އެނގެނީ ވެސް އެ ރަށެއްގައި ދިރިއުޅޭ ބަޔަކަށެވެ. އެހެން ނަމަވެސް ސުނާމީގެ ހިތި ތަޖުރިބާއާއެކު އަހަރުތަކެއް ވެގެން ދިޔައިރު ވެސް ގައުމު އެކަމަށް ތައްޔާރުވެފައެއް ނެތެވެ.
ގުޅޭ ޓެގު
comment ކޮމެންޓް