ދޮންމަންމަ ދޮން ނިޔަދުރެއް ފަދައެވެ. މިއީ ވަރަށް ކުރީއްސުރެ އަހަރެން އަޑު އަހަމުން އައި ދިވެހި ހަރު ބަހެކެވެ.
ކަންދިމާކުރި ގޮތުން އުމުރުން ފަނަރަ އަހަރުގައި ބައްޕަ، އަހަރެންގެ މަންމަ ވަރިކޮށްލުމަށް ފަހު، އެހެން މީހަކާ އިނުމުން އަހަންނަށް ވެސް ދޮންމަންމަ އެއް ލިބުނެވެ.
ބައްޕަ މަންމަ ވަރިކޮށްލުމުންނާއި، އެވަރު ނުފުދިގެން ދޮންމަންމައެއް ހޯދައިދިނުމަކީ، އަހަންނަށް ގަބޫލުކުރަން ފަސޭހަކަމަކަށް ނުވިއެވެ. ދޮންމަންމަ އަނީސާ ދެކެ އަހަރެން އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ބައްޕަ މަންމަ ވަރިކޮށްލިއިރު، އަހަރެންގެ އިތުރުން އުމުރުން ހަތް އަހަރުގެ ކޮއްކޮއެއް ހުރެއެވެ.
ބައްޕައާ އިނދެގެން ދޮންމަންމަ ބަދަލުވީ އަހަރެމެން ގެއަށެވެ. ވަރިވެގެން މަންމަ، މަންމަގެ އުފަން ރަށަށް ބަދަލުވީއެވެ. އަހަރެމެން މަންމައާއެކު، ދާން އުޅުމުން ކޮއްކޮ އެކަނި ހުންނާނެޔޭ ކިޔާފައި, މަންމަ އަހަރެން ގެންދަން ދެކޮޅު ހެދީއެވެ.
ކޯޓުން ކޮއްކޮ މަންމައާއި ހަވާލު ނުކުރީ ކީއްވެކަމެއް މާ ރަނގަޅަކަށް އަހަންނަކަށް ނޭނގެއެވެ.
ބައްޕައާ މަންމައާއި ދެމީހުން އެކީގައި އުޅުނުއިރު ވެސް، ވަރަށް ގިނަ މައްސަލަތައް ޖެހެއެވެ. އެންމެ ގިނަ މައްސަލަތައް ޖެހޭނީ އަހަރެމެން ދެކުދިންނާ ގުޅުވައިގެންނެވެ.
ހަނދާން ހުންނަން ފެށީއްސުރެ މަންމައަކީ މާ މުރާލި މީހެއް ނޫނެވެ. އުމުރުން ހަތް އަހަރުން ފެށިގެން އަހަރެން ވެސް ގޭތެރޭގެ މަސައްކަތްތައް ކުރަމެވެ. ކުނި ކެހުމާއި ގަރުދިޔައާއި ބަތްފަދަ އެއްޗެހި ކައްކަން ދަސްކުރީމެވެ.
މަންމަގެ ކަމަކަށް އޮންނާނީ ހިންދީ ޑްރާމާ ބެލުމެވެ. އެކަމާ ބައްޕަ ކިތަންމެ ފަހަރަކު މަންމައާ ޒުވާބުކުރެއެވެ. ގިނައިން ކޮއްކޮއަށް ކާންދީ ބަލަނީ އަހަންނެވެ. މަންމަގެ އުޅުމާ މެދު ހިންހަމަ ނުޖެހުނު ނަމަވެސް، އަހަރެން އެއްޗެއް ނުބުނަމެވެ.
މަންމަ ވަރިކޮށްލުމަށް ފަހު، ބައްޕަ އަހަރެން ގާތު ބުނީ މަންމަގެ އުޅުން ކަމުނުދާތީ ވަރިކުރީ ކަމުގައެވެ. އެކަމަކު އޭގެ ފަހުން ދޮންމަންމައެއް ގެންނަ ވާހަކަ ބުނުމުން އަހަރެން ގާތަށް ރުޅިއައީއެވެ. ޚާއްސަ ގޮތެއްގައި ކޮއްކޮ ދޮންމަންމައެއްގެ ވިހަ ގަދަ ވަކިތަކުގެ ދަށުވާން ނޭނދޭތީއެވެ. ދޮންމަންމަގެ ވެސް އެހެން މީހަކާ އިނދެގެން ލިބިފައި ހުންނަ ކޮއްކޮ އާ އެއް އުމުރެއްގެ ކުއްޖަކު ހުރެއެވެ.
***
އަވި ގަދަ ދުވަހެކެވެ. އަހަރެން ގެ ކައިރި ފިހާރެއަކަށް ގޮސްފައި އައިސް ގެއަށް ވަތް އިރު ކޮއްކޮ ގޯތިތެރޭގައި ހުރި ގަހެއްގެ ދޮށުގައި ރޯން ހުއްޓައި ދުށީމެވެ. ފުރަތަމަ ވެސް ވިސްނުން ގުޅުނީ ދޮންމަންމައާއެވެ. ކޮއްކޮ ކައިރިއަށް ޖެހިލަމުން އަހަރެން ސުވާލުކޮށްލީމެވެ.
"ރާއީ... ކިހިނެއްވީ؟" އަހަރެންގެ ސުވާލާއެކު ކޮއްކޮ ރޮމުން އަހަރެންގެ ގައިގައި ބައްދައިލިއެވެ. ވާނުވާ ވެސް ބަލައިލުމެއްނެތި އަހަރެން އެތެރެއަށް ވަނީމެވެ. ކޮއްކޮ އޭރުވެސް ރޮނީއެވެ. ދޮންމަންމައަށް އެ މަންޒަރު ފެނުމާއެކު "ރާއީ ކިހިނެއްވީހޭ؟" އަހައިލިއެވެ. އަހަރެން ގާތަށް އައީ ރުޅިއެވެ.
"ކޮން ރާއީއެއް ކިޔާކަށް... މީ ޔަޤީނޭ ކަލޭގެ ކަންތައްކަން" އައިސްފައި ހުރި ރުޅިއާއެކު އަހަރެން ބުނީމެވެ. ދޮންމަންމަ ރާއީ އާ ދިމާލަށް ފިޔަވަޅެއް އަޅައިލިއެވެ.
އޭރު ތަންކޮޅެއް ދުރުގައި ރީޝާ ބަލަން ހުއްޓެވެ. އެއީ ދޮންމަންމަގެ ދަރިފުޅެވެ. އަހަރެން އަތުގެ ފަސް އިނގިލި ދައްކައިލަމުން މަޑުކުރުމަށް އެދުނީމެވެ. ދޮންމަންމަގެ ފިޔަވަޅުތައް ވަގުތުން ހުއްޓުނެވެ. އަހަރެންގެ ބަސްތަކުން އެ ދެ ލޯ ފެންކަޅިވިއެވެ. ވީ ގޮތެއް ރާއީ ނުބުނެއެވެ.
"ރާއީ... ތީ ފިރިހެންކުއްޖެއްނު. ފިރިހެން ކުދިން ވަރަށް ސްޓްރޯންގް ވާނޭ" އަހަރެން ކޮންމެވެސް އެއްޗެއް ކިޔައިގެން ރާއީ ހަމައަކަށް އަޅުވައިލީމެވެ. ދޮންމަންމައާ މެދު އަހަރެންގެ ހިތުގައި ވަނީ ހުސް ޝަކުވާއެވެ. ރުޅިވެރިކަމެވެ. ނަފުރަތެވެ.
މަންމަ ގޭގައި އުޅުނު އިރުވެސް ކާ އެއްޗެހި ހެދުމަކީ އަހަރެންގެ ޒިންމާއެކެވެ. ދޮންމަންމަ އަޔަކަސް އެ ޒިންމާތަކުން އަހަންނަކަށް ރެކެވޭކަށް ނޯންނާނެއެވެ. ދޮންމަންމައިން ވެއްޖެއްޔާ މަންމައަށް ވުރެ އަދި މާ ނުބައި ވާނެއެވެ.
އަހަރެން ބަދިގެއަށް ވަތްއިރު ބަތް ހުރީ ކައްކާފައެވެ. އުނދުން ކައިރިއަށް ޖެހިލާ އަހަރެން އޭގެ މަތީގައި ހުރި ތެލީގެ މަތިގަނޑު ހިއްލައިލާ ބަލައިލީމެވެ. ރިހަ ވެސް ހުރީ ކައްކާފައެވެ.
"އަންނަ ފުރަތަމަ ދުވަސްކޮޅު އުޅޭނެމިހެން، ހަޤީޤީ ކުލަވަރު ދައްކައިލާނީ އަދި ފަހުން" އަހަރެންގެ ހިތަށް އެރިއެވެ. ދޮންމަންމައިންނަކީ ނުބައި ބަޔެކެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ދޮންމަންމަ ދެކެ އަހަރެން އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ކުރާ ކުދި ކުދި ކަންތައްތަކަށް ފާޑުކިޔާ ދެރަވާފަދަ ބަސްތައް ބުނަމެވެ. އަހަރެންގެ ކުރިމަތީގައި ބައެއް ފަހަރު ބަހެއް ބުނެލިޔަސް ދޮންމަންމަ ގިނައިން ހުންނާނީ ހަނެވެ. ބައެއްފަހަރު އުޅޭ ގޮތުން ދޮން މަންމަގެ ހުންނަ އަންހެން ދަރިފުޅު ރީޝާއަށް ވުރެ ކޮއްކޮ ގާތް ކުރަން އުޅޭހެން ވެސް ހީވެއެވެ.
ދުވަސްވީރަކަށް ރީޝާ އާއި ރާއީގެ ގުޅުން ވެސް ދިޔައީ ބަދަހިވަމުންނެވެ. އެކަމާ އެންމެ ނުރުހުނީ އަހަންނެވެ. އެކަމަކު ބައްޕަ ހުންނަނީ އަބަދާ އަބަދު ހިނިތުންވެލައިގެންނެވެ. ހީވާގި މުރާލި މީހަކު ލިބުނީމަ ކަމަށް ވެސް ވެދާނެއެވެ. ދޮންމަންމަގެ އެ އުޅުމުން ވެސް އަހަންނަށް ނެގުނީ މުޅީން ނުބައި މާނައެކެވެ. އެއީ ބައްޕައަށް އޭނަގެ ރަނގަޅުކަން ދައްކަން ވެގެން ކުރާ ކަމެއްކަމުގައި އަހަރެން ނިންމީމެވެ.
ރާއީއާއި ރީޝާ އާއި ދެމީހުން ކުޅެން އުޅޭއިރު ބައެއްފަހަރު ތަޅައިގަނެއެވެ. ގޯސް ކަމެއް ކޮށްގެން އަދަބު ދެންޏާ ދޮންމަންމަ އަބަދުވެސް އަދަބު ދޭނީ ރީޝާއަށް އެކަންޏެވެ. ރުޅިއައިސްގެން ބަހެއް ބުންޏަސް ބުނާނީ ރީޝާއާ ދިމާލަށެވެ. އަހަރެން ހުންނާތީ ރާއީ އާ ދިމާލަށް ބަހެއް ބުނަން ނުކެރެނީ ކަމަށް ވެސް ވެދާނެއެވެ. އަހަންނަށް ރަނގަޅީ ވެސް އެހެންވިއްޔާއެވެ. ދޮންމަންމައަކަށް އަހަރެމެންގެ މައްޗަށް ބަސް ކިޔިގެނެއް ނުވާނެއެވެ.
އެ ގޮތުގައި ދެ އަހަރެއްހާ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ދޮންމަންމަ އާއި އަހަރެންގެ ގުޅުމަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. އެހެން ނަމަވެސް ރާއީ ދޮންމަންމައާ ވަރަށް ގާތް ވެއްޖެއެވެ.
ދޮންމަންމަގެ އުޅުމަށް އެއްވެސް ކަހަލަ ބަދަލެއް ނާދެއެވެ. އިހެކޭ އެއްގޮތަށް ގޭތެރޭގެ ކަންތައްތައް ބަލަހައްޓައެވެ. މިހާރު އަހަރެން ގިނަ ފަހަރަށް ގޭތެރޭގެ އެއްވެސް މަސައްކަތެއް ނުކުރަމެވެ، ޖެއްސުމަށެވެ. އެކަމަކު އެކަމާ މާބޮޑު އެއްޗެކޭ ދޮންމަންމައެއް ނުބުނެއެވެ.
ބައެއްފަހަރު އެހެން ކުދި ކުދި ކަންތައްތައް ކޮށްލަދޭން ބުނެފާނެއެވެ. އަހަރެން ވެސް ފަހަކަށް އައިސް އެހެން ކުދި ކުދި ކަންތައްތައް ކޮށްލަދީ ހަދަމެވެ. އެކަމަކު ގޭގެ މައިގަނޑު ކުރާ ހުރިހާ މަސައްކަތެއް ވެސް ކުރާނީ ދޮންމަންމައެވެ.
ރާއީ ދޮންމަންމައަށް މަންމައޭ ކިޔާފައި ގޮވަން ފެށުމުން އަހަރެން އެކަން މަނާކުރީމެވެ. އެއީ ރާއީގެ މަންމަ ނޫންކަމަށް ބުނީމެވެ.
"ދޮންތާ. އަނީސާ މަންމަ ކިހާ ރަނގަޅުތަ؟ މަންމަ ވެސް އެހެންނޫޅޭ" އަހަރެން ޝަކުވާ ކުރަން ފެށުމުން އެންމެ ފަހުން ރާއީ ބުނީ އެހެންނެވެ. ދޮންމަންމަގެ ރަނގަޅުކަން އޭނާގެ ޅަ ސިކުނޑިއަށް ވެސް ވިސްނުނީއެވެ. އަހަރެން ރާއީއަށް ވިސްނައިދޭން މަސައްކަތް ކުރީމެވެ. ދޮންމަންމައެއްގެ ހިތް އެއްވެސް އިރެއްގައި ދޮން ދަރިންނަށް ހެވެއްނުވާނޭކަމުގައެވެ. އެކަމަކު އެކަން ރާއީއަށް ވިސްނޭނީ ކިހިނެއްހެއްޔެވެ؟ ކުޑަ ކުދިން ގަބޫލު ކުރާނީ އެ ކުދިންނަށް ފެންނަ ކަންތައްތަކެއް ނޫން ހެއްޔެވެ؟.
ކޮންމެއަކަސް ދުވަސްތައް ފާއިތުވަމުން ދިޔައީ އެ ގޮތަށެވެ. ދޮންމަންމަ ކިތަންމެ ރަނގަޅަކަށް ކަންތައް ކޮށްދިނަސް އަހަންނަކަށް އެކަމެއް ކަމަކު ނުދެއެވެ. ޖެއްސުމެއް ވެއްޖެއްޔާ ކޮށްލެވޭތޯ އަހަރެން ބަލަމެވެ.
އެއީ އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެން އިނީ ގޭ ގޯތިތެރޭގައި ހުރި ގަހެއްގައި އެލުވާފައި އިން އުނދޯއްޔެއްގައެވެ. ވަށާފާރު ކައިރީގައި ޖަހާފައި ހުރި ދޮން ވެލި ފުންޏެއްގެ ކައިރީގައި ރާއީ ކުޅެން އިނެވެ. އަހަރެން އަތުގައި އޮތް ވާހަކަ ފޮތުގެ ތެރެއަށް ގެއްލިފައި އިންދާ ރީޝާ ގޭތެރޭން ނުކުތެވެ. އެ ދިޔަ ގޮތަށް ގޮސް ރާއީ އަތުގައި ކުޅޭ ކުޅޭ ރޮބޮޓު ޖަހައިގަނެފައި ރާއީ ކޮށްޕައިލިއެވެ. ވަގުތުން ރާއީ ރޮއިގަތެވެ. އުމުރުން ބޮޑުވަމުން އައި ނަމަވެސް ރާއީ އުޅޭލެއް އަދިވެސް ވަރަށް ޅައެވެ. ހިތުގެ މައްސަލައެއް ހުންނާތީ ކަމަށް ވެސް ވެދާނެއެވެ. ރާއީ ވަރަށް އަވަހަށް ހިތުގައި ޖެހި ރޯން ފަށާނެއެވެ.
އަހަރެން ރީޝާއާ ދިމާލަށް ހަޅޭއްލަވައިގަތީމެވެ. ރީޝާ ފެށީ ރޯށެވެ. ދޮންމަންމަ ނުކުތުމާއެކު ވީ ގޮތް ބުނީމެވެ. އޭރުވެސް އަހަރެންގެ އަޑުގައި ހުރީ ނުރުހުމެވެ.
"ތެދެއް ރީ... އެހެން ހެދިންތަ؟" ދޮންމަންމަ ރީޝާ އާ ސުވާލުކުރިއެވެ. އެވަގުތު ރީޝާ ރޮމުން ބޯ ޖަހައިލިއެވެ.
"އަވަހަށް މާފަށް އެދޭ" ދޮންމަންމަ ރީޝާ އާ ދިމާލަށް ބުނެލިއެވެ. ރީޝާ މަޑު ފިޔަވަޅުތަކެއްގައި ގޮސް މާފަށް އެދުނެވެ. ދޮންމަންމަގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިތަން ދުށީމެވެ. ދޮން މަންމަ ރީޝާއަށް ދެނީ ރަނގަޅު ތަރުބިއްޔަތެކެވެ. މިހާ ދުވަސް ވީއިރު އެކަން ޤަބޫލުކުރަން މަޖުބޫރުވެއްޖެއެވެ.
އެ ދުވަހު ފަހުން ރާއީ ރީޝާ އަތަށް އެ ރޮބޮޓް ދީފައި މާފަށް އެދުނު ތަން އަހަރެން ދުށީމެވެ. ފަހުން އެނގުނު ގޮތުގައި ރާއީ ރީޝާގެ އަތުން ނަގައިގެން އެ ރޮބޮޓް ފޮރުވީއެވެ. ވީ ގޮތް އެނގުމުން އަހަންނަށް އިސްޖަހައިލެވުނެވެ.
މީގެ ދެ އަހަރު ކުރިން ކޮއްކޮ ރޯން ހުރި މަންޒަރު އަހަރެންގެ ލޯކުރިމައްޗަށް ސިފަވިއެވެ. ވީ ގޮތް އޮޅުން ފިލުވައިލަން ހިތް އެދުނެވެ. އަހަރެން ރާއީ އާ ސުވާލުކޮށްލީމެވެ. ރާއީގެ ހަނދާނަކު އެކަން ހުރި ކަމަކަށް ނުވިއެވެ.
ފަހުން ދޮންމަންމަގެ ފަރާތުން އަހަންނަށް އެ ހާދިސާ ހިނގި ގޮތް އޮޅުން ފިލިއެވެ. ދޮންމަންމަ ބުނީ އެ ދުވަހު ރީޝާ ރުޅިއައިސްގެން ރާއީގެ ލޯ މަތީގައި ޖެހިކަމަށް ބުނި ކަމަށެވެ. އެކަމާ ރީޝާއަށް އަދަބު ވެސް ދިން ކަމުގައެވެ. އަހަންނަށް ބޮލުގައި އަތް ޖައްސައިލެވުނެވެ.
"ނަމްޝާ... ނަމްޝާއަށް ނޭނގުނަސް އަހަރެން ބަލަނީ އެންމެ ރަނގަޅަކަށް ކަންތައް ކޮށްދެވޭތޯ" ދޮންމަންމަ ބުނެލިއެވެ. އަހަންނަށް ބޯ ޖަހައިލެވުނެވެ.
ފަހުން އަހަންނަށް އެނގުނު ގޮތުގައި ބައްޕަ މަންމައާއި ވަކިވީ މަންމަ އެހެންމީހަކާ ގުޅުން ބާއްވާކަން އެނގިގެންނެވެ. އެކި ފަހަރު މަތިން މަންމައަށް ނަސޭހަތް ދީގެން ވެސް އެކަން ނުހުއްޓުމުންނެވެ.
ވީ ގޮތް އެނގުމުން މަންމައާ މެދު ހިތުގައި ރުޅިވެރިކަން އުފެދުނެވެ. ދޮންމަންމައާ މެދު ފުރަތަމަ ފަހަރަށް ވިސްނައިލަން މަޖުބޫރުވިއެވެ. ހުރިހާ ދޮންމަންމައިންނަކީ ދޮން ނިޔަދުރަކަށް ނުވާނެކަން އަހަންނަށް ޤަބޫލުކުރެވުނެވެ. އަހަރެންގެ ޙަޔާތުން ދޮންމަންމައަށާއި ރީޝާއަށް ޖާގައެއް ދޭން އަހަރެން ނިންމީމެވެ. ދޮންމަގެ ބަސް މަދުކަމާއި ކެތްތެރިކަން އަހަރެންގެ ހިތުން ޖާގައެއް ކަށަވަރު ކޮށްފިއެވެ.
(ނިމުނީ)