ބަންދު މީހުންގެ ޝަރީއަތްތައް ވީޑިއޯ މެދުވެރިކޮށް ފަށަނީ

ކުރިމިނަލް ކޯޓު---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތުގެ ތެރެއިން ކޯޓަށް ހާޒިރު ނުކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގެން ހުރި މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އާދިއްތަ ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މާލެއިން ކޮވިޑް-19 ފެނުމާ ގުޅިގެން، މާލެ ލޮކްޑައުން ކޮށްފައިވާތީ އެއްވެސް މީހަކު ކޯޓަށް ހާޒިރުނުކުރަން ނިންމާފައިވަނީ މިދިޔަ މަހުގެ މެދުތެރޭގަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ ލޮކްޑައުންގެ ހާލަތުގައި އޮތްނަމަވެސް ކޯޓުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި އެކި ކަންކަމުގައި ކޯޓު އަމުރު ނެރެދިނުމަށް ކޯޓުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ސުޕްރީމް ކޯޓުން އެކުލަވާލައި އަމަލު ކުރަން ފަށާފައިވާ ހާއްސަ ގަވައިދުގައި ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ޝަރީއަތް ކުރެވޭނެ ހާލަތްތަކާއި، ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ޝަރީއަތް އިންތިޒާމު ކުރުމާ ގުޅޭ އިޖުރާއަތްތަކާއި، އަޑުހުއެންތައް ކުރިއަށްގެންދާނެ ގޮތުގެ އިޖުރާއަތްތައް ބަޔާންކޮށްފައިވެއެވެ.

އެ ގަވާއިދަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ބުނެފައިވަނީ ގަވާއިދުގެ ފަސްވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަމްބަރުގައިވާ ފަދައިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުން ކުރިއަށް ގެންދަން ދައުވާ ލިބޭ ފަރާތްތައް ރުހޭތޯ އޮޅުންފިލުވައި، އޭނާ ރުހޭނަމަ އެވާހަކަ މަހްޟަރު ކުރުމަށްފަހު އަޑުއެހުން ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި އެމީހާ ނު ރުހޭ ކަމަށްވާނަމަ ގަވާއިދުގައި ބުނެފައިވާ ފަދައިން އަޑުއެހުން ވަގުތުން ހުއްޓާލެވޭނެ ކަމަށްވެސް ކްރިމިނަލް ކޯޓުން ބުނެއެވެ.

"އެމީހެއްގެ ހާޒިރުގައި ޝަރީއަތް ކުރެވުން" އެއީ ދައުވާ ލިބޭ ކޮންމެ މީހަކަށް ލިބިފައިވާ އަސާސީ ހައްގަކަށްވާއިރު އެ ހައްގަށް ހަނިކަމެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ މި ހާލަތާ ގުޅިގެން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތް ހެދުމާއި ހިދުމަތްތައް ގޭގައި ތިބެގެން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ގެންދާ ކަމަށެވެ.

comment ކޮމެންޓް