ނާއިމް ފިޓް ވަނީ، ޕްރެކްޓިސްތައް ފެށުމުން ބައިވެރިވާނެ: އީގަލްސް

އީގަލްސްގެ ފޯވާޑް މުހައްމަދު ނާއިމް ފޯކައިދޫ ކީޕަރުގެ ގާތުން ބޯޅަ ގޯލަށް ފޮނުވާލަނީ --- ފޮޓޯ: އެފްއޭއެމް

ފަހަކަށް އައިސް ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ ކްލަބް އީގަލްސްގެ ހުނަރުވެރި ފޯވާޑް މުހައްމަދު ނާއިމްގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަށް ފަހު މިހާރު ފިޓްވަމުން އަންނަ ކަމަށް އީގަލްސްއިން ބުނެފި އެވެ.

ނާއިމްގެ ކަކުލު ހުޅަށް އަނިޔާވެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 1-0 އިން އީގަލްސް މޮޅުވި މެޗުގަ އެވެ. އެ މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ސީޒަނުގެ ބާކީ ބައި އޭނާއަށް ވަނީ ގެއްލިފަ އެވެ. އެ އަނިޔާއިން ރަނގަޅުވުމަށް ނާއިމް ކަކުލުގެ އޮޕަރޭޝަން ކުރީ ޖަނަވަރީ މަހުގެ 28 ގަ އެވެ.

ކަކުލުގެ އޮޕަރޭޝަނާ އެކު ނާއިމްއަށް ސީޒަން ނިމުނު ނަމަވެސް އީގަލްސްއަށް ވަނީ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ލިބިފަ އެވެ. އަދި ކޮރޯނާ ވައިރަހުގެ ސަބަބުން ފުޓުބޯޅަ ސީޒަން ނިންމާލުމުން އީގަލްސްއަށް ވަނީ އަންނަ އަހަރުގެ އޭއެފްސީ މުބާރާތުން ވެސް ފުރުސަތު ލިބިފަ އެވެ.

އީގަލްސްއިން ބުނީ މިދުވަސްވަރު ގޭގައި މަޑުކުރަން ޖެހުމާ އެކު ނާއިމް އަންނަނީ ފިޒިކަލީ ފިޓުވުމަށާއި ކުރިން ހުރި ފޯމަށް އައުމަށް ހާއްސަ ތަމްރީންތަކެއް ހަދަމުން ކަމަށެވެ. އަދި މިހާރު މިއޮތް ހާލަތުން އަރައިގަނެ އަލުން ޕްރެކްޓިސްތައް ފެށުމުން ނާއިމް ބައިވެރިވާނެ ކަމަށް އީގަލްސްއިން ވަނީ ބުނެފަ އެވެ.

މެދުތެރެއަށާއި ކުރީގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކ. ގުރައިދޫ އަށް އުފަން ނާއިމްއަށް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ދޭން ފެށީ މިދިޔަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައެވެ. އެ މުބާރާތުގައި އޭނާ ވަނީ މެޔޯޓް ކޮޅަށް ލަނޑު ޖަހައިފަ އެވެ.

ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ކުޅުނު ފުރަތަމަ ތިން މެޗުގައި ވެސް ނާއިމް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. އެކަމަކު އަނިޔާގެ ސަބަބުން އޭނާއަށް ވަނީ މާލޭގައި ފިލިޕީންސް އާއި ގުއާމްއާ ދެކޮޅަށް ކުޅުނު ދެ މެޗުވެސް ގެއްލިފައެވެ.

comment ކޮމެންޓް