މާލެއިން ރަށަށް ދާން އެދުނު 42 މީހަކު ކަރަންޓީންކޮށްފި

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ އެންއީއޯސީ

ކުރު މުއްދަތަކަށް މާލެ އައިސް، ރަށަށް ނުދެވި ތާށިވެފައިވާ ފަރާތްތަކުގެ ތެރެއިން ރަށަށްދާން އެދުނު 42 މީހަކު މިހާރު ކަރަންޓިންކޮށްފައިވާ ކަމަށް އެންއޯއީސީ އިން ބުނެފި އެވެ.

މާލެއިން ވައިރަސް ފެނުމާއެކު މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު މިއޮތީ ލޮކްޑައުންގައެވެ. އެއާއެކު ރަށަށް ދާން ބޭނުންވާ މީހުން ރަށަށް ދިޔުމަށް ޖެންޑާ މިނިސްޓްރީ އާއި އެ ރަށެއްގެ ކައުންސިލްތަކުން ރަޖިސްޓްރީވުމަށް ވަނީ ހުޅުވާލާފައެވެ.

މިރޭ ދަރުބާރުގޭ، އެންއޯއީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، މާލޭގައި ތާށިވެ މީހުންގެ ތެރެއިން މިހާތަނަށް 42 މީހަކު ކަރަންޓިން ފެސިލީޓީތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ، އެ ބޭފުޅުނަށް ރަށަށް ދެވޭނީ އޮންނަ އުސޫލުގެ ދަށުން އެ ފެސިލީޓީތަކުގައި 14 ދުވަހުގެ މުދަތަކަށް ތިބުމަށްފަހު އެވެ.

ރަށްރަށް ދާން ބޭނުންވާ ފަރާތްތައް ކަރަންޓީން ކުރަނީ، ދާން ބޭނުންވާ ރަށްތަކުގައި އެންމެ ކައިރީ ހުރި އެކަމަށް ހާއްސަކޮށްފައިވާ ކަރަންޓިން ފެސިލީޓީތަކުގައެވެ.

މިހާރު ވެސް އެކި އެކި ކަރަންޓީން ފެސިލީޓީތަކުގައި ޖުމްލަ 1،700 އަށްވުރެ ގިނަ މީހުން ކަރަންޓީންކޮށްފައި އެބަތިބި އެވެ. އަދި މިއަދު 14 ދުވަހުގެ މުއްދަތު ހަމަވެގެން 278 މީހަކު ޓެސްޓް ހެދުމަށް ފަހު، ނެގަޓިވްވުމުން ދޫކޮށްލާފައިވާނެ ކަމަށް މިރޭ މަބްރޫކު ހާމަ ކުރެއްވި އެވެ. އަދި އިތުރު 113 މީހެއްގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށްވެސް މަބްރޫކު ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްެރީން މިދިޔަ އަންގާރަ ދުވަހު އާންމު ކުރި އިއުލާނުގައި ކުރު މުއްދަތަކަށް ރަށަށް ދާން ބޭނުންވާ ފަރާތްތަކަށް އިސްކަންދޭނެ ތަރުތީބު ވަނީ ބަޔާން ކޮށްފައެވެ. އެ އުލާންގައި ބުނާގޮތުން އެންމެ އިސްކަންދޭނީ އޭޕްރީލް އެކެއްގެ ނުވަތަ އޭގެ ފަހުން މާލެ އައިސް އެނބުރި ނުދެވި ތިބި މީހުން އަނބުރާ ފޮނުވާލުމަށް ކަމަށެވެ.

އެގޮތުން އެންމެ އިސްކަންދޭނީ އާސަންދަ ނުވަތަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީ ގެ އެހީތެރިކަމާއި އެކު ބޭސްފަރުވާއަށް މާލެ އައިސް އެނބުރި ރަށަށް ނުފުރިފައިވާ ފަރާތްތައް ފޮނުވާކުމަށް ކަމަށާއި ފަސް އަހަރުން ދަށުގެ ކުދިންނާއެކު ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ފަރާތްތައް އަދި ވިހެއުމަށް މާލެ އައިސްފައިވާ އަންހެނުންނާއި، އެފަރާތްތަކުގެ ޢާއިލާގެ މީހުންނަށް އިސްކަންދޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

އަދިވެސް އެހެން ކްރައިޓީރިއާތައް އިއުލާންގެ ދަށުން ވަނީ ތަރުތީބު ކުރެވިފަ އެވެ.

ރަށަށް ދާން ބޭނުންވާ ފަރާތްތަކުން ރިޕޯޓު ކުރަން ޖެހެނީ ޖެންޑާ މިނިސްޓްރީ ނުވަތަ އެރަށެއްގެ ރަށު ކައުންސިލަށެވެ. ޖެންޑާ އިން ބުނީ ރަށަށް ދިއުމަށްޓަކައި އެމިނިސްޓްރީ އަށް ނުވަތަ އެފަރާތެއް ނިސްބަތްވާ ރަށު/ސީޓީ ކައުންސިލުގެ އިދާރާއަށް މިހާތަނަށް ރިޕޯޓްކޮށްފައިނުވާ ފަރާތްތަކުން 1421 އަށް ނުވަތަ [email protected] ނުވަތަ އެ ރަށެއްގެ ކައުންސިލަށް ރިޕޯޓުކުރަމުން ގެންދިއުމަށް އެދޭކަމަށެވެ.

https://sun.mv/136151

comment ކޮމެންޓް