ސާކު ސަރަހައްދުގައި ރާއްޖެއާއި ގާތް ކުރާ އަދަދަށް ކޮރޯނާ ވައިރަސްއަށް ޓެސްޓް ހެދުނު ގައުމެއް ނެތްކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން (އެންއޯއީސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން މިހާތަަނަށް ކޮރޯނާއަށް 11،000 އަށް ވުރެ ގިނަ ޓެސްޓްވަނީ ހަދައިފައެެވެ. އޭގެ ތެރެއިން 744 މީހުން ޕޮޒިޓިވް ވިއެވެ. އަދި ތިން މީހަކު ބަލީގައި މަރުވިއިރު 29 މީހުން ވަނީ ރަނގަޅުވެފައެވެ.
ކޮވިޑާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއޯއީސީގެ ތަރުޖަމާނު ވިދާޅުވީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅަށް ޓެސްޓްކުރި ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.
"ދުނިޔޭގެ ނިސްބަތުންވެސް ޓޮޕް 25 ޕަސެންޓް ތެރޭ ހިމެނޭ އެއްވެސް ހިސާބެއްގެ ތެރޭގައި ބަލައިފިއްޔާމު ޓެސްޓްކުރެވޭ ނިސްބަތުން ރާއްޖެ ހިމެނޭނެ. މިހާރު މިވެނި ގައުމެއްގައި ކުރީ 10 ޓެސްޓޭ އަނެއް ގައުމުގައި ކުރީ ތިން ޓެސްޓޭ. 10 ޓެސްޓްކުރި ގައުމު ކިހާ ގަދަހޭ. އެހެން ބުނާއިރު ބަލާލަން ޖެހޭ 10 ޓެސްޓް ހެދި ގައުމުގަ ތިބީ ކިހާ މީހުނެއްތޯ. ކިތައް ހާސް މީހުންތޯ ތިން ޓެސްޓް ހެދިގައުމުގައި ތިބީ." މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ އެކި މެޝިންތަކާއި ޓެސްޓުކިޓުތައް ހޯދުމުގައި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި އޭޝިއާ އާއި ސާކްގެ ގައުމުތަކުގެ ތެރެއިންވެސް ޓެސްޓްތައް އެންމެ ގިނައިން ކުރިގައުމަކަށް ރާއްޖެވުމުން އެހެން ގައުމުތަކާއި ޖަމިއްޔާތަކުންވެސް އިސްކަންދެނީ އެންމެ މަދުން ޓެސްޓްކިޓްތައް ހުރި ގައުމުތަކަށް އެ ތަކެތި ފޯރުކޮށްދިނުމަށް ކަން މަބްރޫކް ފާހަގަކުރެއްވިއެވެ.
"މިކަހަލަ ގޮންޖެހުންތަކެއް އެބަހުރި. އެހެން ނަމަވެސް އަޅުގަނޑުމެން މި މަސައްކަތްކުރަނީ ރެޔާއި ދުވާލު ވީ އެންމެ ގިނައެއްކޮށް ޓެސްޓްކުރެވޭނެ ގޮތް ހޯދަން. ވީ އެންމެ ގިނަ ސްޓާފުން އެކަމުގައި ތިބެން. ވީ އެންމެ ގިނަ މެޝިނަރީއެއް ހޯދޭތޯ. " މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ކާރިސާގެ ހާލަތުގައި ގަދަފައެެއް އޮންނަ ގައުމެއް ނޯންނަ ކަމަށާއި އެހެންކަމުން މިހާލަތުގައި އުޅެން އަޅުގަނޑުމެން ދަސްކުރަން ޖެހޭކަމަށެވެ. އަދި މިބައްޔަށް ވެކްސިނެއް ލިބެންދެން އެންމެ ބޮޑަށްވެސް ކުރެވޭނީ ގައިދުރުވެގެން ތިބުންކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް ޑަބްލިއުއެޗްއޯއިން 11،000 ކިޓް، ޗައިނާއިން 10.000 ކިޓް އަދި ވެލާ ރިސޯޓުން 10،000 ކިޓް ލިބިފައިވެއެވެ. އޭގެ އިތުރުން ސަރުކާރުގެ ހަރަދުގައިވެސް ޓެސްޓްކިޓްތައް ގެނެސްފައިވެއެެވެ.