އަންނަ ސީޒަން ފެށޭނީ ލޮކްޑައުން އުވާލުމުން: ބައްސާމް

ފެބްރުއަރީ 19، 2020: 19 އެފްއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ/ އަހްމަދު ސައީދު

ކޮރޯނާވައިރަސް ހަލުވިމަކާ އެކު ފެތުރޭތީ މިހާރު އަޅާފައިވާ ލޮކްޑައުންގެ ހާލަތު ނިމުމުން ނޫނީ މި އަހަރުގެ ފުޓުބޯޅަ ސީޒަން ނުފަށާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އެފްއޭއެމުން ވަނީ މިިދިޔަ ސީޒަނުގެ ފަހު ދެ މުބާރާތް ކެންސަލްކޮށް އަވަހަށް ސީޒަން ނިންމާލައިފަ އެވެ. ކޮވިޑް-19 ރާއްޖޭގައި ފެތުރޭތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެފްއޭއެމުން ވަނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް މިއަހަރު އިތުރަށް ކުރިއަށް ނުގެންގޮސް ނިންމާލުމަށް ނިންމާފަ އެވެ.

އެއާ އެކު އަންނަ މަހު ފެށުމަށް ހަމަޖެހިފައި އޮތް 2020-2021 ވަނަ ސީޒަނަށް ވެސް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފަ އެވެ. އަންނަ މަހުގެ ތެރޭގައި ލީގުގެ ކުޅުން ފެށުމަށް ކަލަންޑަރު ހެދުމަށް އެފްއޭއެމުން ކުރިން މަޝްވަރާ ކުރި ނަމަވެސް މިހާރު ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީވެ، ސިއްހީ މާހިރުންގެ ދޭ ލަފާތަކަށް ބެލުމަށް ފަހު ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ޖޫން މަހު ފުޓްބޯޅަ ސީޒަން ނުފަށާނެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ތިބި ރެފްރީން ސީޒަން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ފީފާއާއި އޭއެފްސީ ގުޅިގެން ހިންގާ އޮންލައިން ކޯހެއްގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި ލޮކްޑައުން އުވާލުމުން އަންނަ ސީޒަން ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މީގެ ކުރިން ރާއްޖޭގެ ފުޓުބޯޅަ ސީޒަން ކުރިއަށް ގެންދިޔައީ އަހަރުން އަހަރަށް ނިންމާލާ ގޮތަށެވެ. އެކަމަކު ދުނިޔޭގެ ގިނަ އެހެން ގައުމުތަކެކޭ އެއްގޮތަށް ޖޫން މަހު ފުޓުބޯޅަ ސީޒަން ފަށާ ގޮތަށް އެފްއޭއެމުން ނިންމީ މިދިޔަ އަހަރު އެވެ. އެއާ އެކު ފުޓުބޯޅަ ސީޒަން ދިގުލައިގެން ދާތީ ބައެއް ފަރާތްތަކުން ވަނީ އެފްއޭއެމް އަށް ބޮޑެތި ފާޑު ކިޔުންތައް އަމާޒުކޮށްފަ އެވެ.

ރާއްޖޭގެ ފުޓުބޯޅަ ސީޒަން ނިންމާލި ނަމަވެސް އޭއެފްސީ ކަޕުގައި ރާއްޖޭގެ ދެ ކުލަބަކުން އަންނަނީ ވާދަ ކުރަމުންނެވެ. މާޒިޔާއާއި ޓީސީ ވާދަކުރާ އެ މުބާރާތް ވެސް މިވަގުތު އޮތީ މެދުކަނޑާލައިފަ އެވެ. އެކަމަކު އެ މުބާރާތް ކެންސަލް ކުރުމަށް އަދި ގޮތެއް ނިންމާފައި ނުވާ އިރު ގައުމުތަކުގެ ހާލަތު ރަނގަޅުވީހާ އަވަހަކަށް ނިއުޓްރަލް ސްޓޭޑިއަމްތަކުގައި ކުޅެގެން ވެސް މުބާރާތް ކުރިއަށް ގެންދިއުމަށް އޭއެފްސީ އިން ވަނީ މަޝްވަރާ ކޮށްފަ އެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާއިން ވަނީ އެހެން ގައުމުތަކަށް ދޭ އެހީތެރިކަން ރާއްޖެ އަށް ވެސް ފޯރުކޮށްދޭން ނިންމައިފަ އެވެ. އެގޮތުން ފީފާގެ މެމްބަރު ހުރިހާ ގައުމަކަށް 500،000 ޑޮލަރުގެ އެހީއެއް ދިނުމަށް އެ އިދާރާއިން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް