ރާއްޖޭގައި ބާރުމިނުގައި ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން ހާލު ގޯސްވާ މީހުން ވެންޓިލޭރަށް ލާން ޖެހިއްޖެ ހާލަތެއްގައި ވެންޓިލޭޓަރު ހޯދުމަށް ހެލްތު މިނިސްޓްރީ އިން ކޯޓޭޝަން ހޯދި ފަރާތްތަކުގެ ތެރެއިން އެންމެ ކުޑައަގެއް ހުށަހެޅީ ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ކަމަށް ސަން އަށް ކަށަވަރުވެއްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެސްޓީއޯ އިން ތިން އޮޕްޝަނެއް ސަރުކާރަށް ދިނެވެ. އެގޮތުން އެންމެ އަގުހެޔޮ އޮޕްޝަންގެ ގޮތުގައި އެސްޓީއޯ އިން ކޯޓޭޝަން ދިނީ، 15 ޔުނިޓް، ޔުނިޓެއް 206،666.67 ރުފިޔާގެ ރޭޓުން 3.1 މިލިއަން ދިވެހި ރުފިޔާ އަށެވެ. އެ ތަކެތި ގެނެސް ދިނުނަށް ހުށަހެޅި މުއްދަތަކީ 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއްގަ އެވެ. ބްރޭންޑަކީ ބްރީސް، ސްވިޑްން އެވެ.
ތިން ވަނަ އޮޕްޝަން އަދި އަގުގެ ގޮތުން ދެވަނަ އަށް އެސްޓީއޯ އިން ހުށަހެެޅީ ޖަރުމަނުގެ އެކްސެންޓް ބްރޭންޑް ވެންޓިލޭޓަރެވެ. އެ ބްރޭޑްގެ 15 ޔުނިޓަށް އެސްޓީއޯ އިން ހުށައެޅީ، ޔުނިޓެއް 426،666.67 ރުފިޔާގެ ރޭޓުން 6.4 މިލިއަން ރުފިޔާ އަށެވެ. އެ ބްރޭންޑްގެ 15 ޔުނިޓް ގެނެސްދޭން އެސްޓީއޯ އިން ހުށަހެޅީ 15 ދުވަހާއި 20 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގަ އެވެ.
އަދި އެންމެ އަގު ބޮޑު ބްރޭންޑެއްގެ ގޮތުގައި އެސްޓީއޯ އިން ހުށަހެޅީ ހެލްތު ކެއާ ޔޫއެސްއޭގެ ބްރޭންޑެކެވެ. އެ ބްރޭންޑްގެ 15 ޔުނިޓަށް އެސްޓީއޯ އިން ހުށަހެޅީ 13.1 މިލިއަން ރުފިޔާ އެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން 50 ޔުނިޓް ވެންޓިލޭޓަރު ގެންނަށް ހަވާލުކުރީ، އެސްޓީއޯ އިން އެންމެ އަގުހެޔޮކޮށް ހުށަހެޅި ބްރޭންޑްގެ ޔުނިޓެއް ގެނެސް ދިނުމަށް ހުށަހެޅި އަގަށް ވުރެ ޔުނިޓަކުން 82،247.33 ރުފިޔާ އަގުބޮޑުކޮށް މެޑްޓެކް މޯލްޑިވްސްއަށެވެ.
ބީލަމަށް ނުލައި ތިން ކުންފުންޏެއްގެ ފަރާތުން އަގު ހޯދުމަށް ފަހު، 50 ވެންޓިލޭޓަރު ގެނައުމަށް އެ ކުންފުންޏާ ހަވާލުކުރީ 14.44 މިލިއަން ރުފިޔާ އަށެވެ.
މެޑްޓެކް މޯލްޑިވްސްގެ މެނޭޖިންޑިރެކްޓަރު މުބާހު ރަފީއު މިރޭ ސަން އަށް ވިދާޅުވީ އެ ކުންފުނިން މިއަދު ގެނައި 18 ވެންޓިލޭޓަރަކީ އައިސީޔޫ ވެންޓިލޭޓަރު ކަމަށެވެ. އަަދި ބައެއް އެހެން ކުންފުނިތަކުން ހުށަހެޅި އަގުތަކަކީ އައިސީޔޫ ބޭސްޑް ވެންޓިލޭޓަރު ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ބާކީ 32 ޔުނިޓް ޖޫން މަހުގެ ތެރޭގައި ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެސްޓީއޯގެ އޮފިޝަލަކު ސަން އަށް މިރޭ ވިދާޅުވީ އެސްޓީއޯ އިން ކޯޓޭޝަން ހުށަހެޅީ މުޅިން ވެސް އައިސީޔޫ ބޭސްޑް ވެންޓިލޭޓަރު ކަމަށެވެ. އަދި އެސްޓީއޯގެ ފަރާތުން ކޯޓޭޝަން ހޯދީ 15 ވެންޓިލޭޓަރުގެ އަގު ކަމަށާއި އެސްޓީއޯގެ އަގުތައް ހޯދުމަށް ފަހު، އެހެން ކުންފުނިތަކުން އަގުތައް ހޯދީ 50 ޔުނިޓް ވެންޓިލޭޓަރުގެ އަގު ކަމަށާއި އެ މަރުހަލާގައި އެސްޓީއޯ އަށް އެ ފުރުސަތު ވެސް ނުދޭ ކަމަށެވެ.
ވެންޓިލޭޓަރު މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ސުވާލުތަކަށް ލިއުމުން ދެއްވި ޖަވާބު ފިޔަވައި އެ މައްސަލާގައި ހެލްތު މިނިސްޓްރީ އިން އަދި މިހާތަނަށް އެއްޗެއް ނުބުނެ އެވެ.