ޕީޕީއީ ލައިގެން އައި މީހާ ވައްކަމެއް ނުކުރޭ، ވައްކަން ކުރީ އެހެން މީހެއް: ވެރިފަރާތް

ޕީޕީއީ އަޅައިގެން ހުރި މީހަކު ގެއަކުން ނުކުމެގެން ދަނީ: ކުރިން އޭނާ ވައްކަން ކުރި ކަމަށް ވާހަކަ ދެކެވުނުނަމަވެސް ގޭގެ ވެރިފަރާތުން އެކަން ދޮގު ކުރައްވާ --

ޕީޕީއީ ލައިގެން ގެއަކުން ނުކުންނަނިކޮށް ވީޑިއޯ އާންމުވި މީހަކު ވައްކަން ކުރި ކަމަށް ބުނެ ދެކެވޭ ވާހަކަ އެ ގޭގެ ވެރިފަރާތުން ދޮގުކޮށްފި އެވެ.

ރޭ ޝޯޝަލް މީޑިއާގައި ދަރުވަމުން ދިޔަ ސީސީޓީވީ ފޫޓޭޖުން އިއްޔެ މއ. ނައިޓްވިލާ ގެއިން ފެހި ކުލައިގެ ޕީޕީއީ އަޅައިގެން މީހަކު ނުކުމެގެންދާ މަންޒަރު ފެނެ އެވެ. އަދި އޭނާގެ އަތުގައި ފިޔާތޮށި ކުލައިގެ ސްޕްރޭ ފުޅިއެއް އޮތެވެ. އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުކުރީ ޕީޕީއީ އަޅައިގެން ހުރި މީހާ ވައްކަން ކުރި ކަމަށްބުނެ އެވެ.

އެ ވީޑިއޯއާ ގުޅިގެން "ސަން" އިން ފުލުހުންނާ ސުވާލު ކުރުމުން ބުނީ، މައްޗަންގޮޅި ގެއަކަށް މީހަކު ވަދެ، މޯބައިލް ފޯނެއް ވަގަށް ނަގައިފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ ވީޑިއޯއިން ފެންނަ ގޭގެ ވެރިފަރާތުން މިއަދު "ސަން" އަށް ބުނީ ޕީޕީއީ ލައިގެން ވީޑީއޯ އިން ފެންނަ މީހާ އެގެއިން ވައްކަން ނުކުރާ ކަމަށެވެ. އަދި އޭނާ އައީ އެ އެގޭގައި މޮނިޓަރިންނަށް ލާފައި ހުރި އެޕާޓްމަންޓަކަށް ކަމަށް އޭނާ ބުންޏެވެ. އަދި ޕީޕީއީ ލައިގެން ހުރި މީހާ ވައްކަން ކުރި ކަމަށް ގޭގެ ބައެއް މީހުންނަށް ޝައްކުވި ނަމަވެސް، އެ ގެއިން ވައްކަން ކުރީ އޭނާ އަދި ދުވަހުގެ ކުރީ ދުވަހު ކަމަށް ވެސް ވެރިފަރާތުން ބުންޏެވެ.

އޭނާ ބުނީ، ވައްކަން ކުރީ އާދައިގެ ހެދުމުގައި ހުރި މީހެއް ކަން ސީސީޓީވީ ފްޓޭޖުން ހޯދިފައިވާ ކަމަށާއި އެ މީހާ އަކީ ކާކު ކަން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. އަދި ފުލުހުންނާ ވެސް އެ ވީޑިއޯ ހިއްސާކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ގޭގެ ވެރިފަރާތުގެ ވާހަކަތަކާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

https://sun.mv/136342

comment ކޮމެންޓް