ބުންޑެސްލީގާ: ޝަލްކޭ އަތުން ޑޮޓްމަންޑަށް ބޮޑު މޮޅެއް

ޑޮޓްމަންޑާއި ޝަލްކޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/އޭޕީ

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ދެމަހެއްހާ ދުވަހު މެދުކެނޑިފައި އޮތް ޖަރުމަނުގެ ބުންޑެސްލީގާ މިއަދު ފެށި އިރު، ޝަލްކޭ އަތުން ބްރޮޝިއާ ޑޮޓްމަންޑް ބޮޑު މޮޅެއް ހޯދައިފި އެވެ.

ޑޮޓްމަންޑުގެ ސިގްނަލް އިޑުނާ ޕާކްގައި މިއަދު ކުޅުނު މެޗުން އެ ޓީމު ކުރި ހޯދީ 0-4 ގެ ނަތީޖާ އަކުންނެވެ. މިރޭގެ މޮޅާ އެކު ޑޮޓްމަންޑް ވަނީ 26 މެޗު ކުޅެގެން ލިބުނު 54 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައަށް ޖެހިލައިފަ އެވެ. އެއްވަނައިގައި އޮތް ބަޔާން މިއުނިކަށް 55 ޕޮއިންޓް ލިބިފައިވާ އިރު ޑޮޓްމަންޑުގެ ދަށުން ތިންވަނައިގައި އޮތް ލިޕްޒިގްއަށް ލިބިފަައި ވަނީ 51 ޕޮއިންޓެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރޮޕް ފުޓުބޯޅަ މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއަށްފަހު ގައުމުތަކުގެ ލޮކްޑައުން މަހުން މަހަށް އިތުރުވަމުން ދިއުމާ ގުޅިގެން ބައެއް ގައުމުތަކުގެ ފުޓުބޯޅަ ސީޒަންތައް ވަނީ ކެންސަލް ކޮށްފަ އެވެ.

ޑޮޓްމަންޑާއި ޝަލްކޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/އޭޕީ

އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ.

ނަމަވެސް ސްޕެއިނާއި، އިޓަލީ އަދި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުން ފުޓުބޯޅަ ސީޒަން ކުރިއަށް ގެންދާނެ ކަން މީގެ ކުރިން އިއުލާން ކޮށްފައިވާ އިރު އެންމެ ފުރަތަމަ ލީގު ފެށީ ޖަރުމަނުންނެވެ. އެގޮތުން މިއަދު ވަނީ އެގައުމުގެ ބުންޑެސްލީގާގެ ހަ މެޗު ކުޅެފަ އެވެ.

މިއަދު ކުޅުނު އެންމެ ފޯރިގަދަ މެޗަށް ބަލާލާއިރު ޑޯޓްމަންޑުން ވަނީ ޝަލްކޭގެ މައްޗަށް ފަސޭހަކަމާ އެކު ކުރި ހޯދައިފަ އެވެ. މި ސީޒަނުގައި އެ ޓީމަށް ކުޅެން ފެށި އާލިންގެ ހާލެންޑުގެ ގޯލުން ފުރަތަމަ ހާފުގެ 29 ވަނަ މިނަޓުގައި އެ ޓީމުން ލީޑު ނެގި އިރު އެ ހާފު ނިމުމުގެ ކުރިން ދެ ގޯލަށް ލީޑު ފުޅާކޮށްދިނީ ރަފައެލް ގަރޭރޯ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ތޯގަން ހަޒާޑު އިތުރު ގޯލެއް ޖަހައި ޑޮޓްމަންޑަށް މެޗު ޔަގީންކޮށްދިން އިރު ހަތަރުވަނަ ގޯލު މެޗު ނިމެންދަނިކޮށް ޖަހައިދިނީ ގަރޭރޯ އެވެ.

މި މެޗުން ލިބުނު ކާމިޔާބީއާ އެކު ޑޮޓްމަންޑުން އެއްވަނަ ހޯދުމަށް ކުރަމުން އަންނަ އުންމީދުތައް އައުވެގެން ދިޔަ ނަމަވެސް ހިތާމައަކަށްވީ މޮޅު ކުޅުމަކާ އެކު މެޗުން މޮޅުވި މަންޒަރު ބެލުމަށް ދަނޑަށް އެއްވެސް ސަޕޯޓަރަކު ނުވަނީމަ އެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން އޮގަސްޓުގެ ނިޔަލަށް ޖަރުމަނުގައި އެއްވެސް އާއްމު އެއްވުމެއް ނުބޭއްވޭނެކަން އެގައުމުގެ ސަރުކާރުން ވަނީ އަންގާފަ އެވެ. އެހެން ކަމުން ލީގުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ސަޕޯޓަރުން ނުވައްދަ އެވެ.

comment ކޮމެންޓް