މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއު ބީލަމަށް ލައިފި

މާފަރު އެއާޕޯޓު އެޅުމުގެ މަޝްރޫއު ނިމުނު އިރު އެ ރަށް އޮތް ގޮތް -- ސަން ފޮޓޯ

ނ. އަތޮޅު މާފަރު އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ ބަޔަކު ހޯދުމަށް، ފިނޭންސް މިނިސްޓްރީއިން ބީލަމަށް ހުޅުވާލައިފި އެވެ.

ޓާންކީ ބޭސިސްއަށް ނުވަތަ ބީލަން ކާމިޔާބުކުރާ ފަރާތުން ޑިޒައިންކޮށް މަސައްކަތް ފުރިހަމަ ކުރާގޮތަށް ހުޅުވާލި މި ބީލަމުގައި ބައިވެރިވާން ރެޖިސްޓްރޭޝަން ފީ އެއްގެ ގޮތުގައި 500 ރުފިޔާ ދައްކަން ޖެހެ އެވެ. ފިނޭންސް މިނިސްޓްރީއިން މި ޕްރޮޖެކްޓްއަށް ކުރި އިއުލާނުގައި ވަނީ ފީ ބަލައިގަތުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީހަކީ ޖޫން 10 ކަމަށް ބުނެފަ އެވެ.

ރެޖިސްޓްރޭޝަން ފީ ދެއްކުމަށް ބަނޑޭރި ޕޭ އޮންލައިން ޕޭމަންޓް ޕޯޓަލް ބޭނުންކުރެވޭނެ އިންތިޒާމު މިނިސްޓްރީއިން ވަނީ ހަމަޖައްސާފަ އެވެ.

ފީ ދެއްކުމަށްފަހު ބީލަމަށް ހުށަހެޅި ފަރާތުގެ ނަމާއި އެޑްރެސް، އީމެއިލް، ފޯނު ނަންބަރުގެ އިތުރުން ފައިސާ ދެއްކި ކަމުގެ ރަސީދު [email protected] ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށްވެސް މިނިސްޓްރީއިން ވަނީ އިރުޝާދު ދެއްވައިފަ އެވެ.

ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީހަކީ ޖޫން 11 އެވެ. ޕްރީ ކޮލިފިކޭޝަން އާއި ގުޅޭ ޑޮކިއުމެންޓްތައް މިހާރު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

މިނިސްޓްރީއިން މި ޕްރޮޖެކްޓްއާއި ގުޅިގެން ނެރުނު އިއުލާނުގައި ބުނެފައި ވަނީ މަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެވުމަށް 3349105 ނުވަތަ 3349106 އަށް މޭ 25 ވަނަ ދުވަހުގެ ކުރިން ގުޅުމަށެވެ.

އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓްކުރާ މާފަރު އެއާޕޯޓް ހުޅުވީ، ޑިސެމްބަރު 1، 2019ގަ އެވެ.

ޑިސެންބަރ، 1 2019: ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވައުދެއްވުން : އެއާާޕޯޓް ހުޅުވައިދެއްވީ ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މާފަރު އެއާޕޯޓު ތަރައްގީކުރުމުގެ ހުއްދަ އެންވަޔަރަންމެންޓް މިނިސްޓްރީއިން ދީފައި ވަނީ މި އަހަރުގެ ކުރީކޮޅު އެވެ. އެއާޕޯޓުގެ ރަންވޭ ބޮޑު ކުރުމުން ރަށުގެ ވަށައިގެންވާ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އެ ކަމާއި ގުޅޭގޮތުން އީޕީއޭއިން ހެދި އެންވަޔަރަންމެންޓް އިމްޕެކްޓް އެސެސްމެންޓްގެ ހޯދުންތަކުގެ އަލީގައި އެ މަޝްރޫއު ކުރިއަށްގެންދަން ހުށަހަޅާފައިވާގޮތަށް ކުރިއަށް ގެންދިއުމަށް ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ ދެވެން ނެތްކަމަށް އީޕީއޭ އިން ނިންމި ނަމަވެސް އެ ނިންމުން ވަނީ ޕްލޭނިންގް މިނިސްޓްރީއިން އިސްތިއުނާފު ކޮށް ފައެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީއިން ޕްރޮޖެކްޓްއަށް ހުއްދަދިނުމުގައި އެ މިނިސްޓްރީއިން ކަނޑައަޅާފައިވާ މެނޭޖްމެންޓް ޕްލޭނަކާއި މޮނިޓަރިން ޕްލޭނާއި އެއްގޮތަށް އަމަލުކުރުމުގެ އިތުރުން މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެކަމަށް ބެލެވޭ ގެއްލުންތަކުގެ އަސަރު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ޝަރުތުކޮށްފަ އެވެ.

ޔޫއޭއީގެ އަބޫދާބީ ފަންޑް ފޯ ޑެވެލޮޕްމެންޓްގެ އެހީއާއިއެކު ތަރައްގީކުރި މާފަރު އެއާޕޯޓުގައި މިވަގުތު 2،200 މީޓަރުގެ ރަންވޭއެއް އޮވެ އެވެ.

ޕްލޭނިންގް މިނިސްޓްރީއިން ހުށަހަޅާފައި ވަނީ އެ އެއާޕޯޓުގައި ބޯއިންގް 777 އަދި އެއާބަސް އޭ-380 މަރުކާގެ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭވަރަށް ރަންވޭ ބޮޑުކުރުމަށެވެ.

މާފަރު އެއާޕޯޓު ބޮޑުކުރުމަށް ބޭނުންވާ ފަންޑު ދޭން ޔޫއޭއީ ސަރުކާރުންވެސް ވަނީ ރުހުން ދީފަ އެވެ.

comment ކޮމެންޓް