ގަދަ ވަޔާއެކު މާލޭގައި ގަސްތަކެއް ވެއްޓިއްޖެ

މާލެއަށް ކުރި ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން ގަހެއް ވެއްޓިފައި --

މިއަދު ފަތިހު މާލެއަށް ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން މާލޭގެ ފަސް ސަރަހައްދަކުން ގަސްތަކެއް ވެއްޓިއްޖެއެވެ.

މިއަދު އެމްއެންޑީއެފްއިން ބުނީ، ފަތިހު މާލެއަށް ކުރި ވިއްސާރައިގައި މާލޭގެ ފަސް ގަހެއް ވެއްޓިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ހެންވޭރު ސަހަރާ، މާވެޔޮމަގު، ދިވެހިރާއްޖޭގެ އަޑު، ކޮއްތު ހަޓް ރެސްޓޯރަންޓް އަދި ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ގަސް ވެއްޓިގެން ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

އޭގެ އިތުރުން މާލޭގެ ދެ ތަނެއްގެ ފުރާޅު އެއްލާލައިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެ ދެ ތަނަކީ އެސްޓީއޯ ފުށް ގުދަނާއި، ގ. ސައްލިގެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މިވަގުތު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ށ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް އޮތީ ޔެލޯ އެލާޓު ނެރެފައެވެ.

މި ސަރަހައްދުތަކުގެ އިތުރުން އައްޑޫ ސިޓީއަށް އިއްޔެއާއި އޭގެ ކުރިން ދުވަހު ކުރި ވިއްސާރައިގައި މަގުތައް ފެންބޮޑުވެ، ގެތަކަަށްވެސް ވަނީ ފެން ވަދެފައެވެ.

comment ކޮމެންޓް