ސައުދީގެ މަހުޖަނުންތަކެއްގެ އަތްމައްޗަށް ދޫވެފައިވާ އިނގިރޭސިވިލާތުގެ ނިއުކާސަލްއިން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ގެރެތް ބޭލް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.
ސައުދީގެ އިންވެސްޓަރުންގެ ބޮޑު ހިއްސާއަކާ އެކު 300 މިިލިއަން ޕައުންޑަށް ނިއުކާސަލް ގަންނަން ހުށަހެޅީ އަމަންޑާ ސްޓަވިލީސްގެ ޕީސީޕީ ކެޕިޓަލް ޕާޓްނާސްގެ ފަރާތުންނެވެ. އަމަންޑާއާ އެކު ނިއުކާސަލްގެ މި ޑީލް ކުރިއަށް ގޮސްފިނަމަ އެ ކްލަބްގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ 80 ޕަސެންޓް ހިއްސާ އޮންނާނެ އެވެ. ބާކީ 20 ޕަސެންޓް ބެހިފައި އޮތީ އަމަންޑާ އާއި ރިއުބެން ބްރަދާސްގެ ތެރެއިން ކޮންމެ ބަޔަކަށް 10 ޕަސެންޓް ލިބޭ ގޮތަށެވެ.
ނިއުކާސަލް ޑީލުގެ ފުރަތަމަ މަރުހަލާ ނިމުމަކާ ގާތްވެފައިވާއިރު، އެ ކްލަބްގެ މިހާރުގެ ވެރިޔާ މައިކް އެޝްލީ އަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މެދުވެރިކޮށް ވަނީ ރިފަންޑް ނުކުރެވޭގޮތަށް ކްލަބްގެ މިހާރުގެ ހަރަދުތަކަށް 17 މިލިއަން ޕައުންޑް ދީފަ އެވެ.
އެއާ އެކު މި ޑީލް ނިމިގެންދާއިރު ނިއުކާސަލް އަކީ ޔޫރޮޕުގެ އެންމެ މުއްސަނދިއެއް ކުލަބަށްވާނެ އެވެ. އެހެން ކަމުން އެކުލަބަށް މަޝްހޫރު މޮޅެތި ކުޅުންތެރިން ބޮޑެތި އަގުތަކުގައި ގެންދަން ފެށުމަކީ އިއްތިފާގަކަށް ނުވާނެ އެވެ. އެގޮތުން ނިއުކާސަލްގެ ފުރަތަމަ ޓާގެޓެއްގެ ގޮތުގައި މިހާރު ވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބޭލް ކަނޑައަޅާފަ އެވެ.
އުމުރުން 30 އަހަރުގެ ބޭލްއަށް ފަހަކަށް އައިސް ރެއާލްމެޑްރިޑްގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބެން ފެށީ ގިނަ އަނިޔާތަކަކާ ކުރިމަތިލާންޖެހި ފޯމު ކެޓުމުގެ ސަބަބުންނެވެ. އަދި އޭނާ ކުރިން ކުޅުނު ޕްރިމިއާ ލީގަށް އެނބުރި އަންނަން ބޭނުންވެފައި ހުރިކަމަށް ގިނަ ރިޕޯޓުތަކުން ބުނެފަައިވާ އިރު ނިއުކާސަލް އިން އޭނާ ގެންދަން މަސައްކަތް ކުރަނީ 53 މިލިއަން ޕައުންޑަށް ކަމަށްވެއެވެ.
ނިއުކާސަލް ގަތުމުގައި ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ބޭނުންފުޅު ކުރައްވަނީ ސައުދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) ގެ އެހީ އެވެ. އެ ފަންޑުގައި މިހާރު ވެސް 260 ބިލިއަން ޕައުންޑް އެބަހުއްޓެވެ. މިއީ ޕްރިމިއާ ލީގުގައި ނިއުކާސަލް ނުލައި ދެން އޮތް ހުރިހާ ޓީމުތަކުގެ މިލްކިއްޔާތަށް ވުރެ ބޮޑު އަދަދެކެވެ.