ފުނޑުފުނޑުވި ދޯނިން ދޫވި ތަކެތި ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ފަށައިފި

ދޮންކޭލާއި އެހެނިހެން ތަކެތި ބަރުކޮށްގެން މާލެއަށް ދަތުރުކުރަނިކޮށް އިންޖީނު ހުއްޓި، މާލޭ ވެސްޓްޕާކާ ދިމާލު ތޮށިގަނޑުމައްޗަށް އަރައި ފުނޑުފުނޑުވި ދޯނިން ކަނޑަށް ދޫވި ތަކެތި އޭގެ ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށައިފިއެވެ.

މިއަދު ތޮށިގަނޑުމައްޗަށް އަރައި ފުނޑުފުނޑުވީ ކ. ކާށިދޫ އިން ފުރައިގެން މާލެއަށް ދަތުރުކުރި "މިންވަރު" ނަމަކަށް ރ. އިނގުރައިދޫ ދޯންޏެކެވެ.

އެ ދޯނީގެ އިންޖީނު ހުއްޓި ތޮށިގަނޑު މައްޗަށް އެރި އިރު، ދޯނީގައި ހަތަރު މީހަކު ތިއްބެވެ. ނަމަވެސް އެމީހުން ވަނީ ސަލާމަތުން އެއްގަމަށް އަރައިފައެވެ.

އެ ދޯނީގައި ޓަނެއްގެ ފަތް ކޭލާއި، 5000 ކުރުނބާ އާއި ގަބުޅި އަދި 1500 ކޮޕީ ފަތް ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

ދޯނި ތޮށިގަނޑުމައްޗަށް އަރާ، ރާޅާ ތަޅައި ފުނޑުފުނޑުވުމުން އެ ދޯނީގައި ހުރި ތަކެތި ވަނީ އޮޔާގޮސްފައެވެ. އަދި ގިނަ އަދަދެއްގެ ކޭލާއި އެހެނިހެން ތަކެތި ވަނީ އެމްޕީއެލް ބަނދަރު ތެރެއަށް ލައްގައިފައެވެ.

ބަނދަރުގައި ތިބި އެމްޕީއެލް މުވައްޒަފުންގެ މަސައްކަތުން އެތަކެތި ވަނީ މޫދުން ނަގައިފައެވެ. އަދި މިހާރު އެ ތަކެތި ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

ދޯނި މުޅިން ހަލާކުވެ، ދޯނީގެ ބައިތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ، ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް