އޮމަދޫ ކޮވިޑް ޓާސްކް ފޯހުގެ މަސައްކަތަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި

އދ. އޮމަދޫ.

އެޗްޕީއޭ އަދި ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން ކޮވިޑް-19 ފެތުރުމާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތަކާ ޚިލާފަށް ތަކުރާރުކޮށް އަމަލުކުރި މީހަކު އދ. އޮމަދޫން ހައްޔަރުކޮށްފިއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން ބަލި އިތުރަށް އެހެން ރަށްތަކަށް ފެތުރިޔަ ނުދިނުމަށްޓަކައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން މަނާކޮށްފައެވެ.

ފުލުހުން ބުނީ އޮމަދޫގެ ޓާސްފޯހުގެ ހުއްދައާ ނުލައި ރަށުން ބޭރަށް ދަތުރުކޮށްފައިވާ އަދި ޓާސްކްފޯހުގެ ނަސޭހަތްތަކާއި އިރުޝާދުތަކާއި ޚިލާފްވި މީހަކު މިރޭ 21:15 އެހައިކަންހާއިރު އޮމަދޫއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވިފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހައްޔަރުކުރެވުނު މީހާ ވަނީ ރަށުގެ ޓާސްކްފޯހުން ލިޔުމުން އަދި އަނގަބަހުން ދިން ނަސޭހަތަށްވެސް ބޯނުލަނބައި ޓާސްކްފޯސްގެ މަސައްކަތަށް ހުރަސްއަޅައިފައިކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް