މިފަހުގެ ތާރީހެއްގައި މެޓުން ނެރުނު ފުރަތަމަ އޮރެންޖް އެލާޓްނެރެފި

ޑިސެމްބަރ 5، 2018: ބޯ ވިއްސާރަޔާއެކު މާލެ އާދަޔާ ހިލާފަށް ފެންބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބ. އަތޮޅުން ފެށިގެން ފ. އަތޮޅަށް އޮރެންޖު އެލާޓު ނެރެފި އެވެ. މިއީ، މިފަހުގެ ތާރީހެއްގައި މެޓުން އޮރެންޖް އެލާޓް ނެރުނު ފުރަތަމަ ފަހަރެވެ.

ބ. އަތޮޅުން ފ. އަތޮޅަށް އޮރެންޖު އެލާޓު ނެރެފައި ވަނީ މިއަދު ހަވީރު 5:00 އިން މިރޭ 7:00 އާ ހަމައަށެވެ.

އޮރެންޖު އެލާޓަކީ "ސިވިއާ" ނުވަތަ ތިން ވަނަ ލެވެލްގެ އެލާޓެވެ. އޮރެންޖު އެލާޓު ނެރެނީ އާދަޔާހިލާފަށް ބޯކޮށް ވާރެވެހި ފެން ބޮޑުވުމާއި، އާދަޔާހިލަފަށް ގުގުރުމާއެކު ވައި ގަދަވުން އެކަށީގެންވާ ހާލަތުގަ އެވެ.

އެގޮތުން އޮރެންޖު އެލާޓުގައި އެއް ގަޑިއިރު ތެރޭ 90 މިލިމީޓަރުގެ، ނުވަތަ ހަ ގަޑިއިރު ތެރޭގައި 120 މިލިމީޓަރުގެ ވާރޭ ވެހޭނެއެވެ. އޮރެންޖު އެލާޓުގައި ވިލާގަނޑުގައި 63 މޭލަށް ވައިގަދަވާނެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ ދެ އަތޮޅަށް 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށެވެ.

އެހެންކަމުން މި ސަރަހައްދުގެ ހުރިހާ ރައްޔިތުން ވެސް މޫސުމަށް ސަމާލުކަންދީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް މެޓުން ވަނީ ބުނެފަ އެވެ.

އެގޮތުން މިރޭ 7:00 އާ ހަމައަށް ށ. އަތޮޅުން މ. އަތޮޅަށް ވަނީ ޔެލޯ އެލާޓު ނެރެފަ އެވެ.

އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް މެޓުން ބުންޏެވެ. އަދި ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ގިނަ ރަށްތަކަކަށް އެކިވަރިގެ ގެއްލުންތައް ލިބިގެން ރިޕޯޓުކޮށްފައިވެ އެވެ.

comment ކޮމެންޓް