އާއިލާތަކަށް މިނިސްޓަރުގެ ޝުކުރުގެ ސެލިއުޓް!

އޭޕްރީލް 5، 2020: ކޮވިޑް19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މިރޭގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރ އާއި ރެޑް ކްރެސެންޓްގެ ފަރާތުން ބައިވެރިވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާ ގުޅިގެން އާއިލާއާ ދުރުގައި މަސައްކަތް ކުރަން ޖެހިފައިވާ މީހުންގެ އާއިލާތަކުގެ ފަރާތުން އެމީހުންނަށް ލިބެމުން އަންނަ އެއްބާރުލުމަށް، ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ސެލިއުޓް ކުރައްވައިިފައެވެ.

ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި މިނިސްޓަރު ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ އާއިލާތަކުގެ ދުވަސް ބައްދަލުކޮށްފައި މިވަނީ ވަރަށް ގިނަ އާއިލާތަކަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

އަދި ކޮވިޑް19 ގެ ސަބަބުން ގިނަ އާއިލާތަކަކަށް އެކި ކަހަލަ ދަތިތައް ތަހައްމަލުކުރަންޖެހިފައިވާ މި ދަނޑިވަޅުގައި އާއިލާތަކުން ދައްކަމުން އަންނަ ކެތްތެރިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ ހާލަތުގެ ނާޒުކު ކަމާއެކު އާއިލާގެ މެންބަރުން އެކީގައި ގޭގައި މަޑުކުރަން ޖެހިފައިވީ ނަމަވެސް އެ ފުރުސަތު ފަހިވެފައި ނެތް ގިނަ އާއިލާތަކެއްވެސް އެބަތިބި ކަމަށެވެ. ވަކިން ހާއްސަކޮށް ކޮވިޑް19 އާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި ފްރަންޓްލައިންގައި މަސައްކަތް ކުރަމުން އަންނަ ބައެއް ފަރާތްތަކަށް އާއިލާ އާ ބައްދަލުނުކުރެވޭތާ އެތައް ދުވަހެއް ވެފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު ކޮންމެ ދުވަހަކު އާއިލާއާ ބައްދަލުވި ނަމަވެސް އަމިއްލަ މީހާއާއި އާއިލާގެ ރައްކާތެރިކަމަށް ނުރައްކާ އޮތް ހިނދުވެސް ގައުމީ ހިދުމަތަށް ނުކުމެ މަސައްކަތް ކުރާ އެތައް ބަޔަކާއި، ބައްޔަށް ޕޮޒިޓިވްވުމުގެ ސަބަބުންނާއި، ކޮންޓެކްޓް ޓްރޭސިންގް ގެ ތެރެއިން ފާހަގަކުރެވިގެން އައިސޮލޭޓްކޮށް ނުވަތަ ކޮރަންޓީން ކުރުމުގެ ސަބަބުން އާއިލާ އާ ދުރުގައި ވަގުތުތައް ހޭދަކުރަންޖެހިފައިވާ ފަރާތްތައް ތިބިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިިނިސްޓަރު ވިދާޅުވީ އެ ހުރިހާ އެންމެނަށް ވެސް މަސައްކަތުގައި ސާބިތުކަންމަތީ ދެމިތިބުމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އެފަރާތްތަކުގެ އާއިލާގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެހެންކަމުން މި ހާލަތާއި ގުޅިގެން އާއިލާ އާއި ދުރުގައި ތިބި ފަރާތްތަކަށް އެފަރާތްތަކުގެ އާއިލާ އިން ލިބެމުން އަންނަ އެއްބާރުލުމަށް އެ އާއިލާތަކަށް ސެލިއުޓްކުރާ ހާލު އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގައުމުގެ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގައި އެ އާއިލާތަކުން ވަމުން އަންނަ މަތިވެރި ގުރުބާނީގެ އާޚިރު ނަތީޖާއަކަށް ވާނީ ދިވެހި އެންމެހާ އާއިލާތަކަށް މި އުނދަގޫ ހާލަތުން އަރައިގަނެވި އެހުރިހާ އާއިލާތަކަށް އަލުން އުފާވެރިކަމާއެކު އުޅެވޭނެ ދުވަސްތަކެއް ފެނުން ކަމަށެވެ.

މީގެ އިތުރުން ކޯވިޑް ކޮވިޑް19 ގެ ސަބަބުން އާއިލީ ގުޅުމުގެ މުހިއްމުކަމާއި އާއިލާގެ ރައްކާތެރިކަމާއި، ދުޅަހެޔޮކަން ކަށަވަރުކުރުމުގައި އާއިލާގެ ކޮންމެ މެންބަރެއްގެވެސް މުހިއްމު ދައުރެއް އޮތްކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

އަދި އާއިލާގެ މެންބަރުންގެ އެކި ބޭނުންތަކަށް ފަރުވާ އެއް ހޯދުމުގައި މުޅި އާއިލާ ޝާމިލްވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ވެސް އެނގިގެން ގޮސްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން މިއަދު ލިބުނު މުހިންމު ފިލާވަޅާއެކު، މި ކުރިމަތިވި ހާލަތާއެކު ބަދަހިކުރެވުނު އާއިލީ ގުޅުން އަބަދުވެސް އެގޮތުގައި ދެމެހެއްޓުމަށާއި މުޅި އާއިލާގެ ރައްކާތެރިކަމަށްޓަކައި ފަރުދީ ގޮތުން ރައްކާތެރިވުމަށް ކުރި މަސައްކަތް، ނިމުމެއް ނެތް މަސައްކަތެއް ކަމުގައި ހެދުމަށް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަދި އާއިލާގެ އެއް މެންބަރަކު އަނެއް މެންބަރަކަށް ދިން ވަގުތާއި، އެކަކު އަނެކަކަށްޓަކައި ވީ ގުރުބާނީ އަކީ އެއްވެސް އިރެއްގައި މެދުކަނޑައި ނުލެވޭނެ ކަންކަންކަމުގައި ގަބޫލުކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުއުން އާއިލާ އާއި މުޖްތަމައަކީ ގުޅި ލާމެހިފައިވާ ދެ ބަހާ ކަމާއި، މުޅި މުޖްތަމައުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުން މުހިންމުވާ ފަދައިން މުޖްތަމައުގައި ހިނގާ ކޮންމެ ކަމެއްގެ އަސަރު ވަކިވަކި އާއިލާތަކަށް ނުކޮށް ދިއުމަކީ ދުރުކަމެއް ކަން ހަނދާން ކުރަން ޖެހޭ ކަމަށް ވެސް ހިތޯބުގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން ގައުމުގެ ކުރިމަގަށްޓަކައި އާއިލާއެއްގެ ތެރޭގައި އޮންނަ ގުޅުން ވަރަގަދަވާންޖެހޭ ކަން ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރަން ޖެހޭ ކަމަށާއި، މުޅި މުޖްތަމައުގެ ހެވަށްޓަކައި އާއިލީ ގުޅުންތައް ހީނަރުވެދާނެ އެއްވެސް ކަމަކަށް ޖާގަ ނުދިނުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއަކަށް ހަދަން މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.

ހަމަ އެއާއެކު އާއިލާ އާއި ދުރުގައި ހުރެ ގެއިން ބޭރުގައި ކުރާ ކޮންމެ އަމަލަކީވެސް ތިމާގެ އާއިލާ އެކޭ އެއްފަދައިން އެހެން އާއިލާތަކަށްވެސް އޭގެ ރަނގަޅު ނުވަތަ ނުރަނގަޅު އަސަރު ކޮށްފާނެ އަމަލެއް ކަން ދަނެ، އާއިލާ އާއި މުޅި މުޖްތަމައުގެ މަންފާއަށްޓަކައި އެކަކު އަނެކަކަށް އިހުތިރާމާއި، އޯގާތެރިކަމާއެކު އަޅާލާ، ޒިންމާދާރު ރައްޔިތަކަށްވުމަށް ވެސް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.

comment ކޮމެންޓް