އިމާރާތްތަކާއި ބެލްކަނިތަކުގައި މަގަށް ވެއްޓޭގޮތަށް އެއްޗެހި ނުބަހަޓަން އަންގައިފި

މެއި 14، 2020: ހަދަމުންދާ އިމަރާތެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގްރޭޓާ މާލޭގެ ކޮންސްޓްރަކްޝަން ސައިޓުތަކާއި، މީހުން ދިރިއުޅޭ ގެތަކުގެ ބެލްކަނިތަކުގައި މަގުމައްޗަށް ވެއްޓޭ ގޮތަށް އެއްވެސް އެއްޗެއް ނުބަހައްޓަން މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ވަނީ ގްރޭޓާ މާލޭ ހިމެނޭގޮތަށް ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި ވައި ގަދަވާނެކަމަށް ލަފާކޮށް އާންމު ހުރިހާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިއެވެ.

މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ގްރޭޓާ މާލޭ އަށް ވައިގަދަވެ ބޮޑެތި ގެއްލުންތަކެއް އަންނަނީ ލިބެމުންނެވެ.

އެހެންކަމުން ރައްޔިތުންނަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށްޓަކައި ގްރޭޓާ މާލޭ ސަރަހައްދުގެ ކޮންސްޓްރަކްޝަން ސައިޓުތަކާއި ގޭގޭގެ ބެލްކަނީގައި މަގުމައްޗަށް ވެއްޓިދާނެ ފަދަ ގޮތަކަށް ގަސްމުއްޓާއި މިބާވަތުގެ އެއްވެސް އެއްޗެއް ނުބެހެއްޓުމަށް ގޭގެ ވެރިންނަށާއި ގްރޭޓާ މާލޭގައި އިމާރާތްކުރަމުންދާ ސައިޓުތަކުގައި މަސައްކަތްކުރަމުންދާ ކޮންސްޓްރަކްޝަން ކޮމްޕެނީތަކުގެ ވެރިންނަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މަތިން އެއްޗެހި ވެއްޓޭފަދަގޮތަކަށް ބެހެއްޓިފައި ހުރި ކޮންސްޓްރަކްޝަން ސައިޓު ފަދަ ތަންތަން ވީ އެންމެ އަވަހަކަށް ރަނގަޅު ކުރުމަށް ވެސް ވަނީ އަންގައިފައެވެ.

މެޓުން ބުނެފައިވަނީ މިއަދު ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން އާންމުކޮށް ހުރިހާ ފަރާތްތަކުން ވެވސް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް