ދުޅަހެޔޮ ޖީލެއް ބިނާކުރަން ސިއްހީ ދާއިރާއަށް އިތުރަށް ސަމާލުކަން ދޭންޖެހޭ: ރިޕޯޓު

މިއަދުގެ ހާލަތުން އިބުރަތް ހާސިލްކޮށް ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސިއްހީ ދާއިރާއަށް އިތުރަށް ސަމާލުކަންދޭން، މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

ދުނިޔޭގެ ނަރުހުންގެ ދުވަހާ ގުޅިގެން އެ ކައުންސިލުން މިއަދު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނަރުހުންގެ ކަންކަން ކުރިއެރުވުމަށްޓަކައި ދިވެހި ސަރުކާރާއި ސިއްހީ ވުޒާރާއިން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެހެން ނަމަވެސް އެ ކައުންސިލުން ވަނީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސިއްހީ ދާއިރާއަށް އިތުރަށް ސަމާލުކަން ދިނުމަށް ކަމާއިބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ހަމައެއާއެކު ހާއްސަ ދާއިރާތަކުން ނަރުހުންނަށް ތައުލީމާއި ތަމްރީނު ހާސިލްކުރުމުގެ މަގުފަހިވެގެން ދިއުމަކީ ސިއްހީގޮތުން ކުރަން ޖެހޭ ހޭދައަށް ލުއިކަމެއް ލިބިގެންދާނެ ކަމެއް ކަމުގައި ދެކޭ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

ދުނިޔޭގެ ނަރުހުންގެ ޖަމިއްޔާއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ “Nurses: A Voice to Lead- Nursing the world to Health”އެވެ.

މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލުން ބުނެފައި ވަނީ މި ޝިއާރާއި، މުޅި ދުނިޔެއަށް ހޭހަން ކުރުމުގައި ނަރުހުން ވަމުންދާ ގުރުބާނީ ވަރަށް ފުރިހަމައަށް ގުޅިފައިވާ ކަމަށެވެ.

އަދި މި އަހަރުގެ ނަރުހުންގެ ދުވަހާ ކުރިމަތިލާން ޖެހިފައި ވަނީ ފާއިތުވި ގަރުނުގެ ތެރޭގައިވެސް ކުރިމަތިވެފައި ނުވާފަދަ ބަލިމަޑުކަމެއް މުޅިދުނިއެއަށް ކުރިމަތިވެފައިވާ ހިތާމަވެރި ދުވަސްވަރެއްގައި ކަމަށެވެ.

އަދި ރާއްޖޭގައި މި ބިރުވެރިކަން އޮތް އިރު ނަރުހުން ނުކުމެތިބީ ކޮވިޑު 19 ޖެހިފައިވާ ބަލީމީހުން ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް އަތުކުރި އޮޅާލައިގެން ކަމަށް ރިޕޯޓުގައިވެއެވެ.

ނަރުހުންނަކީ އަބަދުވެސް ސިއްހީ ގޮތުން ގައުމަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި ހިތްވަރާއި ކެރުމާއިއެކު ހިދުމަތް ދިނުމުގައި ތަޖުރިބާހުރި ހުނަރުވެރި ނަމޫނާ ބައެއް ކަމަށް ކައުންސިލުން ފާހްގަކޮށްފައިވެއެވެ.

އަދި ނަރުހުންނަކީ ޢާއިލާތަކަށް ދިމާވެފައިވާ މި ހިތްދަތި ވަގުތުގައިވެސް އެންމެ ގާތުން ބަލިމީހާގެ ވާހަކަ އަޑުއަހާ އަދި އެ ބަލިމީހާއަށާއި އާއިލާއަށް ހިތްވަރުދޭ މަދަދުގާރުން ކަމަށާއި ބަލިމީހުންގެ ސަލާމަތާއި ރަށްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކޮންމެ ދަނޑިވަޅެއްގައި ސާބިތުކަމާއިއެކު ކުރިމަތިލައިގެންތިބޭ އެހީތެރި އެކުވެރިން ކަމަށެވެ.

ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް، ހާއްސަ ގޮތެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަމުންދާ ނަރުހުންނާއި މިޑްވައިފުންނަށް 2020 ވަނަ އަހަރަކީވެސް މުހިއްމު އަހަރެއްގެ ގޮތުގައި ފާހަގަ ކުރަން ވަނީ ކަނޑައަޅައިފައެވެ.

އަދި މި އަހަރަކީ ނަރުހުންނާއި މިޑްވައިފުން ގެ މުސްތަގްބަލް ރަނގަޅުވެގެންދާނެ އަހަރެއްކަމަށް ވަނީ ލަފާކޮށްފައެވެ.

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ދުނިޔޭގެ ނަރުހުންގެ ޖަމްއިއްޔާ އަދި ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް ގުޅިގެން ލަނޑުދަނޑިތަކެއް ކަނޑައަޅައި 2020 ވަނަ އަހަރަކީ "ނަރުހުންނާއި މިޑްވައިފުން"ގެ އަހަރުގެ ގޮތުގައި ހަމަޖައްސައި މިއަހަރު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ވަނީ ނިންމާފައެވެ.

އަދި މިކަންކަން ރާވައި ކުރިއަށް ގެންދިއުމަށް އެކި އެކި ގައުމުތަގައި ވަނީ ގައުމީ ފެންވަރުގައި މަސައްކަތްތައް ފަށާފައެވެ. ރާއްޖޭގައިވެސް މިކަން އިފްތިތާހް ކުރުމުގެ ގޮތުން 2019 ވަނައަހަރުގެ ނޮވެންބަރު މަހު ކުލަގަދަ ހަފްލާއެއް ބާއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވައިފައެވެ.

comment ކޮމެންޓް