އިންތިހާބު ފަސްކުރުމުން މުވައްޒަފުންގެ ސަސްޕެންޝަން ބާތިލު

ދަރުބާރުގެ ގޭގައި ބޭއްވި ސިވިސް ސާވިސް ކޮންފަރެންސްގައި ޑރ. އަލީ ޝަމީމް ވާހަކަ ދައްކަވަނީ---ސަން ފޮޓޯ: ފަޔާޒު މޫސާ

ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ޚާއްސަ ބިލް އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވުމާއެކު، އިންތިހާބަށް ކުރިމަތިލުމުން ވަޒީފާއިން ސަސްޕެންޑުވި ސިވިލް ސާވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން ބާތިލުކޮށްފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހުބުގެ ގާނޫނުގައި ބުނާގޮތުން، ސީއެސްސީ މުވައްޒަފަކު ކައުންސިލަކަށް ކުރިމަތިލައިފިނަމަ، އެމީހަކު އެ އިންތިހާބަކަށް ކުރިމަތިލާ ތާރީހުން ފެށިގެން އެމީހަކު ހުރި ސިވިލް ސާވިސްގެ ވަޒީފާއިން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑްވާނެ އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފައިވަނީ ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ހަވަނަ މާއްދާ ބާތިލުކޮށްފައިވާތީ، އެ ގާނޫނަށް އަމަލުކުރަން ފެށި ތާރީހުން ފެށިގެން އިންތިހާބާ ގުޅިގެން ސަސްޕެންޑުވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން ވަނީ އިއްޔެއިން ފެށިގެން ބާތިލު ވެފައި ކަމަށެވެ.

ސަސްޕެންޝަން އުވި މުވައްޒަފުން އަލުން ވަޒީފާއަށް ނުކުންނަން ހަމަޖެހުނު އިރު، ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މިވަގުތު ސަރުކާރުގެ އޮފީސްތައް ހިންގަނީ ވަކި ހާއްސަ އުސޫލުތަކެއްގެ މަތީން ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި އެގޮތުން ސަސްޕެންޝަން ބާތިލުކޮށްފައިވާ މުވައްޒަފުން އަމަލުކުރާނީ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާ ނުވަޔަ ސެކްރެޓަރީ ޖެނެރަލް އަންގާ ގޮތެއްގެ މަތީން ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ސިވިލް ސާވިސްގެ މުވައްޒަފުން ސަސްޕެންޑުވި މައްސަލަ ހައްލުކުރުމަށްޓަކައި އެ ކޮމިޝަނުން ވަނީ އެ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ހައި ކޯޓަށް މިދިޔަ މަހުގައި އެ މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް ހައި ކޯޓުން އެ މައްސަލަ ބަލައިގަނެފައެއް ނުވެއެވެ.

މައްސަލަ ބަލައިނުގަންނަން ކޯޓުން ނިންމީ، އެ މައްސަލަ ބެލުމުގެ އިހްތިސޯސް އެ ކޯޓަށް ލިބިގެން ނުވާތީ ކަމަށް ހައި ކޯޓުން ވަނީ ބުނެފައެވެ.

comment ކޮމެންޓް