ޕީޕީއީ އަޅައިގެން ވަގުން ވައްކަން ކުރަން ނުކުމެއްޖެ، ސަމާލުވޭ!

ޕީޕީއީ އަޅައިގެން މީހަކު ގެއަކުން ވައްކަން ކުރުމަށްފަހު، ނުކުމެގެން ދަނީ --

އެޗްޕީއޭގެ ބޭފުޅުން ޓެސްޓްކުރުމަށް އަޅާ ޕީޕީއީ ފަދަ ގައުން އަޅައިގެން ވަގުން ވައްކަން ކުރަން ނުކުމެއްޖެ އެވެ.

ޝޯޝަލް މީޑިއާގައި މިހާރު ދަރުވަމުންދާ ސީސީޓީވީ ފޫޓޭޖް ވިޑީއޯއަކުން މިއަދު މާލެ ގެއަކުން ފެހި ކުލައިގެ ޕީޕީއީ އަޅައިގެން މީހަކު ނުކުމެގެންދާ މަންޒަރު ފެނެއެވެ. އަދި އޭނާގެ އަތުގައި ފިޔާތޮށި ކުލައިގެ ސްޕްރޭ ފުޅިއެއް އޮތެވެ. އޭނާ ވައްކަން ކުރަން ވަނީ، އެ ގެ ޑިސްއިންފެކްޓް ކުރަން ކަމަށް ބުނެއެވެ.

ފުލުހުންނަށް މި މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 12:7 ގައެވެ.

ފުލުހުން ބުނީ، މައްޗަންގޮޅި ގެއަކަށް މީހަކު ވަދެ، މޯބައިލް ފޯނެއް ވަގަށް ނަގައިފައިވާ ކަމުގެ މައުލޫމާތު އެ މުއައްސަސާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މިހަކު ހައްޔަރުކޮށްފައި ނުވާ ކަަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ މިހާރު އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއެކު ކުދި ކުށްތައް ކުރުން މަދުވެފައިވާ ކަމަށެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ވައްކަމުގެ 212 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މިމަހު މިހާތަނަށް ހުށަހެޅި ވައްކަމުގެ މައްސަލަތުގެ އަދަކީ، 36 އެވެ. އަދި މިއަހަރު މިހާތަނަށް ހުށަހެޅި ވައްކަމުގެ މައްސަލަތަކުގެ ޖުމްލަ އަދަދަކީ، 1،379 އެވެ.

comment ކޮމެންޓް