ހޫނު މޫސުމުގައި ގައުމުން ބޭރަށް ޗުއްޓީއަށް ދެވޭ ވަރު ވެދާނެ: ޖަރުމަނު

ޖަރުމަނުން ވަނީ ހޫނު މޫސުމުގައި ގައުމުން ބޭރަށް ޗުއްޓީއަށް ދެވޭ ވަރު ވެދާނެ ކަމަށް ބުނެފަ -- ފޮޓޯ: ގެޓީ

ބާލިން (މެއި 7): އަންނަ މަހު ފެށޭ ހޫނު މޫސުމުގައި ޖަރުމަނުގެ މީހުންނަށް ޗުއްޓީ ހޭދަ ކުރަން ގައުމުން ބޭރަށް ދެވޭވަރު ވެދާނެ ކަމަށް އެގައުމުގެ ޓުއަރިޒަމް ކޮމިޝަނަރު ތޯމަސް ބަރެއިސް ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި ގައުމުތަކުގެ ތެރޭގައި ހިމެނޭ ޖަރުމަނުން ވަނީ އެގައުމުގައި ވައިރަސް ކޮންޓްރޯލްކޮށްފައިވާ ކަމަށް މިދިޔަ މަހު އިއުލާންކޮށްފަ އެވެ. އަދި ބަރެއިސް ވިދާޅުވި ގޮތުގައި ޖަރުމަނުގައި ވައިރަހުގެ ކޭސްތައް އިތުރުވަމުން ނުދާ ނަމަ އެގައުމުގެ މީހުންނަށް ހޫނު މޫސުމުގައި އަވަށްޓެރި ގައުމުތަކަށް ޗުއްޓީ ހޭދަ ކުރަން ދެވޭނެ އެވެ.

ނަމަވެސް އެގޮތަށް ދެވޭނީ ކާރުން ދެވޭ ފަދަ ދުރުމިނުގައި އޮންނަ އަދި ވައިރަހުގެ ކޭސްތައް މަދު ގައުމުތަކަށެވެ. އެގޮތުން ބަރެއިސް ވަނީ އޮސްޓްރިއާ އާއި ފްރާންސާއި ޕޮލޭންޑާއި ބެލްޖިއަމް އާއި ނެދަލޭންޑްސް ފާހަގަ ކުރައްވާފަ އެވެ. އަދި އެކަމާ ބެހޭ ގޮތުން ޖަރުމަނުން ޔޫރަޕްގެ އެހެން ގައުމުތަކާ ވާހަކަ ދައްކަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ޖަރުމަނުގައި 168،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އެގައުމުގައި ބަލީގައި މަރުވި މީހުންގެ އަދަދު ހުޅަނގު ޔޫރަޕްގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު މަދެވެ. އެގޮތުން އެގައުމުން ބަލީގައި މަރުވެފައި ވަނީ 7،275 މީހުންނެވެ. އެއާ އަޅާ ބަލާއިރު އިޓަލީން 29،000 މީހުންނާއި ސްޕެއިން އިން 25،000އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ރެކޯޑުކޮށްފައިވެ އެވެ.

މީގެ އިތުރުން، މިދިޔަ މަހު ކޮންމެ ދުވަހަކު އެތައް ހާސް މީހުން ވައިރަހަށް ޕޮޒިޓިވްވަމުން އައި ޖަރުމަނުގައި ފާއިތުވި ހަތަރު ދުވަސް ތެރޭ ކޮންމެ ދުވަހަކު ޕޮޒިޓިވްވި މީހުންގެ އަދަދު 1،000އަށް އަރާފައި ނުވެ އެވެ.

މުޅި ޔޫރަޕްގައި މިހާތަނަށް 1.4 މިލިއަން މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 142،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް އެ ސަރަހައްދުގައި ވައިރަސް އެންމެ ބޮޑަށް ފެތުރުނު ގައުމުތަކުގެ ތެރޭގައި ހިމެނޭ ފްރާންސާއި އިޓަލީ އާއި ސްޕެއިންގައި އަލަށް ވައިރަހަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު މިހާރު ވަނީ ދަށްވެފަ އެވެ. އަދި އެގައުމުތަކުން ދަނީ ލޮކްޑައުންގެ ފިޔަވަޅުތައް ލުއި ކުރަމުންނެވެ.

comment ކޮމެންޓް