ޖުލައި މަހުން ފެށިގެން ޖޯޖިއާ ފަތުރުވެރިންނަށް ހުޅުވާލަނީ

ޖޯޖިއާގެ ވެރިރަށް ތިބިލީސީ

އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަތުރުވެރިންނަށް ގައުމު ހުޅުވާލަން ޖޯޖިއާއިން ނިންމައިފިއެވެ.

ފަތުރުވެރިންނަށް ގައުމު ހުޅުވާލަން ނިންމިއިރު އެގައުމުގެ ލޯކަލް ޓުއަރިޒަމް އަންނަ މަހު 15 އިން ފެށިގެން ފަށަން ވަނީ ނިންމައިފައެވެ.

ފަތުރުވެރިކަމުގެ ދާއިރާ އަލުން ހުޅުވާލާނީ ތިން ފޭސް ޕްލޭނެއްގެ ދަށުން ކަމަށް ޖޯޖިއާއިން ވަނީ ބުނެފައެވެ.

އެގޮތުން ފުރަތަމަ ފޭސްގައި އެއްގޮތަށް ޓޫރިޒަމްގެ ވިޔަފާރިތަކުން ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ގަޑިޑްލައިންތައް އިމްޕްލިމެންޓްކުރަން އެހީތެރިވެދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެެވެ. އަދި ހުދު ސަރުކާރުންވެސް ޖޯޖިއާއަކީ ކޮވިޑުން ރައްކާތެރިތަނެއްކަމަށް އަންގައިދޭން މާކެޓިން ކެމްޕޭންތައް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ލޯކަލް ޓުއަރިޒަމް ހުޅުވާލާއިރު "ސޭފް ޓޫރިޒަމް ޒޯން" ތަކެއް ގާއިމްކުރަން ވަނީ ނިންމައިފައެވެ.

ތިންވަނަ ފޭސްގައި ގައުމުގެ ބޯޑަރުތައް ހުޅުވާލައި ފްލައިޓްތައް ފަށާނެކަމަށް ވަނީ ބުނެފައެވެ.

ޖޯޖިއާގެ ޖީޑީޕީގެ 7.5 ޕަސެންޓް ހިއްސާ ކުރަނީ ފަތުރުވެރިކަމެވެ. މިދިޔަ އަހަރު އެކަނިވެސް އެގައުމަށް ފަސް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

އެގައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި 150،000 މީހުން މަސައްކަތް ކުރާއިރު މިދިޔަ އަހަރު ވަނީ އެ ދާއިރާއިން 3.3. ބިލިއަން ޑޮަލަރު ލިބިފައެވެ.

މިހާތަނަށް ޖޯޖިއާއިން ކޮރޯނާގެ 615 ކޭސް ފެނިފައިވާއިރު ނުވަ މީހަކު ވަނީ މަރުވެފައެވެ. -- ސީއެންއެން

comment ކޮމެންޓް