ތެދުމަގު ލިބި ޒިޕްސް ވެސް މިއުޒިކާ ދުރަށް

ހިޕްހޮޕް މިއުޒިކްގައި ނަން ވިދާލި ޒިޕްސް---

ހިޕްހޮޕް މިއުޒިކުގައި ނަން ވިދާލި އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާ ސުއާދު އަބްދުއްރަހީމް (ޒިޕްސް) މިއުޒިކާ ދުރުވިކަން ހާމަކޮށްފި އެވެ.

ޒިޕްސް އޭނާގެ ފޭސްބުކް އެކައުންޓުގައި މިދިޔަ އަންގާރަ ދުވަހު ހިއްސާކުރި ސްޓޭޓަސްގައި ބުނީ މިއުޒިކީ ހަޔާތާ ދުރުވިތާ ގާތްގަނޑަކަށް ހަތް ވަރަކަށް މަސް ވެއްޖެ ކަމަށެވެ.

"މާތްﷲ ދެއްވާ ހިދާޔަތަކީ ދުނިޔެ މަތިން ލިބޭނެ އެންމެ ބޮޑު ނިއުމަތް،" އޭނާގެ ބުނެފައިވެ އެވެ.

އޭނާ ހިންގާ ފޭސްބުކް ޕޭޖްގައި ބުނީ މިއަދު މި ޕޭޖު ބަދަލު މިކުރަނީ އެންމެންނަށްވެސް ހެޔޮ ނަސޭހަތްތަކެއް ދެވޭނެ ފަދަ ޕޭޖަކަށް ހެދުމަށްކަމަށެވެ. މިޔުޒިކީ ހަޔާތުގެ ދުވަސްވަރު މީހުންނަށް މައުލޫމާތު ގެނެސްދިނުމަށް އޭނާ ބޭނުން ކުރަމުން ދިޔަ ފޭސްބުކް ޕޭޖުގައ ހުރި ކުރީގެ ޕޯސްޓްތައް ޑިލީޓްކޮށް އޭނާ ވަނީ އެ ޕޭޖް މެދުވެރިކޮށް ދީނީ ޕޯސްޓަށް ޝެއާކުރަން ފަށާފަ އެވެ.

ޒިޕްސް ބުނީ މިއަދާ ހަމައަށް އެއްވެސް މީހަކަށް ނާއިންސާފުން ކަމެއް ނުވަތަ ބަހެއް ބުނެވިފައިވާ ނަމަ އޭނާއަށް މައާފުކުރުމަށެވެ.

ސިމްބޮލިކް ރިކޯޑްސް އިން ރެޕް ލަވަޔަށް ތައާރަފްވި ޒިޕްސް މިހާތަނަށް ވަނީ 27 ވަރަކަށް ލަވަ ނެރެފަ އެވެ.

ޒިޕްސް ލަވަ ކިޔުން ހުއްޓާލިއިރު ރާއްޖޭގެ ފުރަތަމަ މޯލްޑިވިއަން އައިޑަލުން ތިން ވަނަ ހާސިލްކުރި މުހައްމަދު އިޝާން ވެސް ވަނީ ލަވަކިޔުމާ ދުރަށް ގޮސްފަ އެވެ. އޭނާ ވެސް ލަވަކިޔުމާ ދުރަށް ދިޔައީ، އެއީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށް ބުނަމުންނެވެ. އަދި ލަވަކިޔުމުގެ ސަބަބުން، ހަގީގީ ހިތްހަމަ ޖެހުމެއް އޭނާއަށް ނުލިބޭ ކަމަށް އިޝާން ބުނެފައިވެ އެވެ.

comment ކޮމެންޓް