ޓެނިސްކުޅުންތެރިޔާ ނިކޮލޮޒްއަށް ސީރިއަސް ތުހުއްމަތެއް

ދުނިޔޭގެ ޓެނިސް ރޭންކިންގްގެ 27 ވަނައިގައި އޮތް ނިކޮލޮޒް ބަސިލަޝްވިލީ --- ފޮޓޯ: ގެޓީ އިމޭޖެސް

ދުނިޔޭގެ ޓެނިސް ރޭންކިންގްގެ 27 ވަނައިގައި އޮތް ނިކޮލޮޒް ބަސިލަޝްވިލީ އޭނަގެ ކުރީގެ އަނބިމީހާ ނެކާ ޑޮރޮކޮޝްވިލީއަށް އަނިޔާ ކުރިކަމުގެ ދައުވާކޮށްފި އެވެ.

އުމުރުން 28 އަހަރުގެ ޖޯޖިއަން ނިކޮލޮޒްއަށް ކޯޓުން އިއްވާފައިވާ ދައުވާއަކީ އޭނާގެ ފަސް އަހަރުގެ ދަރިފުޅު ކުރިމަތީ އޭނަގެ ކުރީގެ އަނބިމީހާއަށް އަނިޔާ ކުރިކަމުގެ ދައުވާއެވެ. އެކަމަކު ނިކޮލޮޒް ވަނީ އެކަމަށް އިންކާރުކޮށް މި ކަމަކީ އޭނާ ފްރޭމް ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް ބުނެފަ އެވެ.

ނަމަވެސް ނިކޮލޮޒްއަށް ކޮށްފައިވާ ސީރިއަސް ތުހުއްމަތާ އެކު މިދިޔަ ހަފުތާގެ ތެރޭގައި އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު ކަފާލާތުގެ ދަށުން 31،300 ޑޮލަރު ކޯޓަށް ދެއްކުމާ އެކު މައްސަލަ ބަލާ ނިމެންދެން އޭނާ ވަނީ އިއްޔެގެ ވަގުތެއްގައި ދޫކޮށްލައިފަ އެވެ.

ނިކޮލަޒް އިއްޔެގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރުމުން އޭނާއަސް ފުރިހަމަ އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެކަމަސް އިތުރު ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ނިކޮލަޒްގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް ދެން އެންމެ އަވަހަށް އޮންނާނީ އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ދުނިޔޭގެ ޓެނިސް ސިންގަލް ރޭންކިންގެ 16 ވަނައަށް އެރި ނިކޮލަޒް ވަނީ އޭނަގެ ޓެނިސް ކެރިއަރުގައި ތިން އޭޓީޕީ މުބާރާތުގެ އެއްވަނަ ހޯދައިފަ އެވެ. އެކަމަކު ހަތަރު ގްރޭންޑް ސްލޭމް މުބާރާތުގައި އެންމެ ދުރަކަށް ވެސް އޭނާއަށް ދަތުރު ކުރެވުނީ ހަތަރުވަނަ ރައުންޑާހަމައަށެވެ.

ނޮކޮލަޒްގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ މަދުވެގެން ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި އެހެން ކަންތައް ވެއްޖެ ނަމަ އޭނާގެ ޓެނިސް ކެރިއަރު ވެސް ނިމުމަކަށް އައުމަކީ ދުރުކަމެއް ނޫނެވެ.

comment ކޮމެންޓް