ނަރުހުންގެ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޒަމާނީ ނާސިންގެ ބާނީ ފްލޮރެންސް ނައިޓިންގޭލްގެ އުފަންދުވަސް ކަމަށްވާ މެއި މަހުގެ 12ވަނަ ދުވަހުގަ އެވެ. ނައިޓިންގޭލް އުފަންވިތާ 200 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަހަރަކީ "އިޔާ އޮފް ދަ ނާސް އެންޑް މިޑްވައިފް"ގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފަ އެވެ.
ތިރީގައި މިވަނީ މި ދުވަހުގެ މުނާސަބަތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނާސިން ޑިރެކްޓަރު ރެނޭ ރެންސްބާގް، ހުރިހާ ނަރުހުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި ފޮނުއްވި ސިޓީގެ ތަރުޖަމާ އެވެ.
މިއަހަރަކީ ބައިނަލްއަގްވާމީ ނަރުހުންގެ އަހަރުގެ ގޮތުގައި ފާހަގަކުރާ އަހަރެވެ. މިކަމާ ގުޅިގެން ކަނޑައެޅި ޝިއާރު "އަ ވޮއިސް ޓު ލީޑް؛ ނާސިން ދަ ވޯލްޑް ޓު ހެލްތު" ކޮވިޑް19ގެ ބަލިމަޑުކަމާ ވެސް އެހާމެ ގުޅެ އެވެ. އެހެން ނަމަވެސް މި ޝިއާރު ކަނޑައެޅުމުގައި މި ބަލިމަޑުކަން އެއްވެސް މީހެއްގެ ވިސްނުމަށް އައިހެނެއް އަޅުގަނޑަކަށް ހިޔެއް ނުވެ އެވެ.
ނައިޓިންގޭލްގެ 200 ވަނަ އުފަންދުވަސް ފާހަގަކުރަމުންދާ މިއަހަރު ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ދެމުންގެންދާ އަޅާލުމާއި އޯގާތެރިކަން ފާހަގަކޮށް ހުރިހާ ނަރުހުންގެ މަސައްކަތް ވެސް ބަލައިގަންނަމެވެ. ނަރުހުންގެ ފަރާތުން ކޮންމެ ދުވަހަކު ވެސް ފެންނަ އޯގާތެރިކަމުގެ އަމަލުތަކަކީ ދުވަހަކު ވެސް ނޯޓުކުރެވޭ ކަންކަމެއް ނޫނެވެ.
ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ނަރުހުންގެ މަސައްކަތުން އުންމީދާއި އުފާވެރިކަމުގެ އިހުސާސްތައް ހުރިހާ އެންމެންނަށް ފޯރުކޮށްދެއެވެ.
ބަލިމީހުންނަށް އެންމެ ބޮޑަށް އަޅާލާ މީހުންނަށް ހައްގުވާ ޝުކުރު ގިނަ ފަހަރު އޮންނަނީ އަދާނުކުރެވި އެވެ. މި ފުރުސަތުގައި ނަރުހުންގެ އަމިއްލަ ބޭނުންތައް ގުރުބާންކޮށް، ބަލި މީހުންނަށް އަޅާލުމުގައި ލިބޭ އެއްބާރުލުމާއި މަސައްކަތުގައި ސާބިތުވެތިބޭ ތިބުން ފާހަގަކޮށް ޝުކުރު އަދާކުރަމެވެ.
ނަރުހުންގެ އަހަރުގެ ގޮތުގައި މިއަހަރު ފާހަގަކުރަމުންދާއިރު، ނަރުހުންނަކީ އަމިއްލަ އާއިލާ ދޫކޮށްލާފައިވެސް އަޅާލުމާއި އެހީތެރިކަން ބޭނުންވާ ބަލި މީހުންނަށް އަޅާލާ ބައެކެވެ. ކޮންމެ ނަރުހެއްވެސް މުޖުތަމައުއަށާއި މުސްތަޤްބަލުގައި ނަރުހުންނަށްވާން ބޭނުންވާ ޒުވާނުންނަށް ދައްކުވައިދޭން ޖެހޭ މިސާލަކީ ބަލިމީހުންނަށް އަޅާލާ މީހަކަށް ވުމަށެވެ.
ސިއްހަތު ސަލާމަތްކޮށްދިނުމުގެ މާތް މަގުސަދުގައި އަޅުގަނޑުމެންގެ ގެސްޓުންނާ ދެމެދު ބާއްވާ ގުޅުމާއި މި ހޮސްޕިޓަލަކީ ހާއްސަ ތަނަކަށް ހެދުމަށް ނަރުހުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް، ހުރިހާ ނަރުހުންނަށް ވެސް ތަހުނިޔާ ފޮނުވަމެވެ.
-ރެނޭ ރެންސްބާގް, ނާސިން ޑިރެކްޓަރ، ޓްރީ ޓޮޕް ހޮސްޕިޓަލް