ހަޔާ އެޑިއުކޭޝަން މިނިސްޓަރު މިނިސްޓްރީގެ އިސްބޭފުޅުންނާއި ވޯލްޑް ބޭންކުން ރާއްޖޭގައި ހިންގާ މިރީ ޕްރޮޖެކްޓްގެ ބޭފުޅުންނާއި ބައްދަލުކުރައްވައި، ކޮވިޑް 19 ގެ ހާލަތަށްފަހު ވަޒީފާގެ ބާޒާރަށް މީހުން ބިނާކުރުމަށް ކުރެވިދާނެ ކަންތަކާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.
އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިސްބޭފުޅުންނާއި ވޯލްޑް ބޭންކުން ރާއްޖޭގައި ހިންގާ މިރީ ޕްރޮޖެކްޓްގެ ބޭފުޅުންނާއި ޕޮލިޓެކްނިކްގެ ވެރިންގެ އިތުރުން ޓިވެޓް އޮތޯރިޓީގެ ބޭފުޅުން ހިމެނިލައްވައެވެ.
އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި ކޮވިޑްގެ ހާލަތުގައި އަދި އޭގެ ފަހުން ނިއު ނޯމަލްއަކަށް އަޅުގަނޑުމެން ބަދަލުވާއިރު މޯލްޑިވްސް ޕޮލިޓެކްނިކްއިން އޮންލައިން މީޑިއަމްގައި ކިޔަވައިދިނުމަށް ކުރިއަށް ގެންދިއުން ހިމެނެއެވެ. އަދި މި ދަނޑިވަޅުގައި ވަޒީފާ ގެއްލިފައި ނުވަތަ މުސާރަ ނުލިބޭގޮތަށް ގޭގައި ތިއްބަވަން ޖެހިފައި ތިބި ޓުއަރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށް ކޯސްތައް ހިންގުމަށްވެސް ވާހަކަ ދެެކެވުނުކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
މިހާލަތުގައި އުނގަންނައިދިނުން މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ މުހިންމުކަން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ ވީހާވެސް އަވަސް ފުުރުސަތެއްގައި އޮންލައިންކޮށް ހިންގޭނެ ކޯސްތައް ކަނޑައަޅައި އަވަހަށް މިފަދަ ކޯސްތައް ފެއްޓުމަށް ބާރު އަޅުއްވައިފައެެވެ.
"އޭގެ ބޭނުމަކީ އަވަހަސް ވަޒީފާތަަކަށް ވަންނަ މީހުންނަކީ ސްކިލްޑް އަދި ސެމިސްކިލްޑް ކެޓަގަރީގެ މަސައްކަތްތެރިންގެ ގޮތުގައި ތަމްރީނ ވެފައި ބޭތިއްބުމެވެ. އަދި އެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކޮށްފައި ތިބި މީހުން އަޕްސްކިލް ކުރުންވެސް ހިމެނެއެވެ." ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައިވެއެވެ.
އޭގެ އިތުރުން ޓުއަރިޒަމް އައިސީޓީ އަދި ދަނޑުވެރިކަމާ ބެހޭ ކޯސްތައްވެސް ވަނީ މަޝްވަރާކޮށްފައެވެ. ކޮރޯނާއާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ގިނަ ބައެއްގެ ވަޒީފާތައް ހުއްޓިފައިވާއިރު އެ ފަރާތްތަކަށް ސަރުކާރުން މިހާރު ވަރަށް ބޮޑަށް އިސްކަންދެއެވެ.
ވޯލްޑް ބޭންކާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގާ މޯލްޑިވްސް އެމްޕްލޯޔަބިލިޓީ އެންޑް ރެސިލިއަންސް އޮފް ޔޫތު ޕްރޮޖެކްޓަކީ ރާއްޖޭގެ ޒުވާނުންގެ ތެރޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް ތަމްރީން ހިންގުމާއި އަމިއްލަ ވިޔަފާރިކުރުމަށް ޒުވާނުންގެ މެދުގައި ޝައުގުވެރިކަން އުފައްދައި ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތް ކުރުމާއި ސަރުކާރުން ކަނޑައަޅާފައިވާ މުހިންމު ސިނާއަތްތަކުގައި ޒުވާނުން ވަޒީފާތަކަށް ބިނާކުރަން ހިންގާ ޕްރޮޖެކްޓެކެވެ.