ބެންކޮކްގައި އިންތިހާއަށް ހޫނު ގަދަވެ ގެއިން ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފި

ބެންކޮކްގައި ހޫނުގަދަވުމުގެ ސަބަބުން ގެއިން ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފައި. ފޮޓޯ/ނިއު ސްޓްރެއިޓް ޓައިމްސް

ބެންކޮކްގައި އިންތިހާއަށް ހޫނުގަދަވުމުގެ ސަބަބުން ގެއިން ބޭރަށް ނުނިކުމެ ގޭތެރޭގައި ތިބުމަށް ތައިލޭންޑުގެ ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ.

ބެންކޮކްގެ ހޫނުމިން 39 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، އިހުސާސުކުރެވޭ ހޫނުމިން ވަނީ 52 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވެފައެވެ.

"އިހުސާސްކުރެވޭ ހޫނުމިން މިއަދު ވަރަށް މަތި. ގެއިން ބޭރަށް ނުކުމެގެން ކުރަންޖެހޭ ކަންތައްތައް މަދުކުރުމަށް އެދެން." ބެންކޮކް ސިޓީ އޮތޯރިޓީގެ އެންވަޔަރަންމަންޓް ޑިޕާޓްމަންޓުން ބުދަ ދުވަހު ފޭސްބުކް ޕޯސްޓެއްގައި ލިޔެފައިވެއެވެ.

އޭޕްރީލް މަހަކީ އާންމުކޮށް ތައިލެންޑަށް ހޫނު މަހެއް ނަމަވެސް ޕެސިފިކް ސަރަހައްދުގައި އުފެދިފައިވާ އެލް ނީނޯގެ ސަބަބުން މިއަހަރުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ދުނިޔޭގެ ފިނިހޫނުމިން މިދިޔަ އަހަރު ރެކޯޑް މިންވަރަކަށް މަތިވެފައިވާއިރު، އޭޝިއާ ހޫނުވަމުން އަންނަނީ ވަކިން ހަލުވި ދުވެއްޔެއްގައި ކަމަށް އދ ގެ މޫސުމާބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް