ޓްވިޓާ މުވައްޒަފުންގެ ވަޒީފާ ދާއިމީކޮށް ގެއިން އަދާކުރެވޭނެ: ސީއީއޯ

ޓްވިޓާ ސީއީއޯ ޖެކް ޑޯސީ ---

މަޝްހޫރު ސޯޝަލް މީޑީއާ ޕްލެޓްފޯމް ކަމަށްވާ ޓުވިޓާގެ މުވައްޒަފުން ބޭނުން ނަމަ ލޮކްޑައުން ނިމުމުން ވެސް ބޭނުން މުއްދަތަކަށް ގެއިން މަސައްކަތް ކުރުމަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ޕްލެެޓްފޯމުގެ ސީއީއޯ ޖެކް ޑޯސީ ވިދާޅުވެއްޖެ އެވެ.

މިހާރު ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން އެކި ސަރަހައްދުތައް ލޮކްޑައުންއަށް ލާން ފެށުމާ އެކު ގެއިން މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ފަށާފައިވާ އެއް ކުންފުންޏަކީ ޓްވިޓާ އެވެ.

ޓްވިޓާގެ ސީއީއޯ، ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި މެއިލްއެއްގައި ހާމަކޮށްފައިވަނީ ލޮކްޑައުން ނިމުމުންވެސް ގެއިން މަސައްކަތް ކުރަން ބޭނުންވާ ނަމަ އެ ފުރުސަތު މުވައްޒަފުންނަށް ލިބޭނެ ކަމަށެވެ.

ޑޯސީ ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު ކުރީން މުވައްޒަފުންނަށް އޮފީހަށް އެނބުރި ދެވޭނެ ހެން ހީނުކުރައްވާ ކަމަށެވެ. އެހެންކަމުން އެ މުއްދަތާ ހަމައަށް ހުރިހާ މުވައްޒަފުންނަށް ވެސް ގެއިން މަސައްކަތް ކުރަން މަޖުބޫރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ލޮކްޑައުން ނިމުމުން މަސައްކަތްކުރަން ބޭނުންވާނެ ގޮތެއް، މުވައްޒަފުންނަށް ހިޔާރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް އެބަދެން މަސައްކަތުގެ މާހައުލުގެ ވައްޓަފާޅިއަށް ބަދަލުގެނެސް ކުންފުނި ޑީސެންޓްރަލައިޒްކޮށް ހިންގާނެ ގޮތްތަކާ ގުޅޭގޮތަށް ކުރިއަށް ގެންދިޔުމަށް،" އޭނާ ވިދާޅުވެފައިވެ އެވެ.

ޑޯސީ ވިދާޅުވީ، ލޮކްޑައުންއަށް ގޮސް ގޭގައި މަސައްކަތް ކުރަން ފެށުމުން ފާއިތުވި ދެ މަހެއްގެ ތެރޭގައި ވަނީ އެއްވެސް ދަތިކަމެއް ނެތި ކުންފުނި ހިންގޭނެ ކަން ސާބިތުވެފައި ކަމަށެވެ.

ޓްވިޓާގެ 5،000 މުވައްޒަފުން ގެއިން މަސައްކަތް ކުރުމަށް އެކުންފުނީން އަންގާފައިވަނީ މިދިޔަ މާޗު މަހުގަ އެވެ.

comment ކޮމެންޓް