މޫސުން ގޯސްވަނީ ރާއްޖެ ކައިރީގައި އުފެދެމުންދާ ސައިކްލޯންއެއްގެ ސަބަބުން

މީގެ ކުރިން މާލެއަށް ވިއްސާރަކުރި ދުވަހެއްގައި ބަޔަކު ބޭރަށް ނުކުމެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް މިހާރު ހުޅަނގު މޫސުން ފެށިފައިވާ ކަމަށާއި، ރާއްޖޭގެ އިރުން ބޭ އޮފް ބެންގޯލްގައި އުފެދެމުންދާ ސައިކްލޯންގެ ނުސީދާ އަސަރުވެސް ރާއްޖެއަށް ކުރަމުންދާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށްވެސް ވިއްސާރަ ކުރަމުން އެބަދެއެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ހާއްސަކޮށް، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަދައަށް ވިއްސާރަ ކުރިއެވެ. އެކަމުގެ ސަބަބުން ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް އޮރެންޖު އެލާޓު މެޓް އޮފީހުން ނެރުނެވެ. އެއީ މެޓް އޮފީހުން އޮރެންޖު އެލާޓު ނެރުނު ފުރަތަމަ ފަހަރެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. ތަފާތަކީ މި ދުވަސްވަރު ބޭ އޮފް ބޭންގާލްގައި ސައިކްލޯނެއް އުފެދެމުން ދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ. އޮފިޝަލު ވިދާޅުވި ގޮތުގައި، ސައިކްލޯން އުފެދުމަކީ މި ދުވަސްވަރުގެ މޫސުމުގެ އާންމު ސިފައެކެވެ.

"މިދިޔަ އަހަރުގެ ހުޅަނގު މޫސުން އައި އިރުވެސް ބޭ އޮފް ބޭންގާލްގައި ސައިކްލޯނެއް އުޅުނު. އޭރު އޮތީ ސައިކްލޯނެއް އުފެދިފައި،" އޮފިޝަލު ވިދާޅުވިއެވެ.

ސައިކްލޯންގެ އަސަރު ރާއްޖެއަށް ކުރާނީ ނުސީދާކޮށް ކަމަށް މެޓްގެ އޮފިޝަލު ވިދާޅުވިއެވެ. އެގޮތުން އެ ސައިކްލޯންގެ ސަބަބުން ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ސައިކްލޯން ދާނީ ރާއްޖެއާ ދުރަށް ކަމަށާއި ދުރުވާ ވަރަކަށް އޭގެ އަސަރު ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެ ރާއްޖޭގެ ސަރަހައްދުތަަކަށް ވައި ޖެހުނު ވަރަށް ބަލާއިރު އެންމެ ބާރަށް ވައި ޖެހުނު ކަމަށް ރެކޯޑު ކުރެވިފައި ވަނީ ހުޅުލެއިންނެވެ. އެތަނަށް ގަޑިއަކު 48 މޭލުގެ ބާރުމިނުގައ ވައިޖެހުނެވެ. މާލޭ ސަރަހައްދަށް ޖެހުނު ވައި ބާރު ކަމުން މާލޭގެ ބޮޑެތި ބައެއް ގަސްތައްވެސް ވެއްޓުނެވެ.

މެޓް އޮފީހުގެ އޮފިޝަލު ވިދާޅުވީ، މި އަހަރު ހުޅަނގު މޫސުން ފެށިފައި މިވަނީ ހަމަ އާދައިގެ މަތިން ހުޅަނގު މޫސުން ފެށޭ ދުވަސްވަރުގައި ކަމަށެވެ. އާންމު ގޮތެއްގައި ހުޅަނގު މޫސުން ފެށެނީ މެއި މަހުގެ ދެވަނަ ހަފްތާގައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިދިޔަ އަހަރު ހުޅަނގު މޫސުން ފެށުން ކުޑަކޮށް ލަސްވި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ އަހަރު ހުޅަނގު މޫސުން ކޮންމެވެސް ވަރަކަށް ޑިލޭއެއްވި. މިދިޔަ އަހަރު ހުޅަނގު މޫސުން އިނީ 20 މެއި އިން ފެށިގެން އެސްޓެބްލިޝްވި ކަމަށް،" މެޓްގެ އޮފިޝަލު ވިދާޅުވިއެވެ.

"2015އިން ފެށިގެން 2018އާ ހިސާބުގެ ރެކޯޑުތަކަށް ބަލާއިރު އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ ހުޅަނގު މޫސުން އެވަރެޖުކޮށް ފެށިފައި އެހެރީ، 2015ގައި 13 މެއިގައި، 2016ގައި 9 މެއިގައި، 2017ގައި 16 މެއިގައި، 2018ގައި 11 މެއިގައި،"

މެޓްގެ އޮފިޝަލު ވިދާޅުވީ، ހުޅަނގު މޫސުން އައުން ލަސްވުމަކީ ދޭތެރެ ދޭތެރެއިން ދިމާވާ ކަމެއް ކަމަށެވެ. 2014 ވަނަ އަހަރުވެސް ހުޅަނގު މޫސުން މެއި މަހުގެ 20 ހިސާބަށް ލަސްވި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ބައެއް އަހަރުތަކުގައި ހުޅަނގު މޫސުން ފެށުން އަވަސްވާ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ. އެގޮތުން 2002 ވަނަ އަހަރު 2 މެއިގައި އަދި 2005 ވަނަ އަހަރު އެކެއް މެއިގައި ހުޅަނގު މޫސުން ފެށިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވާކަން އޮފިޝަލު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް