ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މީޓްރޮލަޖީ ސާވިސް (މެޓް) އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާ ހަމައަށެވެ. ޔެލޯ އެލާޓް ދެމި އޮންނާނީ ހަވީރު ފަހަކުން ރޭގަނޑު ނުވައަކަށެވެ.
މި އަތޮޅުތަކަށް އާންމުކޮށް 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެއާއި ދުރުން ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ކޮޅިގަނޑަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެވެ. އެ ކޮޅިގަނޑު މިހާރު ވަނީ ތޫފާނަކަށް ބަދަލުވެފައެވެ. ތޫފާނަށް ދީފައިވާ ނަމަކީ ސައިކްލޯން އަމްޕަންއެވެ. މީގެ އިތުރުން މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ މޫސުމީ ވިއްސާޜަވެސް ކުރާ ދުވަސްވަރެވެ.
މޫސުން ގޯސްވާނެތީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގައި ވަނީ ފުރަތަމަ ފަހަރަށް މޫސުމާ ގުޅޭ އޮރެންޖު އެލާޓުވެސް ނެރެފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ވިލާގަނޑިގައި 50 މޭލާ 60 މޭލާ ދެމެދަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މެޓުން ބުނީ ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމަށެވެ.