ދޮންކެޔޮ ބަރުކޮށްގެން އައި ދޯންޏެއް މާލޭ ތޮށި މައްޗަށް ފުނޑުފުނޑު ވެއްޖެ

މާލޭ ވެސްޓް ޕާކް ސަރަހައްދު ތޮށިގަނޑަށް "މިންވަރު" ދޯނި އަރާފައި

ދޮންކޭލާއި އެހެނިހެން ތަކެތި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓި، މާލޭ ވެސްޓްޕާކާ ދިމާލު ތޮށިގަނޑުމައްޗަށް އަރައި ފުނޑުފުނޑުވެއްޖެއެވެ.

މިއަދު މާލޭ ވެސްޓްޕާކް ސަރަހައްދު ތޮށިގަނޑަށް އެރީ ކ. ކާށިދޫއިން ފުރައިގެން ދަތުުރު ކުރި "މިންވަރު" ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯނި ތޮށިގަނޑަށް އެރީ އިންޖީނު ހުއްޓުމުން ކޮންޓްރޯލު ނުވެއެވެ.

ހަތަރު މީހުން ދަތުރު ކުރި އެ ދޯނީގައި ގިނަ އަދެއްގެ މުދާ ބަރުކޮށްފައި ހުއްޓެވެ. ދޯނި ތޮށިގަނޑަށް އެރުމުން އޭގެ ތެރެއިން ބައެއް ތަކެތި މޫދަށް ވެއްޓުނެވެ. އަދި ދޯނި ރާޅާ ތަޅައި މިހާރު ވަނީ މުޅިން ފުނޑުފުނޑުވެފައެވެ.

ދޯނީގެ މުދަލާއި ދޯނީގެ ހަލާކުވެފައިވާ ބައިތައް އޮޔާދާތީ އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދުތައް ސަމާލުވެތިބުމަށް މިއަދު އެމްއެންޑީއެފްއިން ވަނީ އެދިފައެވެ.

އެ ދޯނިން މޫދަށް ވެއްޓުނު ދޮންކެޔޮތަކެއް ވަނީ އެމްޕީއެލްގެ ބަނދަރު ސަރަހައްދަށް އޮޔާ ގޮސްފައެވެ. އެ ކުންފުނީގެ މުވައްޒަފުން އެ ދޮންކެޔޮތައް ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ދައުރުވަމުން އެބަ ދެއެވެ.

"މިންވަރު" ދޯނި ތޮއްޓަށް އެރި ހާދިސާގައި އެ ދޯނީގައި ތިބި އެއްވެސް މީހަކަށް ހާނިއްކައެއް ނުވާ ކަމަށް އެމްއެންޑީއެފްއިން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް