ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 900 އަށް ވުރެ މައްޗަށް އަރައިފި

މޭ 12، 2020: މާލޭމަގުމަތީ ދެ ބިދޭސީއަކު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 900 އަށް ވުރެ މައްޗަށް އަރައިފިއެވެ.

އެޗްޕީއޭ އިން ބުނީ މިރޭ 9:00 އާ ހަމަޔަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، ބަންގުލަދޭޝްގެ ތިން މީހަކާއި އިންޑިއާގެ ދެ މީހަކާއި ދިވެހި ދެ މީހަކު އެ ބައްޔަށް އަލަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 904 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ކުރިއަށް އޮތް ދެ ހަފްތާއަކީ މާލެއަށް ކޮވިޑްގެ ނުރައްކާ އެންމެ ބޮޑުވާނެ ދުވަސްވަރު ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ.

ރާއްޖެއިން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިހާތަނަށް އެ ބަލިން ރަނގަޅުވީ މަދު ބައެކެވެ. މިހާތަނަށް ރަނގަޅުވީ 31 މީހުންނެވެ.

އެ ބަލީގައި ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަނީ ހަތަރު މީހެކެވެ. އޭގެތެރެއިން ދެ މީހަކަށް ފަރުވާ ދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައެވެ. އަދި އަނެއް ދެ މީހުންނަށް ފަރުވާދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލްގައެވެ.

ރާއްޖެއިން ކޮވިޮޑް ކޮންޓްރޯލް ކުރުމަށް އަޅާ ޚާއްސަ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއް ނެތި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.

comment ކޮމެންޓް